"އަޅުގަނޑަކީ ﷲ ގެ މަގުގަ ކުރިއަށްދާން މަސައްކަތްކުރާ ކުއްޖަކީމެވެ. އަޅުގަނޑު ވަރަށް ލޯބިވާ ޒުވާނަކު އެބަހުއްޓެވެ! އެއީވެސް ވަރަށް ދީންވެރި ކުއްޖެކެވެ. އަޅުގަނޑުގެ އެކުވެރިން ބުނަނީ އަޅުގަނޑަކީ އަންހެނަކަށްވުމުން ކައިވެންޏަށް ޒުވާނާގެ ކިބައިން އެދުމަކީ ބޮއްކުރާދޮށަށް އޮޑި ކެނބުން ކަމަށެވެ. އަދި އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އެއީ ހަމަ އެކަން އޮތް ގޮތްތޯއެވެ؟"
ކިޔުންތެރިޔާ ކުރެއްވި ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. އެކުވެރިން އެދައްކަނީ މީގެ 1400 އަހަރުކުރިންވެސް އެކަން އޮތް ގޮތުގެ ވާހަކައެއް ނޫނެވެ. އަންހެނަކު އިސްވެ ކައިވެންޏަށް އެދުމަކީ ބޮއްކުރާ ދޮށަށް އޮޑި ކެނބުން ކަމަށްވާނަމަ މީގެ 1400 އަހަރުކުރިންވެސް ބޮއްކުރާދޮށަށް އޮޑި ކަނބައެވެ. އަދި އެއީ އެންމެ ކާމިޔާބު ކެނބުންކަންވެސް އެނގެން އެބައޮތެވެ.
އެކުވެރިންގެ ގާތުގައި ބުނާށެވެ! މިހާރު ދަތުރުކުރަނީ ފްލައިޓުގައެވެ. އަދި އޮޑިފަހަރު ކައިރިކުރަނީ ސީދާ ޖެޓީއަށެވެ. އެހެންވީމާ ކަންކަން މިއޮތީ މުޅިން ބަދަލުވެފައިކަމަށް ބުނާށެވެ. އަދި ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލްކުރާށެވެ!
ޒަވާޖީ ޙަޔާތެއް ފަށާ ހިސާބަށް ތިމާގެ ކަންކަން ދިއުމުން އެކަކުވެސް، އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނަން ލަދުގަތުމެއް ނެތެވެ. ލަދުގަންނަންވީ ލޯބިވެގެން ކައިވެނިނުކޮށް އުޅެން ބޭނުންވާ ކަމަށް ބުނުމަށެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކައިވެނިކުރަން އިސްނަގާ އަންހެނުންވެސް މަދެއް ނޫނެވެ. އެމީހުން ބޭނުންވާ ޒާތުގެ ފިރިހެނަކާއި ބައްދަލުވުމުން ކައިވެނިކުރަން ބޭނުންވާ ކަމަށް އެއްވެސް ޖެހިލުމެއް ނެތި އެބަ ބުނެއެވެ. ޘަޤާފަތެއްގެ ގޮތުން އެކަން ބަލައިގަތުން އުނދަގޫވެދާނެއެވެ. ނަމަވެސް މިއަދުގެ ދިރިއުޅުމަށް ބަލައިފިނަމަ އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ.
މުހިންމު ކަމަކީ ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް ކކައިވެނިކުރަން ނިންމާއިރު އޭނާއަކީ އިސްލާމް ދީނުގައި އޮތް ޝަރުޠުތައް ފުރިހަމަ މީހަކުކަން ބަލައި ކަށަވަރުކުރުމެވެ.
ވަޒީފާއެއެް ބޭނުންވެގެން ހުރިނަމަވެސް އެކަން ހުށަނާޅައި ހުންނަ މީހަކަށް ވަޒީފާއެއް ލިބުމަކީ ކުރަން އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. މިބުނަނީ ވަޒީފާއަށް އެދި ތަންތަނަށް ލިޔުންތައް ނުފޮނުވައި މަޑުން ހުންނަ މީހަކަށް ވަޒީފާއެއް ލިބުން ފަސޭހަނުވާނެ ވާހަކައެވެ. ކައިވެނީގައިވެސް އޮތީ ހަމައެގޮތެވެ. ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ލިބުން ވަނީ އެކަމަށް އެދި މަސައްކަތްކުރުމުންނެވެ.
ކައިވެނިކުރަން ބޭނުންވުމުން ތިމާއަކީ އަންހެނަކަށްވީތީ އެކަން ހުށަނާޅަންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކުރެވުނު އެންމެ މަތިވެރިކަން ބޮޑު، އެންމެ ކާމިޔާބު ކައިވެނިފުޅު ކުރެވިފައިވަނީވެސް އަންހެން ކަނބަލެއްގެ އިސްނެންގެވުމަށެވެ. މިބުނަނީ ރަސޫލް ﷺ ގެ ކައިވެނިފުޅަށް އެދިވަޑައިގެން އިސްނެންގެވީ ޚަދީޖަތުގެފާނު ވާހަކައެވެ. މީގެ އިތުރުން އެހެންވެސް ބައެއް ޞަޙާބީ ބޭކަނބަލުން ވަނީ އަމިއްލަފުޅަށް ރަސޫލް ﷺ ގެ ކައިވެނިފުޅަށް އެދިވަޑައިގެންފައެވެ. ވީމާ ތިމާއަކީ އަންހެނަކަށްވީތީ ކައިވެންޏަށް އެދި ހުށަހަޅަން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟
ވިސްނައިލަން އޮތް ކަމަކީ ޚަދީޖަތުގެފާނާއި އެހެންވެސް ބޭކަނބަލުން ހުށަހެޅުއްވެވީ ކައިވެނިފުޅު ކުރައްވަވަން ކަމެވެ. ކައިވެނީގެ ބޭރުން އެއްވެސް އެފަދަ އެއްވެސް ގުޅުމެއް ބާއްވަވަން ނޫންކަމެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ އެފަދައިން ޢަމަލުކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން