އަމިއްލައަށް ފުރޮޅިވެސް ނުލެވޭ މިބަލިމީހާގެ ހުރި ވިސްނުން ލިބިއްޖެނަމަ މާޔޫސްވާން ނުޖެހި އުފަލުގަ އޮވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަމިއްލައަށް ފުރޮޅިވެސް ނުލެވޭ މިބަލިމީހާގެ ހުރި ވިސްނުން ލިބިއްޖެނަމަ މާޔޫސްވާން ނުޖެހި އުފަލުގަ އޮވެވޭނެ! އިން ޝާ ﷲ

ކަންކަން ދިމާވާ ގޮތުން ބަލިޙާލުގެ ސަބަބުން ނުދުވެވޭތަނުގައި އަމިއްލައަށް ފުރޮޅި ނުލެވޭ ޙާލުގައިވެސް އޮންނަން އެބަޖެހެއެވެ. އެހާލަތުގައި އޮންނަން ޖެހިފައިވާ ބައެއް މީހުން ވަރަށް ބޮޑަށް މާޔޫސްވެގެން އުޅެއެވެ. އެފަދަ މީހަކު އެނގޭނަމަ މިވާހަކަ އޭނާއަށް ކިޔައިދޭށެވެ! އަދި ތިބާވެސް މިވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ވަޤުތަކުވެސް މިފަދަ ޙާލަތެއް ކުރިމަތިވެދާނެތީއެވެ.

ބަލިހާލުގައި އެނދުމަތިވެފައި އޮންނަތާ އެތައް އަހަރެއް ފާއިތުވެފައިވާ ބަލިމީހަކަށް ޒިޔާރަތްކުރި ބަދަވީންގެ މީހަކު ބުންޏެވެ! "ރަހްމަތްތެރިޔާ ތިއަ ހާލުގައި އޮންނަތާ ހާދަހާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ތިއަހެން އޮންނަން ޖެހުމުން ހާދަ ފޫއްސެއްވެސް ވާނެތާއެވެ! ހީވަނީ މިހާރު ﷲ ރަޙްމަތްތެރިޔާގެ މަތިން ހަނދުމަފުޅުވެސް ނެތިއްޖެ ހެންނެވެ."

 

ޖަވާބުގައި ބަލި މީހާ ބުންޏެވެ! "ކަލެއަށް ތިއަ އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންނަށް މިހެން އޮންނަން ޖެހިފައި މިވަނީ އަހަރެން ވީއްލި ހުރިނަމަ ކުރެވިދާނެ ކިހައި ގިނަ، ބޮޑެތި ފާފަތަކުން ސަލާމަތްކޮށް ދެއްވެވުމުގެ ގޮތުން ނޫންކަން ކަލެއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ވިސްނުން ރަނގަޅެވެ. އެހެންވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރެވެއެވެ. ދޫ ސަލާމަތުން އެބަ އޮތެވެ. ޛިކްރު ކުރެވެއެވެ. ހިތް މައްޗަށް ގެނެސް (ހިތަށް އަރުވައިގެން) ނަމާދު ކުރެވެއެވެ. ދެން އަހަރެންނަށް މަދީ ކޮން ކަމެއް ހެއްޔެވެ؟ އިބިލީހުގެ އެޖެންޓަކަށް ހެދިގެން ތިއަބާވަތުގެ ވާހަކަތައް ދައްކަން ދެން މިގެއަށް ނާންނާށެވެ!"

މިޖަވާބުދިން މީހާއަކީ ހަށިގަނޑު ވާގި ނެތިފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އަމިއްލަ ހާލަށް ފުރޮޅިވެސް ނުލެވޭ މީހެކެވެ. މީހަކު ދީފިނަމަ ނޫނީ ކައި ބޮއި ވފެސް ނުހެދޭ މީހެކެވެ. އެހެނަސް އޭނާގެ ކުރިމަތީގައި ބަދަވީންގެ މީހާއަށް ޖެހުނީ ބަސް ހުސްވެ، ބުނާނެ އެއްޗެއް ނުއެނގިގެން މަޑުމަޑުން ހުންނާށެވެ! ކުޑަ އިރުކޮޅަކު މަޑުން ހުރުމަށްފަހު އެންމެފަހުން އޭނާ ވަނީ ބަލިމީހާގެ ކިބައިން މަޢާފަށް އެދިފައެވެ.

އެ ބަލިމީހާގެ ވިސްނުން އަހަރެމެން ގަދަވެ ސަލާމަތުން ތިބި މީހުންގެ ކިބައިގައި އެބަހުރިހެއްޔެވެ؟ ރަޙްމަތެއްގެ ގޮތުން ނޫނީ މުޞީބާތެއް ކުރިމަތި ނުކުރައްވަވާނެކަން ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެމެން މިއަދު ބަލިކަށިވެ ނިކަމެތިވަމުން މިދަނީ އެ ބަލި މީހާގެ ކިބައިގައި ހުރި ފަދަ އީމާންކަމެއް ނެތުމުންނެވެ. އެފަދަ ބަލިހާލުގައިވެސް ބަދަވީގެ މައްޗަށް ބަލިމީހާއަށް ގަދަވެ ގަނެވުނީ ހަމަ އީމާންކަން ވަރުގަދަވުމުންނެވެ! އެއީ ހަމަ ކޮންމެ މީހަކަށްވެސް ހޯދެން އޮތް ފުރުޞަތެކެވެ. އެމީހާގެ މަސައްކަތުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން