ޢަލީ އިޙްޞާން ފިރާޤް
لوط عليه السّلام
ނަންފުޅާއި ނަސަބުފުޅު:
ލޫޠުގެފާނަކީ، އިބްރާހީމުގެފާނުގެ ޒަމާނުގައި ފޮނުއްވުނު ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، ލޫޠު ބިން ހާރާނެވެ. ހާރާނަކީ، އިބްރާހީމުގެފާނުގެ އަޚެކެވެ. އެހެންކަމުން، އިބްރާހީމުގެފާނަކީ ލޫޠުގެފާނުގެ ޙަޤީޤީ ބޮޑުބޭބޭފުޅެކެވެ. ބުނެވޭ ގޮތުގައި، ހައްރާން އޭ ކިޔުނު ރަށް ބިނާކުރައްވައި، އާބާދު ކުރެއްވީ ހާރާނެވެ. ނަމަވެސް، މިއީ ޟަޢީފު ވާހަކައެއް ކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 408}
لوط عليه السّلام ނުހަނު ތުއްޕުޅުއިރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު إبراهيم عليه السّلام، މާތް الله سبحانه وتعالى، ގެ އެއްކައުވަންތަ ދީނަށް ގޮވައިލައްވަން ފައްޓަވައިފިއެވެ. لوط عليه السّلام އަށް މާތް ﷲ ދެއްވާފައިވަނީ ނުހަނު ޠާހިރު ފިޠުރަތެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ތުއްޕުޅު ކަމާއެކުވެސް إبراهيم عليه السّلام، ގެ ދަޢުވަތަށް ވަގުތުން އިޖާބަދެއްވިއެވެ.
ހިޖުރަކުރެއްވުން:
إبراهيم عليه السّلام، ނަބީކަމާއިގެން ފޮނުއްވި ޤައުމުކަމުގައިވާ، ބާބިލުން އެކަލޭގެފާނަށް ތަބާވި، އެންމެ ބާއްޖަވެރި ދެބޭފުޅުންނަކީ، އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ސާރާއާއި އެކަލޭގެފާނަށް ބޮޑުބޭބެ ވިދާޅުވާ لوط عليه السّلام އެވެ. އެއަށްފަހު، އަރަހުށި، މާތްﷲ ގެ ޢަމުރުފުޅު ލިބިވަޑައިގަތުމުން، ޝާމުކަރައަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. މިބޭފުޅުންގެ މިމަތިވެރި ހިޖުރައިގެން ދަތުރުފުޅުގައި، ލޫޠުގެފާނުގެ ކާފާކަލުން އާޒަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އޭނާ މަރުދުވަހަށް ދާންދެންވެސް ހުރީ ކާފިރުކަން މަތީގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޞަފްޙާ 347}
إبراهيم عليه السّلام އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއާއި لوط عليه السّلام ގެ މިދެންނެވި ބަރަކާތްތެރި ހިޖުރައިގެ ދަތުރުފުޅަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ ޢަންކަބޫތު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
"فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ ﴿٢٦﴾"
މާނައީ: "ފަހެ، لوط ގެފާނު، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، هجرة އަށް މިދަނީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ."
إبراهيم عليه السّلام ގެ ދެކަނބަލުންނާއި لوط عليه السّلام ޝާމުކަރައިގެ މުޤައްދަސް ބިމަށް ހިޖުރަކުރައްވައި، އެ ބިމުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އެގޮތުގައި ތިއްބަވަނިކޮށް ޝާމުކަރައަށް ވަރަށް ބޮޑު ތަދުމަޑުކަމެއް އައިސް ލައިގަތެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށްޓަކައި އޭގެ ތިންބޭފުޅުން މިޞުރަށް ވަޑައިގެންނެވިއެވެ.
މިޞުރުގައި ދުވަސްކޮޅަކު ތިއްބެވުމަށްފަހު، إبراهيم عليه السّلام ގެ ދެކަނބަލުންނާއި، ހާޖަރާއި، لوط عليه السّلام އަލުން ޝާމުކަރައަށް ވަޑައިގެންނެވުމަށްޓަކައި، މިސްރާބު ޖެއްސެވިއެވެ. ޤާފިލާ ދަތުރުކޮށް ވަކި ހިސާބަކަށް ވަޑައިގެންނެވުމަށް ފަހު لوط عليه السّلام ވަޑައިގެންނެވީ ސަދޫމަށެވެ. އެރަށުގެ އަހުލުވެރިންނަށް އަރަހުށި މާތްﷲ ގެ ދީނުގެ ދަޢުވަތު ދެއްވުމަށްޓަކައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 352}