އަނބިމީހާއަށް ނަމާދުކުރަން ފުރުޞަތު ހޯދައިނުދީ ތިމާ ނަމާދުކޮށްގެން މިސްކިތުގަ އިނުމަކުން ނުފުދެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިމީހާއަށް ނަމާދުކުރަން ފުރުޞަތު ހޯދައިނުދީ ތިމާ ނަމާދުކޮށްގެން މިސްކިތުގަ އިނުމަކުން ނުފުދެއެވެ!

ފިރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަނބިމީހާއަށް ނަމާދުކުރާނެ ފުރުޞަތު ހޯދައިދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެއްކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ.

ދެމަފިރިން އެކަނި ދިރިއުޅޭ ޢާއިލާތައް ވަރަށް ގިނައެވެ. ފިރިމީހާ މިސްކިތުގައި ކިޔަވަން އިންނަނީއެވެ. އަނބިމީހާއަށް އެކަނިވެގެން (ދަރިންނާއިހުރެ) ނަމާދުނުކުރެވިފައި ހުންނަން ޖެހެނީއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. މިސްކިތުގައި ޤުރްއާން ކިޔަވަން އިނުމަކީ މަތިވެރި އަޅުކަމެކެވެ. ހަމަ އެއާއިއެކު ވިސްނައިލަންވީ މަސައްކަތްކުރަން ޖެހޭނީ އެކަނި ސުވަރުގެ ވަނުމަށް ނޫން ކަމެވެ. މަސައްކަތްކުރަން އޮތީ ދެމީހުން އެކުގައި، ތިމާގެ އަހުލުވެރިން ގޮވައިގެން ސުވަރުގެ ވަންނަން ކަމެވެ. 

އަނބިން ލައްވައި ނަމާދުކުރުވުމާއި ނަމާދުކުރާނެ ފުރުޞަތު އަނބިންނަށް ހޯދައިދިނުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެންކަމާއިއެކުގައިވެސް ރަމަޟާންމަހު އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. 

ގެއިން ބޭރުގައި ރައްޓެހިންނާއިއެކު ވަޤުތުތައް ބޭކާރުކުރުމުގެ ބަދަލުގައި ގެއަށް ގޮސް އަނބިދަރިންނަށް އެހީތެރިވެ އަޅައިލުމުން އެކުރެވެނީ ހަމަ އަޅުކަމެވެ. ޘަވާބު ދެއްވަވާނެ ކަންކަމެވެ. 

މިކަމަށްވެސް ވިސްނައިލާށެވެ! ރޯދައަށްހުރެ ބޭކާރު ވާހަކަ ދެއްކުމެއް ނެތެވެ. ބޭކާރު ވާހަކަދައްކާނަމަ ގިނައިން ދެއްކޭނީ އެވާހަކައެއް ދެއްކުމުން ފާފަވެރިވާނެ ވާހަކަތަކެވެ. ވީމާ އެކުވެރިންނާއިއެކުގައި ބޭކާރުވާހަކަދެއްކުން ވީހައި ބޮޑަށް މަދުކުރަންވާނެއެވެ. 

ރަމަމާން މަހަކީ އެމަހެއްގައި ވީހައިގިނަ ޘަވާބު ހޯދަން މަސައްކަތްކުރަން އޮތް ފުރުޞަތެވެ. އަނބިދަރިން ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރަން އޮތް އެންމެ ރަނގަޅު ފުރުޞަތެވެ. ވީމާ އެންމެންވެސް މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން