ޤުރްއާނާއި ގުޅުން ބަދަހިކޮށް ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ މީހަކު ކަމުގަވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޤުރްއާނާއި ގުޅުން ބަދަހިކޮށް ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ މީހަކު ކަމުގަވާށެވެ!: މުފްތީ މެންކް

ރަމަޟާން މަސް އައުމުން ޤުރްއާން ކިޔަވައި އުނގެނޭ ބައަކު އުޅެއެވެ. އެމީހުން ހިމެނޭނީ ޤުރްއާނާއި ގުޅުން ބަދަހިކުރާ މީހުންގެ ތެރެއިންނެވެ. ހަމައެއާއިއެކު ރަމަޟާން މަސް އައިނަމަވެސް ޤުރްއާނާއިމެދު ފަރުވާކުޑަކޮށް، އަޅައިނުލާ ބައަކުވެސް އުޅެއެވެ.

ކޮންމެ ދުވަހަކުވެސް މަދުވެގެން ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއް ނަމަވެސް ކިޔަވައި އެއިގެ މާނަ އުނގެނެން މަސައްކަތް ނުކޮށް ތިމާއަކީ ޤުރްއާނަށް ލޯބިކުރި މީހެއްކަމުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ތިމާ ލޯބިވާ މީހަކު ކިތަންމެ ދިގު ސިޓީއެއް ފޮނުވި ނަމަވެސް އެސިޓީގައިވާ އެއްޗެއް އެތައްފަހަރަކު ކިޔައި އެއިގައިވާ ވާހަކަތައް ހިތަށް ގެނެވެންދެން އެކަމަށް މަސައްކަތްކުރަމުއެވެ! ވީއިރު ﷲ ތަޢާލާ ބާވައިލެއްވެވި ޤުރްއާން ނުކިޔަވައި އެއިގައިވާ އެއްޗެއް ހިތަށް ނުގެނެވޭ މީހަކަށް ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާކަމަށް ބުނެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލައްވަވަން ފެށްޓެވީ ރަމަޟާން މަހުގައެވެ. ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރުކަމަށް ބުނެވެނީ އެ ސަބަބަށްޓަކައެވެ. ނަމަވެސް އެހެން މަސްތަކުގައިވެސް ކީރިތި ޤުރްއާން ބާވައިލެއްވެވިއެވެ. އެކަމުން އެނގިގެންދަނީ ހަމައެކަނި ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔަވައިގެން ނުފުދޭނެކަމެވެ. ކޮންމެ މަހަކުވެސް ކޮންމެ ދުވަހަކުވެސް ކިޔަވަން ޖެހޭނެ ކަމެވެ.

ވީމާ މިހާރުވެސް އަބަދުވެސް ކިޔަވާށެވެ! އުނގެނޭށެވެ! ކީރިތި ޤުރްއާނުގެ އަހުލުވެރިންކަމުގައި ވެވޭނީ އެއިރުންނެވެ. ކީރިތި ޤުރްއާނުގެ އަހުލުވެރިންނަށްވުރެ ޤިޔާމަތް ދުވަހު އުފާކުރާނެ ބައަކު ނުތިބޭނެއެވެ. ވީމާ ޤިޔާމަތްދުވަހު އެންމެ އުފާކުރާނެ މީހުންގެ ތެރެއިން ވުމަށް ގަދައަލައި މަސައްކަތްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން