ވިޔަފާރިވެރިއަކު ކުރާ އެންމެ ފައިދާހުރި ވިޔަފާރިއެއް! އަތުގަ އެންމެ ރުފިޔާއެއް ނެތަސް ކޮންމެ މީހަކަށްވެސް ފައިދާ ހޯދިދާނެ ވިޔަފާރިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ވިޔަފާރިވެރިއަކު ކުރާ އެންމެ ފައިދާހުރި ވިޔަފާރިއެއް! އަތުގަ އެންމެ ރުފިޔާއެއް ނެތަސް ކޮންމެ މީހަކަށްވެސް ފައިދާ ހޯދިދާނެ ވިޔަފާރިއެއް!

އެއީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ މިލިއަނަރުން ފެންވަރުގެ ބޮޑު ވިޔަފާރިވެރިއެކެވެ. އެކިއެކި ކަންކަމުގައި އޭނާއާއި ބައްދަލުކުރަން ގިނަ ބައަކު ކޮންމެ ދުވަހަކުވެސް ގުޅައެވެ. ހަމަ ގުޅާއިރަށް ބުނާނީ ޖެހިގެން އަންނަ ނަމާދުގެ ޖަމާއަތަށް މިވެނި މިސްކިތަކަށް އައުމަށެވެ. އޭނާ އާއި ބައްދަލުކުރަން ބޭނުންނަމަ ޖެހޭނީ އެ މިސްކިތަކަށް ނަމާދަށްދާށެވެ!

ކޮންމެހެން ވިޔަފާރިވެރިއަކަށް ނުވި ނަމަވެސް މިއީ ކުރެވިދާނެ ކަމެކެވެ. ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެއިރުން ޢާންމުކޮށް ނަމާދު ނުކުރާ މީހަކު ނަމަވެސް އެމީހަކާއި ބައްދަލުކުރަން ބޭނުން ނަމަ ޖެހޭނީ ނަމާދަށްދާށެވެ. އެގޮތުން ދާދިއުމެއްގެ ސަބަބުން ނަމަވެސް އެމީހެއްގެ ހިތުގައި ނަމާދުކުރުމަށް ލޯބި ޖެހިއްޖެ ނަމަ އެ ލިބުނީ ކިހައި ބޮޑު ފައިދާއެއް ހެއްޔެވެ؟

އަހަރެން ޤަބޫލުކުރާ ގޮތުގައި އެވިޔަފާރިވެރިޔާކުރާ އެންމެ ފައިދާހުރި ވިޔަފާރިއަކީ މީސްތަކުން ނަމާދުކުރަން ޝައުޤުވެރިކުރުވަން މަސައްކަތްކުރުމެވެ. އެކަމުގެ ސަބަބުން އޭނާއަށްވެސް ގިނަ ޘަވާބު ދެއްވަވާނެތީއެވެ. އަދި އޭނާގެ މަސައްކަތުގައާއި އެހެން ކަންކަމުގައިވެސް ބަރަކާތް ލައްވަވާނެތީއެވެ! މިއީ އަތަށް ފައިސާއަރާ ވިޔަފާރިއަކަށް ނުވިނަމަވެސް ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ވިޔަފާރިއެކެވެ! އަދި އަތުގައި އެއްވެސް ކެޕިޓަލެއް ނެތް މީހާއަށްވެސް ކުރެވޭނެ ވިޔަފާރިއެކެވެ.

މީސްތަކުންނޭވެ! ދުނިޔެ ދޫކޮށްފައިދާއިރު ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ކޮންމެވެސް މީހަކަށް އިސްލާމް ދީނަށް ދައުވަތު ދިނުމެވެ. އެހެނީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމަކަށްވާތީއެވެ. ޣައިރުން މުސްލިމުން އަވަށްޓެރިންގެ ގޮތުގައި ތިބިނަމަ އެންމެ ކުޑަމިނުން އިސްލާމް ދީނާއިމެދު ޞައްޙަ މައުލޫމާތު ފޯރުކޮށްދެވޭނެ ލީފްލެޓެއް ފަދަ އެއްޗެއް ދިއްކޮށްލާށެވެ. އަދި ތިމާއަކީ މިކަންކަން ޤަބޫލުކޮށް އަމަލުކުރާ މީހަކު ކަމަށް ބުނެލާށެވެ.

މުސްލިމުންގެ ތެރެއިން އިސްލާމް ދީނާއި ދުރުހެލި މީހަކު އިސްލާމް ދީނާއި ކައިރި ކުރުވުމަކީވެސް ހަމަ އެހައިމެ ގިނަ ގުނަ ސަވާބު ދެއްވަވާނެ ކަމެކެވެ. އެމީހެއްގެ ސަބަބުން މީހަކު އިޞްލާޙްވެ ހެޔޮ އަމަލުކުރަން ފަށައިފިނަމަ އެމީހަކު ކުރާ އަމަލުގެ ސަވާބުން އެއްވެސް އުނިވުމެއް ނެތި އެކަމަށް މަގުފަހިކޮށްދިން މީހަކަށް ސަވާބު ދެއްވަވާނެތެވެ. ވީއިރު މިއީ ކިހައި ބޮޑު ރަޙްމަތެއް އަދި ނިޢްމަތެއް ހެއްޔެވެ؟

މިގޮތުން ބަލައިފި ނަމަ އެކުވެރިންނަށް ނަމާދަށް ދައުވަތު ދިނުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ވަރަށް މަތިވެރި ކަމެކެވެ. އަދި މިނޫން ކަންކަން ވެސް ބައިވަރެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން