ސުވަރުގޭގެ ދޮރުކޮޅުތައް

ކިޔުމަށް ހޭދަވާނީ 3މ 3ސ
ސުވަރުގޭގެ ދޮރުކޮޅުތައް

ފާޠިމަތު ނަޢީޝާ 

 

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ކުށްތަންވެ، ކީރިތި ރަޞޫލާ محمد الصلل لله عليه وسلم ގެ ސުންނަތައް ތަބަޢަވީ މީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބޭނެކަން ކަށަވަރެވެ. ޙަޤީގީ ކާމިޔާބީ އަކީ އެއީއެވެ. 

سورة الزّمر ގެ 73 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި އެއުރެންގެ ވެރިރަސަކަލާނގެއަށް ތަޤްވާވެރިވިމީހުން ބައިބަޔަށް ސުވަރުގެއާއިދިމާއަށް ގެންދަވާނެތެވެ. އަދި އެސުވަރުގޭގެ ކައިރިއަށް އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗައް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!"

ސުވަރުގޭގައި 8 ދޮރުކޮޅުވެއެވެ.  

• ބާބް އައް ޞަލާތް -

މިއީ ޤަވާއިދުން، އިޚްލާޞްތެރިކަމާއިއެކު ނަމާދުކޮށްއުޅުނު މީހުންނަށް ޚާއްސަކުރެވިފައިވާ ދޮރުކޮޅެވެ.    

• ބާބް އަލް ޖިހާދް

މިއީ މާތްﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވެފައިވާ މީހުންނަށް ހާއްސަކުރެވިފައިވާ ދޮރުކޮޅެވެ. 

• ބާބް އައް ޞަދަޤަ

ގިނަގިނައިން މާތްﷲގެ މަގުގައި ޞަދަޤާތްކޮށް އުޅޭ މީހުން ސުވަރުގެ ވަންނާނީ މިދޮރުކޮޅުންނެވެ.  

• ބާބް އައް ރައްޔާން

މިއީ މާތްﷲގެ ރުޙުންލިބިގަތުމަށް، އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ރޯދަވެރިންނަށް ހާއްސަކުރެވިގެންވާ ދޮރުކޮޅެވެ. 

(ސަހްލް رضي الله عنه ރިވާކުރެއްވިއެވެ)  ކީރިތި ރަޞޫލާ محمد الصلل لله عليه وسلم ޙަދީޘްކުރެއްވިއެވެ. "ސުވަރުގޭގައި އައްރައްޔާން އޭ ކިޔުނު ދޮރުކޮޅެއްވާނެއެވެ. ޤިޔާމަތްދުވަހު، ރޯދަވެރިން ފިޔަވާ އެހެން ބަޔަކު އެދޮރުކޮޅަކުން ނުވަންނާނެއެވެ. އެދުވަހުން ސުވާލުކުރެވޭނެތެވެ. ރޯދަ ހިފާ އުޅުނު މީހުން ކޮބައިހެއްޔެވެ؟ ދެން އެމީހުން ތެދުވެ، އެދޮރުކޮޅުން ވަންނާނެތެވެ. އެމީހުން ވަނުމަށްފަހު އެދޮރުކޮޅު ތަޅުލެވޭނެތެވެ. އިތުރު އެހެން އެއްވެސް ބަޔަކު އެދޮރުކޮޅުން  ނުވަންނާނެތެވެ." (ބުޚާރީ 1763) 

• ބާބް އަލް ޙައްޖު

މިއީ ޙައްޖުވެރިންނަށް ކާއްސަކުރެވިފައިވާ ދޮރުކޮޅެވެ. 

• ބާބް އަލް ކާޒިމީން އަލް ޤައިޒް ވަލް އާފިނާ އަނިއްނާސް

މިއީ ރުޅިމަޑުކޮށް ގިނަގިނައިން މީހުންނަށް މަޢާފުކޮށް އުޅޭ މީހުންނަށް ހާއްސަކުރެވިފައިވާ ދޮރުކޮޅެވެ. 

• ބާބް އަލް އީމާން

މިއީ އިޚްލާޞްތެރިކަމާއިއެކު މާތްﷲ އަށް ތަޤުވާވެރިވެ، އެކަލާނގެ ގެނެސްދެއްވި ހުރިހާ ކަމަކަށް ތަބާވި މުއުމިނުންނަށް ހާއްސަކުރެވިފައިވާ ދޮރުކޮޅެވެ.  

• ބާބް އަލް ޛިކުރް

މިއީ ގިނަގިނައިން އެކަލާނގެ މަތިން ހަނދުމަކޮށް، ޛިކުރުކުރުން މަތީ ދެމިތިމބި މީހުންނަށް ހާއްސަކުރެވިފައިވާ ދޮރުކޮޅެވެ.  

އެކަލާނގެ މަގުގައި ޘާބިތުކަންމަތީ ދެމިތިބި ކޮންމެ މީހަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވާނެކަން ކަށަވަރެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތަކީ ތިމާއަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ. ވީމާ، ގިނަގިނައިން ތަޢުބާވެ، އެކަލާނގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމަކީ އާދައެއްކަމުގައި ހަދާށެވެ. 

سورة الرّعد ގެ 23 އަދި 24 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެއީ ޢަދްނު އޭ ކިޔުނު ސުވަރުގެތަކެވެ. އެސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި އެއުރެންގެ ދަރިންކުރެ ޞާލިޙުވިމީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެއުރެންގެ ގާތަށް ވަޑައިގަންނަވާނެތެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! "   

https://www.islamicfinder.org/news/8-doors-of-jannah/

މިއަދު އޮންލައިން