މިސްކިތުގަ އެހެން މީހުންނަށް އުނދަގޫވާވަރަށް ބާރަށް ކިޔެވުން ހުއްދަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިސްކިތުގަ އެހެން މީހުންނަށް އުނދަގޫވާވަރަށް ބާރަށް ކިޔެވުން ހުއްދަތަ؟

މިސްކިތުގައި ބައެއް މީހުން ކިޔަވަނީ ބާރަށެވެ. ބާރަށް ކިޔެވުން ހުއްދަވެގެންވަނީ އެކަނި އިންނަމައެވެ. އަޑުއިވޭ ހިސާބުގައި އެކަމުން އުނދަގޫވާނެ އެހެން މީހަކު ނެތް ނަމައެވެ.  

މިޘާލަކަށް ހުކުރު ދުވަހު މީހަކު މިސްކިތަށް އަރައި އިށީންއިރު ދެފަރާތުގައި ތިބި ދެމީހުން އަޑުހަރުކޮށް ސޫރަތް ކިޔަވަނީއެވެ. އެމީހާއަށް މިޖެހެނީ އެދެމީހުންގެ އަޑަށްވުރެ ބާރަށް ކިޔަވާށެވެ. އެއީ އެމީހުން ކިޔަވާ އެއްޗެއްގެ އަޑުން ލިބޭ އުނދަގުލުން ސަލާމަތްވުމަށެވެ.  

ހުކުރު ދުވަހުގައި ނޫނަސް މިމައްސަލަ ކުރިމަތިވެއެވެ. އެގޮތަށް އެކަން ނުކުރާށެވެ. ޖެހިގެން ތިބޭ މީހުންނަށް އުނދަގޫވާރަށް ކިޔެވުން ރަސޫލް ވަނީ މަނާކުރައްވަވައިފައެވެ. ޙަދީޘްފުޅުކުރެއްވެވި ބަސްފުޅުގެ މާނައިގައިވަނީ ﷲ ތަޢާލާއީ ކިތަންމެ މަޑުން ކިޔެވިނަމަވެސް އަޑުއިވިވޮޑިގެންވާ ރަސްކަލާނގެއެވެ.  

މިސްކިތުގައި، މީހުންގެ ތެރޭގައި އިނދެގެން ކިޔަވާނަމަ ކިޔަވަންވާނީ ހަމައެކަނި ތިމާއަށް އަޑުއިވޭވަރަށެވެ. އެއިރުން އެހެން މީހަކަށް އުނދަގުލެއް ނުވާނެއެވެ. އަދި ތުންތަޅުވާތީ މީހުންނަށް ކިޔަވާކަން އެނގުމަކީވެސް މައްސަލައެއް ނޫނެވެ. ކިޔަވަންޖެހޭނީ ދުލާއި ތުންފަތް ޙަރަކާތްކޮށްގެންނެވެ. އަދި ކުރިން ބުނި ފަދައިން އަމިއްލަ ނަފްސަށް އަޑުއިވޭވަރަށެވެ.  

ބައެއް މީހުން ވަރަށް ރީތި ރާގުތަކަށް، ތަޖްވީދުމަގުން ވަރަށް ފުރިހަމައަށްވެސް ކިޔަވައެވެ. ކިތަންމެ ރިވެތިކޮށް ކިޔަވަން އެނގުނަސް ކުރިން މިބުނި ފަދައިން އެހެން މީހުންނަށް އުނދަގޫވާވަރަށް ބާރަށް ނުކިޔަވާށެވެ! މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  

އަހަރެމެން ޤުރްއާން ކިޔަވަނީ އެކަމުން ޘަވާބުހޯދުމަށެވެ. ޘަވާބު އިތުރުވާނީ ރަސޫލާ ޙަދީޘްފުޅުކުރައްވަވާފައިވާ ގޮތަށް އެކަންކުރުމުންނެވެ. އެމީހަކަށް ކިޔެވުނުހައި ބާރަށް ކިޔެވުމަކުން ނޫނެވެ. އެކަނި އިންނަނަމަ ، އަޑު އިވުމުން އުނދަގޫވާނެ ބައަކު ނެތްނަމަ އެމީހަކު ހިތްއެދޭ އެމީހަކަށް ފަސޭހަ މިންވަރަކަށް ބާރަށް ކިޔެވުމަކީ މައްސަލައެއް ނޫނެވެ. މިބަޔާންކުރީ މީހުންނަށް އުނދަގޫވާގޮތަށް ކިޔެވުމުގެ ވާހަކައެވެ.  

- ޝައިޚް ޢާޞިމް އަލްޙަކީމް

 

މިއަދު އޮންލައިން