ގުނަވަން ހަދިޔާކުރުމާ ލިބިގަތުމުގަ އެނގެންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 35ސ
ގުނަވަން ހަދިޔާކުރުމާ ލިބިގަތުމުގަ އެނގެންޖެހޭ ކަންކަން-

އިސްލާމްދީނުގައި އޯގަން ޑޮނޭޝަންގެ ހުކުމަކީ ކޮބާތޯއެވެ؟

މިސާލަކަށް ބޭރުގައުމު ތަކުގައި ހަދާހެން މަރުވުމުގެ ކުރިން ތިމަންނާ މަރުވުމަށް ފަހު ތިމަންނަގެ ގުނަވަންތައް ހަދިޔާ ކުރުމަށް އެއްބަސްވެވިދާނެތޯ؟

މިކަމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްކަމުގައި ވާނަމަ، އެ ހަދިޔާ ކުރާ ގުނަވަން ލިބޭ މީހާގެ ހުންނަން ޖެހޭ ޝަރުތުތަކެއްވޭތޯ؟ މިސާލަކަށް އެގުނަވަން ލިބެނީ މުސްލިމަކަށް ވުން ވާޖިބުތޯ ނޫންތޯ؟

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد: 

އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކަށް ބަލާއިރު، ހުރިހާ ގުނަވަނަކީ އެއް ދަރަޖަ އެއްގެ ގުނަވަންތަކެއް ނޫނެވެ. ބައެއް ގުނަވަންތަކަކީ އެއާއި ނުލާ ފުރާނަ ނުހުންނާނެ ގުނަވަންތަކެވެ. އަނެއްބައި ގުނަވަންތަކަކީ އެގުނަވަނެއް ނެތުމަކުން ފުރާނަ އަށް އަޘަރު ނުކުރާ ފަދަ ގުނަވަންތަކެވެ.

އިންސާނާގެ ދިރިހުރުމާ ގުޅުންވާ ގުނަވަނެއް، މިޘާލަކަށް (ހިތް، މޭ) ފަދަ ގުނަވަނެއް ހަދިޔާ ނުކުރެވޭނެ ކަމަށް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ. ސަބަބަކީ އެފަދަ ކަމެއް ކުރުމަކީ އަމިއްލަ އަށް ނަފްސު މަރާލުން ފަދަ ކަމަކަށްވާތީވެއެވެ. 

ނަމަވެސް އިންސާނާގެ ދިރިހުރުމާ ގުޅުން ނުވާ ގުނަވަނެއް، މިޘާލަކަށް (ކިޑްނީ) ފަދަ ގުނަވަނެއް ހަދިޔާ ކުރުމުގެ މައްސަލާގައި ޢިލްމުވެރިން ދެގޮތަކަށް ވާހަކަ ދައްކަވާފައި ވެއެވެ. 

ފުރަތަމަ ގައުލު: އިންސާނުންގެ ގުނަވަން ބަދަލު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނާ ބުނުން.

ދެވަނަ ގައުލު: އިންސާނުންގެ ގުނަވަން ބަދަލު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނާ ބުނުން. 

ގިނަ އިސްލާމީ ކޮންފަރެންސް ތަކާއި ފިގްހީ އެކަޑަމީ ތަކުގައި މިމައްސަލާގައި ބަޙުޘް ކުރެއްވުމަށްފަހު ބަޔާންތައް ނެރެފައިވެއެވެ. އެގޮތުން މެލޭޝިޔާގައި ބޭއްވުނު އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރަންސް އިންނާއި،  އިސްލާމިކް ފިގްހު އެކަޑަމީގެ އަޣްލަބިއްޔަތުން، އަދި ސަޢޫދީ ޢަރަބިއްޔާގެ ހައިއަތު ކިބާރުލް ޢުލަމާ އާއި، އުރްދުން، ކުވައިތު، މިޞްރު، އަލްޖަޒާއިރު ގެ ފަތުވާ ކޮމިޓީ އިން މިއީ ހުއްދަ ކަމެއްގެ ގޮތުގައި ނިންމާފައިވެއެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގުނަވަން ބަދަލު ކުރުމުގައި ޝަރްޠެއް ވެއެވެ. އެއީ ގުނަވަން ނެގޭ ފަރާތަކީ ޙަރްބީ ކާފަރަކަށް ވުމެވެ. އެއީ ޙަރްބީ ކާފަރުންނަކީ ޙުރުމަތެއް ނެތް ބަޔަކަށް ވާތީވެއެވެ. މުއިމިނެއްގެ ގުނަވަނެއް ބަދަލު ކުރުން ހުއްދަވެގެން ނުވާ ކަމަށެވެ. ސަބަބަކީ މުސްލިމުންނަކީ ދިރިހުރި އިރުގައްޔާއި މަރުވެފައި އޮންނަ ވަގުތުގައިވެސް ޙުރުމަތްތެރިވެގެންވާ ބަޔަކަށްވާތީވެއެވެ. 

މި މައްސަލާގައި މުނައްޡަމަތުލް މުއިތަމަރިލް އިސްލާމީގެ ދަށުގައިވާ މަޖްމަޢުލް ފިގްހިލް އިސްލާމީގެ ފަރާތުން ނެރުއްވާފައިވާ ގަރާރު މިތަނުގައި ނަގުލު ކޮށްލާނަމެވެ. ފިގްހުވެރިންނާއި، މެޑިކަލް ޑޮކްޓަރުން، އަދި ކަމުގެ ތަޖްރިބާ ކާރުން ހުށަހަޅުއްވާފައިވާ ދިރާސާތައް ބައްލަވާ މަޝްވަރާ ކުރެއްވުމަފަހު، އެބޭފުޅުން ނެރުއްވި ގަރާރުގައި ވެއެވެ. 

އެބޭފުޅުންގެ ގަރާރުގައި ވެއެވެ. "18-23 ޞަފަރު 1408ހ، 6-11 ފެބްރުއަރީ 1988 ގައި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވުނު މަޖްމަޢުލް ފިގްހިލް އިސްލާމީގެ ހަތަރުވަނަ ބައްދަލުވުމަށް އިންސާނުން ދިރިހުއްޓައްޔާއި މަރުވެފައި ވަނިކޮށް ގުނަވަންތައް ހަދިޔާ ކުރުމުގެ މައްސަލާގައި ހުށަހެޅުނު ފިގްހީ ބަޙުޘް ތަކާއި މެޑިކަލް ރިޕޯޓް ތަކަށް ބަލާ މުނާގަޝާ ކުރުމަށްފަހުގައި މިކަމަކީ މިޒަމާނުގައި ކާމިޔާބު ކަމާއި އެކު ކުރެވޭ ކަމެއް ކަމަށާއި، އަދި އެކަމުގެ ފައިދާތައްވެސް ވަރަށް ބޮޑު ކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހުރިހާ ކަމަކަށް ރިޢާޔަތް ކުރުމަށްފަހު ފާހަގަ ކުރެވުނު ނުކުތާ ތަކަކީ: 

1.    ގުނަވަނުގެ ގޮތުގައި މާނަ ކުރެވެނީ އިންސާނާގެ ހަށިގަނޑުގެ ބަޔެކެވެ.

2.    ފައިދާ ހޯދުމުގެ މާނައަކީ: އިންސާނަކު ދިރިހުރުމަށް ޓަކައި ކޮންމެހެން ބޭނުންވާނޭ ގުނަވަނެއް، ނުވަތަ އިންސާނަކަށް ބޭނުންވާނޭ އަސާސީ ގުނަވަނެއް، މިޘާލަކަށް ލޯ ނުވަތަ އެނޫންވެސް ގުނަވަނެއް އެހެން އިންސާނެއްގެ ކިބައިން ހޯދައިގެން އޭގެ ފައިދާ ހޯދުމެވެ.

3.    ގުނަވަންތަކުން ފައިދާ ހޯދުން ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:

·    ދިރިހުރި އިންސާނެއްގެ ގުނަވަން ބަދަލު ކުރުމުން ފައިދާ ހޯދުން.

·    މަރުވެފައިވާ މީހެއްގެ ގުނަވަން ބަދަލު ކުރުމުން ފައިދާ ހޯދުން.

·    މަންމަގެ ބަނޑުގައިވާ ކުއްޖެއްގެ ގުނަވަނަކުން ފައިދާ ހޯދުން. 

ފުރަތަމަ ގޮތް: ދިރިހުރި މީހެއްގެ ގުނަވަން ބަދަލުކުރުމުން ފައިދާ ހޯދުން: މިގޮތުގައި އަންނަނިވި ޙާލަތްތައް މެދުވެރިވެއެވެ.

ü   ގުނަވަނެއް ހަށިގަނޑުގެ ބަޔަކުން އެހެން ބަޔަކަށް ބަދަލު ކުރުން. މިޘާލަކަށް ހަންގަނޑާއި، ކަށިގަނޑު، ނާރު ފަދަ ތަކެއްޗެވެ.

ü   ދިރިހުރި އިންސާނެއްގެ ގުނަވަނެއް ނަގައި އެހެން އިންސާނެއްގެ ހަށިގަނޑަށް ބަދަލު ކުރުން. މި ޙާލަތުގައި ބަލަން ޖެހޭނެ ކަމަކީ އެގުނަވަނަކީ އެއީ އެއާއި ނުލާ އިންސާނާ އަށް ދިރިހުރެވޭ ވަރުގެ ގުނަވަނެއްތޯ ނުވަތަ ނޫންތޯއެވެ.

އެއާއި ނުލާ އިންސާނާ ދިރި ނުހުންނާނެ ފަދަ ގުނަވަންތަކުގެ ތެރޭގައި އެންމެ އެއްޗެއްވާ ގުނަވަންތަކާއި، މިޘާލަކަށް (ހިތް، މޭ)، އެކައްޗަށްވުރެ ގިނައިންވާ ގުނަވަންތައް، މިޘާލަކަށް (ކިޑްނީ، ފުއްޕާމޭ) ހިމެނެއެވެ. 

އެއާއި ނުލާ އިންސާނާ ދިރިހުރެދާނެ ފަދަ ގުނަވަންތަކުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުގައި އަސާސީ ވަޡީފާ އަދާކުރާ ގުނަވަންތަކާއި އެނޫން ފަދަ ގުނަވަންތައް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ހަށިގަނޑުގައި އުފެދޭ އެއްޗެތި، މިޘާލަކަށް (ލޭ)، އަދި ހަށިގަނޑުގައި އިތުރަށް ނުއުފެދޭ ތަކެތި، އަދި އޭގެ އެއްޗެއް މަދުވުމުން އިންސާނާގެ ދަރިފަސްކޮޅު އިތުރުވުމަށް ބޭނުންވާ މަނި އުފެދުމަށް ހުރަސްއެޅޭފަދަ ގުނަވަންތައް، އަދި އިންސާނާގެ ޝަޚްޞިއްޔަތަށް އުނިކަން ލިބިދޭފަދަ ގުނަވަންތައް، މިޘާލަކަށް (ޚިޞްޔާ/ އޮށް)، އަދި އެގުނަވަނެއް މަދުވުމުން އިންސާނާގެ ޝަޚްޞިއްޔަތަށް އުނިކަމެއް ނާންނާނެ ފަދަ ގުނަވަންތައް ހިމެނިގެންވެއެވެ. 

ދެވަނަ ގޮތް: މައްޔިތެއްގެ ގުނަވަނެއް ބަދަލުކޮށް ފައިދާ ހޯދުން: 

މަރުވުމުގައި ދެޙާލަތެއް ވެއެވެ. އެއީ:

1.    ސިކުނޑި މަރުވުން. މެޑިކަލް ގޮތުން އޭނާ އެނބުރި އަންނާނެ އެއްވެސް ގޮތެއް ނެތުން.

2.    ހިތްހުއްޓި ނޭވާ ނުލާ އަދި މެޑިކަލް ގޮތުން އޭނާ އެނގުރި އަންނާނެ އެއްވެސް ގޮތެއް ނެތް މީހުން. މި ދެޙާލަތަށްވެސް މިގަރާރުގައި ރިޢާޔަތް ކުރެވިފައިވާނެއެވެ.

ތިންވަނަ ގޮތް: މަންމަގެ ބަނޑުގައިވާ ކުދިންގެ ގުނަވަން ބަދަލުކޮށްގެން ފައިދާ ހޯދުމުގެ މައްސަލަ، މިގޮތުގައި ތިން ޙާލަތެއްވެއެވެ.

ü    ވެއްޓިގެންދާނެ ފަދަ ކުދިން.

ü    މެޑިކަލް ނުވަތަ އަނިޔާވެރި ކަމާއި އެކު ވައްޓާލެވޭ ކުދިން.

ü    ރަޙިމުން ބޭރުގައި އަށަގަންފައިވާ ކުދިން. 

ޝަރްޢީ ޙުކުމް:

ފުރަތަމަ: އިންސާނާގެ ހަށިގަނޑުގައި އުފެދި އުފެދި ހުންނަ ގުނަވަންތައް އެއްދިމާލަކުން ނަގާފައި އެހެން ބަޔަކަށް ބަދަލު ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، މިގޮތަށް މިކަން ކުރުމުން އިންސާނާ އަށް ލިބޭ ގެއްލުމަށްވުރެ ފައިދާ ބޮޑުވާނެ ކަން ޔަގީން ކުރަން ޖެހޭނެއެވެ. އަދި އެކަމެއް ކުރެވެނީ ހަލާކުވެފައިވާ ނުވަތަ އުނިވެފައިވާ ގުނަވަނެއްގެ ބަދަލުގައި ކަމަށް ވާންވާނެއެވެ. ނުވަތަ ޢައިބުވެފައިވާ ގުނަވަނެއް ރަގަޅު ކުރުމަށް ނުވަތަ ގުނަވަނެއްގެ މަސައްކަތް ރަގަޅު ކުރުމަށް ކަމުގައިވާން ވާނެއެވެ.  

ދެވަނަ: އެގުނަވަނަކީ އެއީ އުފެދޭ ގުނަވަނެއް ކަމަށްވަނީނަމަ، (މިޘާލަކަށް: ލޭ، ހަން) އިންސާނެއްގެ ހަށިގަނޑުން ގުނަވަނެއް ނަގާ އެހެން އިންސާނަކަށް ބަދަލު ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، މިކަން ކުރެވޭނީ ހަދިޔާ ކުރާ ފަރާތުން އެކަމަށް ފުރިހަމަ އަށް ރުހޭނަމައެވެ.  

ތިންވަނަ: ބައްޔެއްގެ ސަބަބުން ބޭނުން ކެނޑިފައިވާ ގުނަވަނެއްގެ ބަޔެއް ނަގާ އެހެން އިންސާނެއްގެ ހަށިގަނޑުގައި ހަރުކޮށް އެއިން ފައިދާ ހޯދިދާނެއެވެ. މިޘާލަކަށް: (ލޮލުގެ ބައްޔެއް ޖެހިފައިވާ މީހެއްގެ ކިބައިން ކަޅިނެގުން.)

ހަތަރުވަނަ: އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ ގުނަވަނެއް ބަދަލު ކުރުމަކީ ޙަރާމް ކަމެކެވެ. މިޘާލަކަށް: (ހިތް.)

