އިސްޙާޤްގެފާނުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 13މ 8ސ
އިސްޙާޤްގެފާނުގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

إسحاق عليه السّلام

إسحاق عليه السّلام އަކީ، إبراهيم عليه السّلام ގެ ދެވަނަ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ ސާރާއެވެ. އުފަންވެވަޑައިގެންނެވީ ޢިރާޤުގެ ބިމުގައެވެ. إبراهيم عليه السّلام ގެ ސީރަތުގައި ބަޔާން ކުރެވިފައިވާނޭ ފަދައިން إسحاق عليه السّلام  އެދެކަނބަލުންނަށް ލިބިވަޑައިގެންނެވީ އެދެކަނބަލުން ނުހަނު މުސްކުޅިފުޅު އުމުރުފުޅެއްގައި ވަނިކޮށެވެ.

إسحاق عليه السّلام އުފަންވެވަޑައިގެންނެވީ ބައްޕާފުޅު إبراهيم عليه السّلام ގެ އުމުރުފުޅުން 100 އަހަރުފުޅުގައެވެ. އެކަލޭގެފާނުގެ މަންމާފުޅު ސާރާއަށް މަލާއިކަތް ބޭކަލުން އެކަލޭގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއިރު އުމުރުފުޅަކީ 90 އަހަރުފުޅެވެ. އޭރު އެކަލޭގެފާނުގެ ބޭބޭފުޅު إسماعيل عليه السّلام، ގެ ޢުމުރުފުޅަކީ ސާދަ އަހަރުފުޅެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު} 

إسحاق عليه السّلام ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު إبراهيم عليه السّلام ގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވީ މަލާއިކަތްބޭކަލުންގެ ދޫފުޅުގެ މަތީންނެވެ. އެކަމުގެ ތަފްޞީލުތައް إبراهيم عليه السّلام ގެ ސީރަތުގައި ބަޔާންކުރެވިފައިވާނެއެވެ. ކީރިތި ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 112 ވަނަ އާޔަތާއި 113 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

"وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ ﴿١١٢﴾ وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ ﴿١١٣﴾"

މާނައީ: "އަދި صالح ންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاق ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ.އަދި އެކަލޭގެފާނާއި، إسحاق ގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركات ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفس އަށް އަނިޔާކުރާ މީހުންވެއެވެ." 

إبراهيم عليه السّلام އެކަލޭގެފާނުގެ ދެދަރިކަލުންކަމުގައިވާ إسحاق عليه السّلام އާއި إبراهيم عليه السّلام ދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. އޭގެ ދެކަލުންގެ ރައްކާތެރިކަމަށް އެދިވަޑައިގެން ދުޢާފުޅު ކުރައްވައި ހައްދަވައެވެ. ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ގެ އަރިހުން ވާރިދުވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ އެކަލޭގެފާނުގެ ކާފަދެދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނުގެ ރައްކާތެރިކަމަށް އެދިވަޑައިގެން ދުޢާފުޅު ކުރައްވައި ހައްދަވައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައެވެ. 

"‏ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ، أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ‏"‏‏ { صحيح البخاري/ كتاب أحاديث الأنبياء/ ޙަދީޘް ނަންބަރު 3371}

މާނައީ: "ހަމަކަށަވަރުން ތިޔަ ކުދީންގެ ކާބަފައިން ކަމުގައިވާ (އިބްރާހީމުގެފާނު) އެކަލޭގެފާނުގެ ދެދަރިކަލުން إسحاق عليه السّلام އާއި إِسْمَاعِيل عليه السّلام ގެ ރައްކާތެރިކަމަށް އެދިވަޑައިގެން މިފަދައިން ދުޢާ ކުރައްވައި އުޅުއްވައެވެ. أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ‏"‏‏ 

ރިސާލަތު:

އެނގިވަޑައިގަންނަވާނެ ފަދައިން، إسحاق عليه السّلام އަކީވެސް، މާތްالله سبحانه وتعالى، ފޮނުއްވި ނަބީބޭކަލެކެވެ. ބައެއް ޢިލްމުވެރިން ލިޔުއްވައިފައިވާ ގޮތުގައި، އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ ޝާމުކަރައިގެ މީސްތަކުންގެ ގާތަށެވެ. އެކަލޭގެފާނަކީ ނަބީބޭކަލެއްކަން ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 163 ވަނަ އާޔަތުން ދަލީލު ލިބެއެވެ. އެ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

"إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚوَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا﴿١٦٣﴾"

"نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ."

އަދި އަންޢާމު ސޫރަތުގެ 84 ވަނަ އާޔަތުންވެސް إسحاق عليه السّلام ގެ ނަބީކަމަށް ދަލީލު ލިބެއެވެ. އެ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވެއެވެ. 

"وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤"

"ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެކުރިން نوح ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، داود ގެފާނާއި، سليمان ގެފާނާއި، أيّوب ގެފާނާއި، يوسف ގެފާނާއި، موسى ގެފާނާއި، هارون ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ." 

إسحاق عليه السّلام ގެ ރިސާލަތުގެ ވާހަކަ ގެ މާގިނަ ތަފްޞީލުތަކެއް ކީރިތި ޤުރްއާނާއި ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތުން ލިބޭކަށެއްނެތެވެ. އެނގޭ މިންވަރަކީ، އެކަލޭގެފާނުގެ ދަޢުވަތުގެ މަންހަޖަކީ ވެސް  އެހެނިހެން ނަބިއްޔުންނާއި ރަސޫލުންފަދައިން ﷲ ގެ  އެއްކައުވަންތަކަމުގެ ގޮވައިލެއްވުމެވެ.  

ޢާއިލީ ދިރިއުޅުއްވުން: 

އަލްބިދާޔަތު ވައްނިހާޔަތުގައި، ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއް، ލިޔުއްވައިފައިވެއެވެ. އަހުލުކިތާބީން އެބައިމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. إسحاق عليه السّلام އެކަލޭގެފާނުގެ ބައްޕާފުޅުގެ ޙަޔާތްޕުޅުގައި، رفقا بنت بتواييل އާ ކާވެނި ބައްލަވައިގެންނެވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ، ސާޅީސް އަހަރުފުޅެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން رفقا އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. ދަރިން ލިބިވަޑައިނުގަންނަވާ ޢާޤިރު ބޭކަނބަލެކެވެ. ދެން، إسحاق عليه السّلام އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ދެންނެވުމުން އެކަމަނާ އާލާސްވެއިންނަވައިފިއެވެ.  

رفقا އާލާސްވެއިންނަވައި،ރައްކައުވީ އެއްމާބަނޑު ދެބޭފުޅުންނެވެ. އެއީ، العيص އާއީ يعقوب عليه السّلام އެވެ. މީގެ ތެރެއިން العيص އަކީ ރޫމުގެ މީސްތަކުންގެ ބައްޕައެވެ. ރޫމުކަރައިގެ މީސްތަކުން އައިސްފައިވަނީ އޭނާގެ ސުލާލަތުންނެވެ. يعقوب ގެފާނަކީ ނަބީބޭކަލެކެވެ. އެކަލޭގެފާނަށް އިސްރާއީލުގެ ނަންފުޅުން ނަންކިޔެއެވެ. ބަނީއިސްރާއީލު ބާގައިގެ މީސްތަކުން އެކަލޭގެފާނުގެ ދަރިފަސްކޮޅުން އައިސްފައިވާ ކަމަށްޓަކައެވެ.

{ އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޞަފްޙާ 447} 

މިދެންނެވި ވާހަކަތައް ނޫނަސް ސަލާމްލެއްވި އިސްޙާޤުގެފާނުގެ ސީރަތުގައި، ވަރަށް ގިނަ ވާހަކަތައް ތާރީޚު ލިޔުއްވުންތެރިން ލިޔުއްވައިފައިވެއެވެ. ނަމަވެސް އެވާހަކަތަކުގެ ތެރެއިން ވަރަށް ބޮޑުބައެއް ނަޤުލު ކުރެވިފައިވަނީ ޔަހޫދީންނާއި ނަޞާރާއިންގެ ފޮތްތަކުންނެވެ. އެހެންކަމުން އެބައިތައް ނުލިޔެ ދޫކޮށްލީއެވެ. 

އަވަހާރަވުން: 

إسحاق عليه السّلام އަވަހާރަވީ ކަންޢާނުގެ ރަށެއްކަމުގައިވާ ހިބުރޫންގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 180 އަހަރުފުޅެވެ. العيص އާއި يعقوب ގެފާނު އެދެބޭކަލުންގެ ލޮބުވެތި ބަފައިކަލުން ފަސްދާނުވެޑުވީ ކާފައިކަލުން إبراهيم عليه السّلام ގެ އަރިހުގައެވެ. ފަރުބަދައެއްގެ ހޮހޮޅައެއްގެ ތެރޭގައެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 447}  

މިއަދު އޮންލައިން