ޢަލީ އިޙްޞާން ފިރާޤް
ކީރިތި ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ ދިރިއުޅުއްވުން
ތާރީޚުގައި ވޭތޯ މިފަދަ ލޯބީގެ ރީތި މިސާލެއް
ތާރީފު ކުރެޔޭ ސީރަތު ދެކުނު ކޮންމެ ލޮލެއް
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم, ތިމަންކަމަނާއާ ކާވެނިފުޅު ބެއްލެވިއިރު ތިމަންކަމަނާގެ ޢުމުރަކީ، ހަ އަހަރެވެ. އަހަރެމެން މަދީނާއަށް ގޮސް ފޭބީ ބަނީ ޙާރިޘް ބިން ޚާރިޖާގެ ގެތަކުގެ ތެރެއިން ގެއަކަށެވެ. މަދީނާއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަހަރެންގެ ބޮލުގެ އެންމެހައި އިސްތަށިތަކެއް ފައިބައިފިއެވެ. އޭގެ ފަހުން ދުވަސްކޮޅެއްވިތަނާ އަލުން އިސްތަށިފަޅަން ފަށައިފިއެވެ. އެއްދުވަހަކު އަހަރެން އަހަރެންގެ ރައްޓެހި ކުދީންކޮޅަކާއެކު ކުޅެން އުޅެނިކޮށް އަހަރެންގެ މަންމާފުޅު އަތުވެއްޖެއެވެ.
އަހަރެންނަށް ބާރު އަޑުފުޅުން ގޮވައިލައްވައިފިއެވެ. އަހަރެން މަންމާފުޅުގެ ގާތަށް ދިޔުމުން އަހަރެންގެ އަތުގައި ހިއްޕަވައިގެ ގެކޮޅުގެ ދޮރުކޮޅާ ހިސާބަށް ވަޑައިގެންނެވިއެވެ. އަހަރެންގެ ވަރުބަލިފިލާ ނޭވާ ހަމަޖެހުމުން މަންމާފުޅު އަހަރެންގެ މޫނާއި، ބޮލުގައި ފެންފޮދެއް ހާއްކަވައިލައްވައި ދޮންނެވިއެވެ. އެއަށްފަހު ގެކޮޅުގެ ތެރެއަށް ވަޑައިގެންނެވިއެވެ. އޭރު ގެކޮޅުގައި އަންޞާރިއްޔަ ބޭކަނބަލުންތަކެއް ތިއްބެވެ. އަހަރެން ފެނުމުން އެބޭކަނބަލުން ވިދާޅުވިއެވެ. [ހެޔޮކަމާއި ބަރަކާތުގެ މަތީގައެވެ. އެންމެ ހެޔޮ ރަނގަޅު ފާލުގައެވެ.]
ދެން މަންމާފުޅު އަހަރެން އެބޭކަނބަލުންނާ ޙަވާލު ކުރައްވައިފިއެވެ. އެބޭކަނބަލުން، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްޓަކައި އަހަރެން ތައްޔާރުކޮށްދެއްވަން ފެއްޓެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، އަހަރެމެންގެ ގެއަށް ޟުޙާ ވަގުތުގައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުން މަންމާފުޅު، މާތް ރަސޫލާއާ އަހަރެން ޙަވާލު ކުރެއްވިއެވެ. އޭރު އަހަރެންގެ ޢުމުރަކީ ނުވަ އަހަރެވެ. {ޞަޙީޙު ބުޚާރީ، ކިތާބު މަނާޤިބުލް އަންޞާރު، ބާބު މާތް ރަސޫލާ ޢާއިޝަތުގެފާނާ ކާވެނިފުޅު ބެއްލެވުން، ޙަދީޘް ނަންބަރު 3894}
މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެން ކިރު ތަށިކޮޅަކުން އެތި ފޮދެއް ހިއްޕެވުމަށްފަހު ދެން ހުރި ބައި އެކަމަނާއަށް ދެއްވިއެވެ. އެކަމަނާ ލަދުފުޅުން އިސްދަށަށް ޖައްސަވައިލެއްވިއެވެ. އޭރު އެތަނުގައި ޢާއިޝަތުގެފާނުގެ އެކުވެރި އަންހެން ބޭފުޅުން ކޮޅެއްވެސް ތިއްބެވިއެވެ. އޭގެ ތެރޭގައި ހުންނެވި އަސްމާ ބިންތި ޔަޒީދު، ޢާއިޝަތުގެފާނަށް ދެންނެވިއެވެ. [ކިރު ތަށިކޮޅުގައި ހިއްޕަވާށެވެ. މާތް ރަސޫލާއަށް ފުރަގަސް ނުދެއްވާށެވެ.]
ދެން ޢާއިޝަތުގެފާނު އެކިރު ތަށިކޮޅުގައި ހިއްޕަވާ އެތިފޮދެއް ހިއްޕެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އެއިން ކަމަނާގެ އެކުވެރިންނަށްވެސް ބޯންދެއްވާށެވެ.] އެހިނދު އެކަނބަލުން ދެންނެވިއެވެ. [އަޅުގަނޑުމެން ބޯކަށް ބޭނުމެއްނޫނެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ދޮގާއި ބަނޑުހައިކަން އެއްތަން ނުކުރާށެވެ.] އެހިނދު އަސްމާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. މީހަކު އެއްޗަކަށް ބޭނުންވެހުރެ، ތިމަންނާ އެ ބޭނުމެއް ނޫނޭ ބުނެފިނަމަވެސް ވާނީ ދޮގަކަށްތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އާނއެކެވެ. ކިތަންމެ ކުޑަޔަސް ދޮގެއްވާނީ ދޮގަކަށެވެ.]{އިބްނު ސަޢުދު، ތަބަޤާތު}
ކުރިންވެސް ދެންނެވިފައިވާ ފަދައިން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޢުމުރުފުޅަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އެކަމަނާ ވަޑައިގެންނެވިރު އެކަމަނާގެ ޢުމުރުފުޅަކީ 19 އަހަރުފުޅު ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ 9 އަހަރުފުޅު ކަމަށެވެ. މި ޚިލާފުތަކުގެ ތެރެއަށްވަދެ ގޮތެއް ނިންމުމުގެ ލަޔާޤާތްތެރިކަމެއް އަޅުގަނޑުގެ ނެތްކަމަށް އިއުތިރާފުވަމުން އެ މައުޟޫ އިހަށް ކުރުކޮށްލަމެވެ.
ސުނަނު އަބޫ ދާވުދުގެ ކިތާބުއް ޠިއްބުގައި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގެކޮޅަށް އަހަރެން ފޮނުއްވުމުގެ ކުރީން އަހަރެންގެ ހަށިގަނޑު ތަންކޮޅެއް ސަމައްތަރު ހެޔޮކޮށްލުމަށް މަންމާފުޅު ބޭނުންފުޅުވިއެވެ. މަންމާފުޅު މަސައްކަތްކުރައްވަ ކުރައްވައިވެސް އަހަރެން ފަލަވާ ގޮތެއް ނުވިއެވެ. އެންމެފަހުން މަންމާފުޅު އަހަރެންނަށް ޤިއްޘާ އާއި ރޯކަދު ކާންދެއްވިއެވެ. އެތަކެތި ކާން ފެށުމުން އެސާހިތު މަންމާފުޅު އެދިވަޑައިގެންނެވި ވަރަށް އަހަރެން ފަލަވެއްޖެއެވެ.] {ސުނަނު އަބީދާވުދު، كتاب الطب، باب فِي السُّمْنَةِ، ޙަދީޘް 3903}