ފަސްވަނަ: އެގުނަވަނެއް ބަދަލުކުރުމުން އިންސާނާގެ ޙަޔާތުގެ އަސާސީ ވަޡީފާ އަކަށް ހުރަސްއެޅޭ ނުވަތަ އެގުނަވަނެއްގެ ބޭނުން އެއްކޮށް ކެނޑިގެންދާ ފަދަ ގުނަވަނެއް ބަދަލު ކުރުމަކީ ޙަރާމް ކަމެކެވެ. މިޘާލަކަށް (ދެލޮލުގެ ކަޅި ބަދަލުކުރުން.) ނަމަވެސް އެގުނަވަނެއް ބަދަލު ކުރުމުން އަސާސީ ވަޡީފާގެ ބަޔަކަށް ހުރަސް އެޅޭނަމަ، އެއީ އިތުރަށް ބަޙުޘް ކުރެވިދާނެ ކަމެކެވެ. އެވާހަކަތައް ފަހަތުގައި އެބަ އާދެއެވެ.

ހަވަނަ: އެގުނަވަނެއް ނުލިބިއްޖެނަމަ، އެމީހަކު ދިރި ނުހުންނާނެ ފަދަ ޙާލަތެއްގައި، ނުވަތަ އެމީހެއްގެ ގުނަވަނެއްގެ އަސާސީ ވަޡީފާ އަދާ ކުރުމުގައި ހުރަސްތަކެއް އެޅިދާނެ ފަދަ ޙާލަތެއްގައި، މައްޔިތާ މަރުވުމުގެ ކުރިން އޭނާގެ ރުހުން ލިބި، އަދި މަރުވުމަށްފަހު ވާރުތަވެރިންގެ ރުހުން ލިބިފައިވާނަމަ، މަރުވެފައިވާ މީހެއްގެ ގުނަވަން ބަދަލު ކުރެވިދާނެއެވެ. މަރުވެފައިވާ މީހާ އަކީ ކާކުކަމެއް ނޭނގޭނަމަ، ނުވަތަ އެމީހެއްގެ ވާރުތަވެރިޔަކު ނެތްނަމަ، މުސްލިމުންގެ ވެރިޔަކަށް ހުންނަ ބޭފުޅެއްގެ ހުއްދަ އާއި އެކު އޭނާގެ ގުނަވަނެއް ބަދަލު ކުރެވިދާނެއެވެ.

ހަތްވަނަ: އެއް އިންސާނެއްގެ ގުނަވަން އެހެން އިންސާނަކަށް ބަދަލު ކުރުން ހުއްދަކަމަށް ބަޔާން ކުރެވުނު ޙާލަތްތަކުގައި، ވިޔަފާރީގެ އުޞޫލުން އެކަން ހިނގައިގެން ނުވާނެއެވެ. ސަބަބަކީ އެއްވެސް ޙާލަތެއްގައި އިންސާނާގެ ހަށިގަނޑުން ގުނަވަނެއް ވިއްކާލުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް، ހަދިޔާ އެއްގެ ގޮތުގައި އެއްޗެއް ދިނުމާއި މެދުގައި އިތުރަށް ވާހަކަ ދެއްކިދާނެއެވެ.

އަށްވަނަ: އިސްވެ ބަޔާން ކުރެވުނު ޙާލަތްތަކާއި ގޮތްތައް ފިޔަވާ އެހެން ޙާލަތްތަކާއި ގޮތްތަކުގައި ގުނަވަން ބަދަލު ކުރުމުގެ މައްސަލަ ޖެހޭނި އިތުރަށް ދިރާސާކޮށް ހަދާށެވެ.

ވީމާ، ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުގައި ދަންނަވަމެވެ.

އިސްވެ ބަޔާން ކުރެވުނު ޙާލަތްތަކުގައި އިންސާނާގެ ގުނަވަނެއް އެހެން އިންސާނަކަށް ހަދިޔާ ކުރެވިދާނެއެވެ. ގުނަވަން ހަދިޔާ ކުރެވޭ މީހާ އަކީ މުސްލިމަކަށް ވުން ލާޒިމެއް ނޫނެވެ. ގުނަވަން ވިއްކުން ހުއްދަ އެއް ނޫނެވެ. ނަމަވެސް، ގުނަވަން ހަދިޔާ ކުރުމުން އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަދިޔާ އެއް ގަބޫލު ކުރެވިދާނެއެވެ. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް

 

 

 

 

 

 

މިއަދު އޮންލައިން