ހެދޭ އެންމެ ބޮޑު އެއް ގޯހަކީ މިކުރެވެނީ އެހާބޮޑުކަމެއް ނޫންކަމަށް ބަލައި ކުދި ފާފަތައް ކުރެވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހެދޭ އެންމެ ބޮޑު އެއް ގޯހަކީ މިކުރެވެނީ އެހާބޮޑުކަމެއް ނޫންކަމަށް ބަލައި ކުދި ފާފަތައް ކުރެވުމެވެ!

އަބަދުވެސް ހަނދާންކޮށްދެމެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތިވާ މީހާ ފާފައިގައި މިންއަޅަން ނުއުޅޭށެވެ. ކިތަންމެ ކުޑަނަމަވެސް ފާފައަކީ ފާފައެއް ކަމަށް ބަލައި ފާފަކުރުމާއި ދުރުހެލިވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ! 

އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު ކުރެވޭ ކުދިފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށް އޮތުމަކީ އެދެމެދުގައި ފުނިފުނިވަރަށް ފާފަކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. ފާފަކުރެވުމާއި ފާފަކުރުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ. 

ބޮކުގެ ހަމަކީ ބޯއެއްޗެކެވެ. އެހެންކަމުން ކެކިކެކި ހުންނަ ހޫނުފެން އެއްޗަކަށް ބޮކެއް ވައްޓައިލިނަމަވެސް މާބޮޑު އަސަރެއް ނުކޮށް ފުރަތަމަ ފުމޭނީއެވެ. ނަމަވެސް ކުޑަ އިރުކޮޅެއްވުމުން އޮންނާނީ މަރުވެފައެވެ. މަރުނުވެ ސަލާމަތްވެވޭނީ ފެންއެތިން ބޭރަށް ފުންމައިލެވިއްޖެނަމައެވެ. 

ދެން މިބުނެލަނީ ޢިލްމުވެރިން ޖައްސަވާ މިޘާލެކެވެ. ރަނގަޅަށް ވިސްނާށެވެ! 

ކުދިފާފަތައް ކުރެވޭ މީހުންނަށްވެސް ވަނީ އެފަދަ ގޮތެކެވެ. އެމީހުންނަކަށް އެކަމުން މާބޮޑު އަސަރެއް ނުކުރެއެވެ. އަސަރު ނުކުރާތީ ފާފަތައް ކުރެވެމުންދެއެވެ. ދުވަސްކޮޅަކުން ކުރެވުނު ކުދި ފާފަތައް ގިނަވެ އޮންނަނީ ސަލާމަތްނުވެވޭ ހިސާބަށް ކަންކަން ގޮސްފައެވެ. ބޯކަށް ހޫނުފެންއެތިން ސަލާމަތް ވެވެނީ ބޭރަށް ފުންމައިލެވިއްޖެނަމަ ފަދައިން އަހަރެމެންނަށްވެސް ފާފަތަކުން ސަލާމަތްވެވޭނީ އެކަންކަން ކުރުން ހުއްޓާލައި ތައުބާވެވުމުންނެވެ. 

އެއް ނަމާދުން އަނެއް ނަމާދާއި ދެމެދު ޤަޞްދަކާއި ނުލައި ކުރެވޭ ކުދިފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވަތެވެ! ނަމަވެސް ޤަޞްދުގައި ފާފަކުރާނަމަ ބިރުވެތިވާންޖެހޭނެއެވެ. އަދި އެއީ ކުޑަ ފާފައެއް ކަމަށް ހީކޮށް، އެކަމުން މާބޮޑު ޢަޛާބެއް ނުދެއްވަވާނެކަމަށް ބަލައިގެން ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރެވޭނަމަ އެއީ ވަރަށް ނުރައްކައުތެރިކަމެކެވެ. 

ބޮޑެތި ފާފަތައް ކުރާ މީހުންނަށް މުޞިބާތްތައް ކުރިމަތިކުރައްވަވަނީވެސް ޢާންމުގޮތެއްގައި ވަގުތަކުން ނޫނެވެ. އެމީހަކު ތައުބާވުމަށް ފުރުޞަތު ދެއްވަވައިފައެވެ. ކުދި ފާފަތައް ކުރުމުން މުޞީބާތްތައް ކުރިމަތިކުރެއްވެވުން އެއަށްވުރެވެސް ލަސްވެދާނެއެވެ. ނަމަވެސް ފަތަށް ބަރުވަމުން ގޮސް ސަލާމަތް ނުވެވިދާނެއެވެ. 

ވީމާ އާދޭހަކީ އެއީ ކުޑަ ފާފައެއް ކަމަށްބަލައި ކިތަންމެ ކުޑަ ފާފައެއްވެސް ނުކުރާށެވެ! މީޒާނުގައި ތިމާގެ ޢަމަލުތައް ކިރައިލެވޭނެ ދުވަހު ފާފައިގެ ކޮޅަށް ކިތަންމެ ކުޑަކޮށް ނަމަވެސް ބުރަވެއްޖެނަމަ ކަންކަން މެދުވެރިވާނެ ގޮތާއިމެދު ބިރުވެތިވާށެވެ! ކުރެވޭ ކިތަންމެ ކުޑަކުޑަ ފާފައަކުން ވެސް މީޒާނުގައި ފާފައިގެކޮޅަށް ބުރަވެދާނެ ކަމަށް ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން