ޢާއިޝަތުގެފާނުގެ ސީރަތު 6: ބައްޕާފުޅާއި ލޮބުވެތި ފިރިކަލުން މަދީނާއަށް ހިޖްރަކުރެއްވުން-

ކިޔުމަށް ހޭދަވާނީ 8މ 31ސ
ޢާއިޝަތުގެފާނުގެ ސީރަތު 6: ބައްޕާފުޅާއި ލޮބުވެތި ފިރިކަލުން މަދީނާއަށް ހިޖްރަކުރެއްވުން-

ޢަލީ އިޙްޞާން ފިރާޤް

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަހަރެންގެ މައިންބަފައިން އިސްލާމްދީންނޫން އެހެން ދީނެއްގައި އުޅުނު ހަނދާނެއް އަހަރެންގެ ނުހުރެއެވެ. ހަމައެހެންމެ ކައުއިތުރު ރަސޫލާ އަހަރެމެންގެ ގެއަށް ފައިންޕުޅު ނުބީއްސަވާ އެއްވެސް ދުވަހެއް ފާއިތުވެގެން ދިޔަ ހަނދާނެއްވެސް އަހަރެންގެ ނުހުރެއެވެ. ދެންފަހެ، މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން އޭގެ އިންތިހާއަށް ދިޔުމުން އަހަރެންގެ ބައްޕާފުޅު އަބޫބަކުރުގެފާނު މައްކާއިން ނުކުމެވަޑައިގެން ޙަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު [ބިރުކުލް ޣިމާދު] އާ ހަމައަށް ވަޑައިގެންނެވިތަނާ އެތަނުން قَارَة ގެ ސަރުދާރު އިބްނުއް ދަޣުނާއާ ބައްދަލުވެވަޑައިގެންނެވިއެވެ. އޭނާ އަބޫބަކުރުގެފާނަށް ދެންނެވިއެވެ. 

"އޭ އަބޫބަކުރެވެ. ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟" 

އަބޫބަކުރެގެފާނު ޖަވާބު ދެއްވިއެވެ. [އަޅުގަނޑުގެ ޤައުމުގެ މީސްތަކުން އަޅުގަނޑުގެ ދީނާހުރެ، އަޅުގަނޑު ރަށުން ނެރެ ބޭރުކޮށްލައިފިއެވެ. އެހެންކަމުން އަޅުގަނޑުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރެވޭނެ ފަދަ ތަނަކަށް ދެވެންދެން ބިމުގައި ދަތުރުފަތުރު ކުރަންކަމަށެވެ.] 

އިބްނުއް ދަޣުނާ  ވިދާޅުވިއެވެ. [އޭ އަބޫބަކުރެވެ. ކަލޭގެފާނުފަދަ މީހަކު ޤައުމުން ބޭރުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ކަލޭގެފާނަކީ މުހުތާދުވެރިންނަށް އެހީތެރިވެވަޑައިގަންނަވާ ބޭކަލެކެވެ. ކަލޭގެފާނު އެބައިމީހުންގެ ދިރިއުޅުން ހަމަޖައްސަވައިދެއްވައި ހައްދަވަމުއެވެ. އަވައްޓެރިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ޤާއިމުކުރައްވައި އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދެއްވައި އުޅުއްވަމުއެވެ. ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެއްވައި، މެހެމާނުންނަށް ކަމޭހިއްތަވައި، މުސީބާތްޖެހުފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވައި އުޅުއްމުއެވެ. އެހެންކަމުން އަޅުގަނޑު ކަލޭގެފާނަށް ޙިމާޔަތްދީފީމުއެވެ. ޤައުމަށް އެނބުރި ވަޑައިގެން ކަލޭގެފާނުގެ ގެކޮޅުގައި އަޅުކަން ކުރައްވާށެވެ.] 

ދެން އަބޫބަކުރެގެފާނު، އިބްނުއް ދަޣުނާ  އާއިއެކުގައި މައްކާއަށް އަރާވަޑައިގެންނެވިއެވެ. ދެން އެދުވަހުގެ ހަވީރުގެ ވަޤުތުގައި އިބްނުއް ދަޣުނާ މައްކާގެ ޤުރައިޝުންގެ ޤަބީލާތަކުގެ މަޖްލީސްތަކަށްގޮސް ދެންނެވިއެވެ.  

[އަބޫބަކުރުގެފާނު ފަދަ މީހަކު ޤައުމުން ބޭރުވެގެން ދިޔުމަކީ ކިހާ ގެއްލުން ބޮޑު ކަމެއްތޯއެވެ.؟ މުޙުތާދުވެރިންނަށް އެހީތެރިވެވަޑައިގަންނަވާ، އެބައިމީހުންގެ ދިރިއުޅުން ހަމަޖައްސަވައިދެއްވައި، އަވައްޓެރިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ޤާއިމުކުރައްވައި އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދެއްވައި، ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެއްވައި، މެހެމާނުންނަށް ކަމޭހިއްތަވައި، މުސީބާތްޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވައި ބޭކަލަކު، ތިޔަބައިމީހުން ރަށުން ބޭރުކުރަނީ ހެއްޔެވެ؟ އަހަރެން އެކަލޭގެފާނަށް ޙިމާޔަތްދީފީމުއެވެ. މިއަޑުއަހައި ޤުރައިޝުންގެ ތެރެއިން އެއްވެސް މީހަކަށް އިބްނުއް ދަޣުނާ  ގެ ރައްކާތެރިކަން ބޮލާލައި ޖަހާކަށް ނުކެރުނެވެ. އެބައިމީހުން އޭނާއަށް ދެންނެވިއެވެ. 

[އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރަންޖެހޭނީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. އެކަލޭގެފާނު ގެކޮޅުގައި ނަމާދުފުޅުކުރައްވައި އެކިޔަވާ ވިދާޅުވާ އެއްޗެއް ކިޔެވިޔަކަސް އެންމެ ރަނގަޅެއެވެ. ނަމަވެސް އެކަލޭގެފާނު އެތަކެތި އާއްމު ތަންތަނުގައި ކިޔަވައި ވިދާޅުވެގެން ނުވާނެއެވެ. އެހެނީ އެކަމުން އަހަރެމެންގެ ކުދީންނާއި އަންހެނުންތައް ފިތުނަވެރި ވެދާނެކަމުގެ ބިރު އަހަރެމެންނަށް އެބައޮތެވެ.] 

ދެން އިބްނުއް ދަޣުނާ އެ ހުރިހާ ވާހަކަތެކެއް އަބޫބަކުރުގެފާނަށް ވިދާޅުވެދެއްވިއެވެ. ދެން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ނަމާދުކުރުން މަތީ ދުވަސްކޮޅެއް ވަންދެން ދެމިހުންނެވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގެ ކުރިމަތީގައި ކުޑަ މިސްކިތެއް ބިނާކުރައްވައިގެ އެތަނުގައި ނަމާދުފުޅު ކުރައްވައި ޤުރްއާން ކިޔަވާ ވިދާޅުވާން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ނަމާދުފުޅު ކުރައްވާތަން ބެލުމަށާއި އެކަލޭގެފާނު ކިޔަވާ ވިދާޅުވާ އެއްޗެއް އަޑު އެއްސެވުމަށް މުޝްރިކުންގެ އަންހެނުންނާއި ކުޑަކުދީން ޖަމާވާން ފަށައިފިއެވެ. އެބައިމީހުން އެމަންޒަރު ދެކެ އަޖާއިބުވެގެން އުޅެތެވެ. 

އަބޫބަކުރުގެފާނަކީ އެކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާއިރު ކީރިތި ކުރައްވައި އުޅުއްވާ ބޭކަލެކެވެ. މިކަންތައް ފެންނަން ފެށުމުން މައްކާގެ ކާފަރުންނަށް އެކަންތައް ބޮޑުވެއްޖެއެވެ. ދެން އިބްނުއް ދަޣުނާ  ބަލައިފޮނުއްވައިގެން ގެންވައި ދެންނެވިއެވެ.  

[އަހަރެންމެން ކަލޭގެފާނުގެ ކިބައިން އަބޫބަކުރުގެ ޙިމާޔަތް ޤަބޫލުކުރީ އެކަލޭގެފާނުގެ ގެކޮޅުގައި އެކުރައްވާ އަޅުކަމެއް ކުރައްވައި، އެކިޔަވާ އެއްޗެއް ގޭގައި އިންނަވައިގެން ކިޔެވުމަށް އެއްބަސްވެގެންނެވެ. މިހާރު އެކަލޭގެފާނު އެކަންތައް ހަނދާންނައްތާލައި ގެކޮޅުގެ ކުރިމަތީގައި މިސްކިތެއް ބިނާކޮށްފިއެވެ. އެތަނުގައި އެކަލޭގެފާނު ނަމާދުފުޅު ކުރައްވައި އަޑު ހަރުކޮށް ޤުރްއާން ކިޔަވައި ވިދާޅުވެއެވެ. މިހާރު އަހަރެމެންގެ އަންހެނުންނާއި ކުޑަކުދީން ފިތުނަ ވެރިވެދާނެ ކަމުގެ ބިރު ވަރަށްވެސް ބޮޑުވެއްޖެއެވެ. ކަލޭގެފާނު ވަޑައިގެން އެކަން މަނާކުރައްވާށެވެ. އެކަލޭގެފާނު ގެކޮޅުގައި ހުންނަވައިގެ އަޅުކަން ކުރައްވަން އެއްބަސްވެވަޑައިގެންފިނަމަ އެކަން ޤަބޫލުފުޅު ކުރައްވާށެވެ. ޙިމާޔަތް ދަމަހައްޓާށެވެ. އެކަލޭގެފާނު އެގޮތާއި އެއްބަސްވެވަޑައި ނުގެންނެވިނަމަ ކަލޭގެފާނު ޒިންމާއި ބަރީއަވެގަންނާށެވެ. އަހަރެމެން ކަލޭގެފާނު ޙިމާޔަތްދީފައިވާ މީހަކުގެ ޙިމާޔަތް އުވާލާކަށް ނޭދެމެވެ. ނަމަވެސް އަބޫބަކުރުގެފާނު ފާޅުގައި އެކުރައްވާ ކަންތައްތަކަށް އަހަރެމެންނަކަށް ނުރުހެވޭނެއެވެ.] 

ދެން އިބްނުއް ދަޣުނާ،  އަބޫބަކުރެގެފާނުގެ އަރިހަށް ވަޑައިގެން އެވާހަކަފުޅު ދެންނެވުމުން އެކަލޭގެފާނު ޖަވާބުދެއްވިއެވެ.

[އަޅުގަނޑު ކަލޭގެފާނުގެ ޒިންމާއިން ބަރީއަވެއްޖައީމުއެވެ. މާތްﷲ ގެ ރައްކާތެރިކަމާއި ޙިމާޔަތުގެ ދަށުގައި ހުރުމަށް އަޅުގަނޑު މާބޮޑަށް ރުހެމެވެ.] 

ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم، މައްކާގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު މުސްލިމުންނާއި މުޚާތަބު ކުރައްވައި ވިދާޅުވެއެވެ. [ތިމަންކަލޭގެފާނަށް ހުވަފެނުގައި ތިޔަބައިމީހުން ހިޖުރައަށް ވަޑައިގަންނަވާނެ ބިން ދައްކަވައިފިއެވެ. އެތަނަކީ ކަދުރު ރުއްތައް ގިނައިން ހެދޭ ބިމެކެވެ. ދެފަރުބަދަ ދެމެދުގައިވާ ތަނެކެވެ.] ދެން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވުމުން ބައެއް ބޭކަލުން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. ޙަބަޝާއަށް ހިޖުރައަށް ވަޑައިގެން ތިއްބެވި ބޭކަލުންވެސް އެނބުރި މަދީނާއާށް ހިޖުރައަށް ވަޑައިގެންނެވިއެވެ. 

އަބޫބަކުރުގެފާނުވެސް މަދީނާއަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ހެއްދެވިއެވެ. ނަމަވެސް ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. [ކުޑަ ހިނދުކޮޅަކަށް ލަސްކޮށްލައްވާށެވެ. އެހެނީ ތިމަންކަލޭގެފާނަށް ހިޖުރައަށް ވަޑައިގެނެވުމުގެ ހުއްދަލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވަމެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު މިކަމަށް އުއްމީދު ކުރައްވަންތޯއެވެ. ކަލޭގެފާނަށް އަޅުގަނޑުގެ މައިންބަފައިން ޤުރުބާނެވެ.] ޙަދީޘް ކުރެއްވިއެވެ. [އާއެކެވެ.] ދެން އަބޫބަކުރުގެފާނު ހިޖުރައަށް ވަޑައިނުގެން، ރަސޫލާއަށްޓަކައި މަޑުކުރެއްވިއެވެ. އެކަލޭގެފާނާއިއެކުގައި ހިޖުރަކުރެއްވުމަށް އެދިވަޑައިގެން އެކަމުގެ އުއްމީދުގައެވެ. އެކަލޭގެފާނު ދެ ޖަމަލު ބައްލަވައިގެން އެ ދެ ޖަމަލަށް ރަނގަޅަށް ހުއިކާންދެމުން ގެންދެވިއެވެ. އެގޮތުގައި ހަތަރު މަސްދުވަސް ވޭތުކުރެއްވިއެވެ. 

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު އަހަރެމެން އަބޫބަކުރުގެފާނުގެ ގެކޮޅުގައި ތިއްބައި، މީހަކު އައިސް ބައްޕާފުޅަށް ދެންނެވިއެވެ. [މިހުންނެވީ މާތްﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނު އެހުންނެވީ އިސްތަށިފުޅު ނިވާކުރައްވައިގެންނެވެ. އެކަލޭގެފާނު އެވަޑައިގެންވީ އެހެންޏާ މިގެއަށް ވަޑައިގަންނަވާ ވަގުތަކުނޫނެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [ތިމަންކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ޤުރުބާނެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނު މިގަޑީގައި މިގެއަށް އެވަޑައިގެންނެވީ ކޮންމެވެސް ބޮޑުކަމެއް ޖެހިވަޑައިގެންނެވެ.]

ދެން ރަސޫލާ صلّى اللّـه عليه وسلّم، ވަޑައިގެން ގެކޮޅަށް ވަދެވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ހުއްދަ ލިބިލެއްވުމުން އެތެރެއަށް ވަދެވަޑައިގެން އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. [މިގޭގައި މިވަގުތު ތިބި އެންމެހައި މީސްތަކުން އަޅުގަނޑުމެން މިދައްކާން އުޅޭ ވާހަކަ ނީވޭނެ ފަދަ ތަނަކަށް ފޮނުވައިލައްވަ ދެއްވާށެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އެބައިމީހުންނަކީ ހަމަ ކަލޭގެފާނުގެވެސް އަހުލުވެރިންނެވެ. އަޅުގަނޑުގެ ބައްޕަ ކަލޭގެފާނަށްޓަކައި ޤުރުބާނެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ.] 

ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންފިއެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނާއެކު އަޅުގަނޑު ބައިވެރި ކުރައްވާނުތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާއެކެވެ.] އަބޫބަކުރުގެފާނު ދެންނެވިއެވެ. [ކަލޭގެފާނު އަޅުގަނޑުގެ ދެ ޖަމަލުގެ ތެރެއިން އެއްޖަމަލު ޚިޔާރު ކުރައްވާށެވެ.] ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު އެޖަމަލުތަކުގެ ތެރެއިން ޖަމަލެއް ޤަބޫލުކުރާނީ އުޖޫރައާއެކުގައެވެ.] 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ދެން ތިމަންބޭކަނބަލުން އަވަހަށް އެ ދެބޭކަލުންގެ ދަތުރަށް ތައްޔާރުކޮށްދެއްވަން ފެއްޓެވީމެއެވެ. ދަތުރު މައްޗަށް ބޭނުންވާނެ ކާނާ، ހަމުން ހަދާފައިވާ ކޮތަޅަކަށް އެޅީމެވެ. އެކޮތަޅު ބަންދުކުރުމަށްޓަކައި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެ އުނަގަނޑުގައިވާ ނިތާޤުން އެއްބައި ކަނޑާލައިގެން އެ ކޮތަޅުގެ އަނގަ ބަންދުކޮށް އެއްސީމެވެ. އެހެންކަމުން އެކަމަނާއަށް ޛާތުއް ނިތާޤައިން އޭ ކިޔުނެވެ.  

މާތް ރަސޫލާ صلّى اللّـه عليه وسلّم  އާއި އަބޫބަކުރުގެފާނު، ދަތުރު ކުރައްވަމުން ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިންރޭ ވަންދެން މަޑުކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދުﷲ އަކީ ވަރަށް ވިސްނުންފުޅު ތޫނު ހުޝިޔާރު ބޭކަލެކެވެ. އެކަލޭގެފާނު މާތް ރަސޫލާއާއި އަބޫބަކުރުގެފާނުގެ އަރިހުގައި ރޭގަނޑު ހޭދަކުރެއްވުމަށްފަހު ފަތިސްވުމުގެ ކުރިން އެނބުރި މައްކާއަށް ވަޑައިގަންނަވައެވެ. އޭރު މައްކާގެ މުޝްރިކުން ހީކުރަނީ ޢަބްދުﷲ އޭނާ ގެ މުޅިދުވަސް ހޭދަކުރީ މައްކާގައި ކަމަށެވެ. ދުވާލުގަޑީގައި މައްކާގެ މުޝްރިކުން ރާވައި ނުބައި ރޭވުންތަކުގެ ޚަބަރު އެކަލޭގެފާނު ވަޑައިގެން އޭގެދެކަލުންނަށް ދެއްވައެވެ. 

އަބޫބަކުރުގެފާނު މިނިވަންކުރެއްވި އަޅެއްކަމުގައިވާ ޢާމިރު ބުން ފުހައިރާ، އަބޫބަކުރުގެފާނުގެ ބަކަރިތަކުގެ ތެރެއިން ކިރު އެރިފައިވާ ބަކަރިއެއް ރޭގަނޑުވުމުން އެދެބޭކަލުންގެ ގާތަށް ގެންދަވައެވެ. އެގޮތުން ތާޒާ ކިރު އަބަދުވެސް އޭގެ ދެކަލުންނަށް ލިބިވަޑައިގަންނަވައެވެ. އެއިން ކިރުފެއްލަވައިގެ އެކިރުފޮދު ހޫނު ކުރައްވަނީ އެއަށް ދޮންވެފައިވާ ހޫނު ހިލަކޮޅުކޮޅު އަޅުއްވައިގެންނެވެ. 

ތިން ދުވަހުގެ ތެރޭގައި އަބޫބަކުރުގެފާނު މީހަކު ކުއްޔަށް ހިއްޕަވައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ. އޭރު އޭނާ ހުރީ އޭނާގެ ދީނުގެ މަތީގައެވެ. ދެން އޭނާއަށް އަމުރުކުރައްވައިގެ އޭގެ ދެކަލުންގެ ޖަމަލުގެންނަވައިގެން ތިން ރެއަށްފަހު ދަތުރުފުޅު ފެއްޓެވިއެވެ. {ޞަޙީޙު ބުޚާރީ، ކިތާބު މަނާޤިބުލް އަންޞާރު، ބާބު ހިޖުރަތުއް ނަބިއްޔި ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަ އަޞްޙާބިހީ އިލަލް މަދީނަތި، ޙަދީޘް ނަންބަރު 3905}

މިއަދު އޮންލައިން