ލޯބިވެރިޔާއާއެކު އެކަހެރިވުމަކީ ޢަރުޝީގެ ހިޔާވަހިކަން ގެއްލުމުގެ ފުރުޞަތު ބޮޑު ކަމެކެވެ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލޯބިވެރިޔާއާއެކު އެކަހެރިވުމަކީ ޢަރުޝީގެ ހިޔާވަހިކަން ގެއްލުމުގެ ފުރުޞަތު ބޮޑު ކަމެކެވެ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ!

ކައިވެނިކުރާ ޢުމުރުކަމަށްވެފައި ކައިވެނިކުރެވެން ތިބިނަމަ އަވަހަށް ކައިވެނިކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނާށެވެ! އެއިރުން ދެން ހުރި އެހެންކަން އެކަލާނގެ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

އުފާވެރިކުރަންވީ ލޯބިވެގެން އުޅޭ ޙަޔާތަކަށް ނޫނެވެ. މުހިންމީ ހަރުދަނާ ދިރިއުޅުމެކެވެ! ބިރުވެތިވާންވީ އާޚިރަތްދުވަހަށެވެ! ވީމާ އާޚިރަތް ދުވަހު އެންމެ އުފާކުރާނެ 7 ބާވަތުގެ މީހުންގެ ތެރޭގައި ހިމެނި ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ! އެކަން ޙާޞިލުކުރެވޭނީ ޢިއްފަތްތެރިކަން ޙިމާޔަތްކުރެވިގެންނެވެ.

ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ލޯބިވެރިޔާއާއިއެކު އެކަހެރިނުވާށެވެ! ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ތިބާއަށް ލިބެން އޮތް މަތިވެރި ފުރުޞަތު ގެއްލިދާނެއެވެ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަކަމުގައި ނޫނީ ނުވާނެއެވެ.

ޚާއްޞަކޮށް ވާހަކަ ދައްކާލަން ނަމަވެސް ތަޅުލެވޭ ތަނެއްގައި އެކަނި ނުތިބޭށެވެ! ބަގީޗާއެއްގެ ތެރޭގައި މީހުންނަށް ފޮރުވިގެން ނުތިބޭށެވެ! މިފަދަ ކޮންމެ ކަމަކުން ވެސް މިބުނި ފުރުޞަތު ގެއްލިގެން ހިނގައިދާނެއެވެ!

އެކަހެރިވީ އެފަދަ ޢަމަލެއް ކުރުމުގެ ޤަޞްދުގައި ނޫން ނަމަވެސް އެކަހެރިވުމުން ކަންކަން ބަދަލުވެގެންދާނީ ގޯހުން ގޯހަށެވެ! ފުރަތަމަ ޝައިޠޯނާ ވަސްވާސްދޭނީ އެކަހެރިވުމަށެވެ. އެކަހެރިވުމުން ދެން ވަސްވާދޭނީ ޒިނޭކުރުމަށެވެ. އެހިސާބުން އެއޮތީ ޢިއްފަތްތެރިކަން ޙިމާޔަތްކޮށްގެން ޢަރުޝީގެ ހިޔާވަހިކަން ހޯދެން އޮތް ފުރުޞަތު ގެއްލިނިމިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން