ޢާއިޝަތުގެފާނުގެ ސީރަތު 7: މާތް ރަސޫލާގެ އަހުލުބައިތުންނާއެކު އަބޫބަކުރުގެފާނުގެ އަހުލުބައިތުން މަދީނާއަށް ހިޖްރަކުރެއްވުން-

ކިޔުމަށް ހޭދަވާނީ 2މ 14ސ
ޢާއިޝަތުގެފާނުގެ ސީރަތު 7: މާތް ރަސޫލާގެ އަހުލުބައިތުންނާއެކު އަބޫބަކުރުގެފާނުގެ އަހުލުބައިތުން މަދީނާއަށް ހިޖްރަކުރެއްވުން-

ޢަލީ އިޙްޞާން ފިރާޤް

މާތް ރަސޫލާ މާތް ރަސޫލާ صلّى اللّـه عليه وسلّم، މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާއި، ދެ ދަރިކަނބަލުން ފާޠިމަތުގެފާނާއި އުއްމު ކުލްޘޫމުގެފާނު މަދީނާއަށް ގެންނެވިއެވެ. އުސާމާ ބިން ޒައިދާއި އުއްމު އައިމަންވެސް އެބޭފުޅުންނާއެކު ހިޖުރައަށް ވަޑައިގެންނެވިއެވެ. ހަމައެހެންމެ، ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހު، އަބޫބަކުރުގެފާނުގެ އާލުވެރިންނާއެކު މަދީނާއަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ. 

ޢާއިޝަތުގެފާނު ހިޖްރައަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެކަމަނާ އާއި އެކަމަނާގެ މައިކަނބަލުން އުއްމުރޫމާން ރަޟިޔަﷲ ޢަންހާ ސަވާރުވެވަޑައިގެން ތިއްބެވީ އެއްޖަމަލަކަށެވެ. ޤާފިލާ ދަތުރުކުރަމުން ގޮސް بيداء އާ ހަމައަށް ދެވުނުތަނާ އެދެކަނބަލުން ސަވާރުވެވަޑައިގެން ތިއްބެވި ޖަމަލު ކޮންޓްރޯލުން ނެއްޓި ތެޅިފޮޅިގެން ދުވެން ފަށައިފިއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އެ ވަގުތުން ތިމަންކަމަނާގެ މަންމާފުޅު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. [ وابنتاه واعَروسَاه] ކޮންމެއަކަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަމަލުހިފި ކަންތައްތައް ހަމައަކަށް އެޅިއްޖެއެވެ. 

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ، މަދީނާއަށް ހިޖުރަށް ކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތޭރޭގައި، އަބޫބަކުރުގެފާނާއި، ބިލާލުގެފާނަށް ހުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. ތިމަންކަމަނާ ބައެއްފަހަރު އެބޭކަލުންނަށް ޚިދުމަތް ކުރުމަށްޓަކައި ގޮސް އުޅެމެވެ. ހުންފުޅު ބޮޑުވުމުން އަބޫބަކުރުގެފާނު ޒާތެއްގެ ޅެމެއް ވިދާޅާން ފައްޓަވައެވެ. ދެން ތިމަންކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم، ގެ އަރިހަށްވަޑައިގެން އެކަމުގެ ޚަބަރުތައް ދެއްވީމެވެ. އެ ވަގުތު އެކަލޭގެފާނު ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ. 

[އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މަދީނާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ވަރުގަދަ ލޯތްބެއް ޖައްސަވައި ދެއްވާންދޭވެ. މައްކާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ލޯބި ޖައްސަވައިދެއްވި ފަދައިންނެވެ. ނުވަތަ އެއަށްވުރެވެސް ބޮޑަށެވެ. މަދީނާގެ މުދަލުގައި ބަރަކާތް ލައްވާންދޭވެ.]{ޞަފިޔުއްރަޙްމާން މުބާރަކުޕޫރީ، އައްރަޙީޤުލް މަޚްތޫމު، ޞަފްޙާ 177}

 

މިއަދު އޮންލައިން