ޢާއިޝަތުގެފާނުގެ ސީރަތު 5: މާތް ރަސޫލާ ޢާއިޝަތުގެފާނާ ކާވެނި ބައްލަވައިގަތުން-

ކިޔުމަށް ހޭދަވާނީ 2މ 26ސ
ޢާއިޝަތުގެފާނުގެ ސީރަތު 5: މާތް ރަސޫލާ ޢާއިޝަތުގެފާނާ ކާވެނި ބައްލަވައިގަތުން-

ޢަލީ އިޙްޞާން ފިރާޤް

 

އުންމަތުގެ ސާހިބަށް ޒަވާޖުން ގުޅިވަޑައިގެންކަމުން

      އުންމަތުގެ މައިކަނބަލަކަށް ވެއްޖެއޭ ހަމަކަށަވަރުން 

އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިސް ޞަޙާބީއެއްކަމުގައިވާ ޢުޘްމާން ބިން މަޡްޢޫނުގެ އަނބިކަނބަލުން ޚައުލާ ބިންތު ޚަކީމް، މާތް ރަސޫލާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު އިތުރު ކާވެނިފުޅެއް ނުކުރައްވައި ހުންނަވަނީ ކީއްވެތޯއެވެ؟] މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [ކާވެނިކުރާނީ ކޮންބޭކަނބަލަކާތޯއެވެ؟] ޚައުލާ ދެންނެވިއެވެ. [ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ ބިކުރުވެރި ބޭކަނބަލަކާއެވެ. ނޫންނަމަ ޘައްޔިބު ބޭކަނބަލަކާއެވެ.] ޙަދީޘް ކުރެއްވިއެވެ. [ބިކުރުވެރި ބޭކަނބަލަކީ ކޮބައިތޯއެވެ؟] ޚައުލާ ދެންނެވިއެވެ. [ޚަލްޤުތަކުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވާ ފަރާތުގެ ދަރިކަނބަލުން ޢާއިޝާ ބިންތު އަބީބަކުރެވެ.] ޙަދީޘް ކުރެއްވިއެވެ. [ބިކުރުވެރިނޫން ބޭކަނބަލަކީ ކޮބައިހެއްޔެވެ؟] ޚައުލާ ދެންނެވިއެވެ. [ޒަމްޢަތުގެ ދަރިކަނބަލުން ސައުދާއެވެ] 

ދެން ޚައުލާ އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އަޅުގަނޑު މި އައީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ފޮނުއްވައިގެންނެވެ. އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝާއާ ކާވެނިފުޅު ބެއްލެވުމަށެވެ.] އަބޫބަކުރުގެފާނު ވިދާޅުވީ އިހަށް މަޑުކޮށް ލުމަށެވެ. އެއަށްފަހު އެކަލޭގެފާނު ގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ. 

ޢާއިޝަތުގެފާނުގެ މައިކަނބަލުން އުއްމު ރޫމާން ރަޟިޔަﷲ ޢަންހާ ޚައުލާއަށް ދެންނެވިއެވެ. [މުތުޢިމު ބިން އަދިއްޔު ވަނީ އޭނާގެ ދަރިފުޅާ، ޢާއިޝާއާ ކާވެނިކޮށްދޭން އެދި ހުށައަޅާފައެވެ. އަބޫބަކުރުގެފާނަކީ، އެކަލޭގެފާނު ވެވަޑައިގަންނަވާ ވަޢުދަކާ ޚިލާފުވެވަޑައިގަންނަވާނެ ބޭކަލެއް ނޫނެވެ.] 

އަބޫބަކުރުގެފާނު، މުތުޢިމު ބިން އަދިއްޔުގެ ގެއަށް ވަޑައިގެންނެވިއެވެ. އޭރު އޭނާގެ އަންހެނުން އެތަނުގައި ހުއްޓެވެ. އޭނާ އަބޫބަކުރުގެފާނަށް ދެންނެވިއެވެ. [އޭ ޤުހާފާގެ ދަރިކަލުންނޭވެ. އަހަރެމެންގެ ދަރިފުޅު ކަލޭގެފާނުގެ ދަރިކަނބަލުންނާ ކާވެނީގެ ގޮތުން ގުޅިއްޖެނަމަ، ފަހަރެއްގައި އޭނާ ކާބަފައިންގެ ދީން ދޫކޮށް ހިނގައިދާނެއެވެ.] ކޮންމެއަކަސް، ޢާއިޝަތުގެފާނާއި މުޠުޢިމުގެ ދަރިފުޅާ ވެފައިވާ ކާވެނީގެ އެންގޭޖުމަންޓް އެމީހުން އަމިއްލައަށް ރޫޅައިލިކަމަށްޓަކައި ޝުކުރު ކުރައްވަމުން އަބޫބަކުރުގެފާނު އެކަލޭގެފާނު ގެކޮޅަށް ވަޑައިގެންނެވިއެވެ. 

މިދެންނެވި ކަންތަކަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ، ސައުދާ ރަޟިޔަﷲ ޢަންހާ އާއި، ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. ނަމަވެސް ޢާއިޝަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ގަނޑުވަރަށް ވަޑައިގެންނެވީ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމަށްފަހުގައެވެ.

މިއަދު އޮންލައިން