ކަންކަން ކުރިމަތިވާން އުޅޭކަން ބައެއް މީހުންނަށް ކުރިން ވިސްނޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކަންކަން ކުރިމަތިވާން އުޅޭކަން ބައެއް މީހުންނަށް ކުރިން ވިސްނޭ ސަބަބު-

އެއްވެސް ދެމީހަކީ ހުރިހާ ކަންކަމުގައި އެއްގޮތް ދެމީހުންނަކަށް ނުވާނެއެވެ. ތަފާތުތަކެއް ހުންނާނެއެވެ. އެއިގެ ތެރެއިން އެންމެ ބޮޑަށް ފައިދާކުރާނީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެއްޖެނަމައެވެ.

ބައެއް މީހުންނަށް ކުރިމަތިވާ ބައެއް ކަންކަން ކުރިމަތިވުމުގެ ކުރިން ކޮންމެވެސް މިންވަރެއްގެ އިޝާރާތްތަކެއްވާކަމަށް ބުނެއެވެ. އެއީ ހަމަ މެދުވެރިވާ ކަމެކެވެ. ވާން އުޅެނީ ކޮންކަމެއްކަން ނުއެނގުނު ނަމަވެސް ކޮންމެވެސް ކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޝާރާތް ބައެއް މީހުންނަށް ލިބެއެވެ. އަދި ބައެއް މީހުންނަށް އެމީހާއަށް ކުރިމަތިވާން އުޅެނީ ހިތާމައެއްކަން ނުވަތަ އުފާވެރިކަމެއްކަން ވެސް އިޙްޞާޞް ކުރެވެއެވެ.

ސުވާލަކީ އެކަންކަން އެހެން މެދުވެރިއެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ޢިޝާރާތް އޭނާއަށް އެލިބެނީ ކީއްވެގެން ހެއްޔެވެ؟

މިސުވާލުގެ ޖަވާބު އަހަރެންނަށް ވިސްނޭ ގޮތަށް ބުނެލާނަމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލްކޮށް އީމާންވެގެން ހުންނަ، ﷲ ތަޢާލާ ބާއްވަންޖެހޭ ހުރިހާ ގުޅުންތަކެއް ބާއްވައިގެން އުޅޭނަމަ މިފަދަ ކަންކަން މިންވަރުކުރެއްވެވުމަކީ އެކަށީގެންވާ ކަމެކެވެ. ގިނައިން މިފަދަ ގޮތްތައް މެދުވެރިވަނީ ހެޔޮލަފާ މީހުންނަށެވެ. ތަޤްވާވެރިންނަށެވެ.

މީހަކަށް އެފަދަ ރަޙްމަތެއް ލައްވަވައިފިނަމަ އުފާކުރާށެވެ! ތިމާ އާއި ﷲ ތަޢާލާ ގުޅިފައިވާކަން ޤަބޫލުކުރާށެވެ. ވީމާ ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ހަމައެއާއިއެކު އަހަރެމެން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވެވޭތޯއެވެ! އެކަން ޙާޞިލުކުރެވޭނީ ތަޤްވާވެރިކަމުގެ ތެރެއިންނެވެ. އެކަލާނގެ އިރާދަކުރެއްވެވި އަޅަކަށެވެ.

އަހަރެންގެ ނަޞޭޙަތަކީ މިފަދަ ނިޢްމަތެއް މިންވަރު ކުރެއްވެވި ނަމަވެސް އެކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނުމެވެ. އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން