ގެއަށް އަންނަން ތިއުޅެނީ 2 މެހްމާނުންނަށް ދައުވަތުދީގެންނެވެ. އެކަކީ ވަރަށް ބޮޑު މަހުޖަނެކެވެ. އަނެކަކީ ހަމަ ވަރަށް އާދައިގެ ފަޤީރު މީހެކެވެ. އަތުގައި ތަނަވަސްކަމެއް ނެތްނަމަވެސް ވަރަށް ތަޤްވާވެރި އަޅުވެރިއެކެވެ.
ދެން ބަލަން މިޖެހެނީ 2 މީހުން ގެއަށް އަންނަ 2 ދުވަހު ގޭގައި ކައްކާނެ މިންވަރެވެ.
މުއްސަނދިމީހާ އަންނައިރު ގެރިމަހާއި ބަކަރިމަހާއި ކުޅު ފަދަ އެތައް ބާވަތްތަކެއް ކައްކާނަން ހެއްޔެވެ؟ އަތުގައި ފައިސާ ނެތްނަމަ ދަރަނިވެރިވެގެން ނަމަވެސް ވީހައި ގިނަ ބާވަތްތަކެއް ތައްޔާރު ނުކުރާނަން ހެއްޔެވެ؟ ގޭތެރެ ފޮޅައި ސާފުކޮށް ޒީނަތްތެރި ނުކުރާނަން ހެއްޔެވެ؟ އިށީންނާނެ ބޮޑު ގޮނޑިއެއް ގޭގައި ނެތްނަމަ އެހެން ގެއަކުން ބޮޑު ގޮނޑިއެއް ގެނެސްގެން ނަމަވެސް ގޭގައި ނުބަހައްޓާނަން ހެއްޔެވެ؟
ދެން އޮތީ ފަޤީރު މީހާ ގެއަށް އަންނަ ދުވަހެވެ. އެދުވަހުވެސް ކަންތައްތައް ކުރާނީ ހަމަ މުއްސަނދި މީހާ އަންނަ ދުވަހު ކަންތައްތައް ކުރާނެ ގޮތަށް ހެއްޔެވެ؟ ނޫންނަމަ ޢާންމުކޮށް އެދުވަހު ގޭގައި ކައްކާ އެއްޗަކުން ފުއްދައިލާނީ ހެއްޔެވެ؟
ތެދުވެރިކަމާއިއެކު އެ ދެދުވަހު އަމަލުކުރާނެ ގޮތް ނިކަން ބުނެދީބަލާށެވެ! އެއިރުން ތިބާގެ ކިބައިގައި އީމާންކަން ހުރި މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.
މީސްތަކުންނޭވެ މިއިމްތިހާނުން ޙާޞިލުކުރަން ޖެހޭ ނަތީޖާއަކީ މިއަދު މީހުން އަގު ކުރަނީ އެމީހުންގެ ބޭރުފުށުން ކަމެވެ. މީހުންނަށް ކަމޭ ހިތައި މެހްމާންދާރީ އަދާކުރަނީވެސް އެމީހެއްގެ ކިބައިން ކޮށްފާނެ މަންފާއަކަށް ބަލައިގެން ކަމެވެ. މިސާލަކަށް ބަލާނަމަ ލިބިފައިވާ ތަނަވަސްކަމަކީ ބޭރުފުށުގެ ކަމެކެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ބޭރުފުށަކަށް ނޫނެވެ. އެތެރެފުށަށެވެ. ހިތަށެވެ. ތަޤްވާވެރި ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިގޮތް ގޮތަށް ކަންކަން ހިނގަމުން މިދަނީ އީމާންކަން ކުޑަވެ ދުނިޔެއަށް ދަހިވެތިވެވޭ މިންވަރު ބޮޑުވުމުންނެވެ. ޢާޚިރަތަށް ދެވޭ ސަމާލުކަން ކުޑަވުމުންނެވެ. މިފަދަ ގޮތްގޮތަށް އަމަލުކުރާނަމަ އެމީހަކީ ޤިޔާމަތް ދުވަހު ސަލާމަތް ވެވޭނެ މީހެއް ކަމަށް އުންމީދު ކުރުމެއް ނެތެވެ! އެހެނީ އެފަދަ މީހުންގެ އީމާންކަމުން އެވަނީ ވަރަށް ބޮޑު ބައެއް އުނިވެފައިކަމަށްވާތީއެވެ.
މިކަންކަން މިހާމަކޮށްލީ ތިމާގެ ކިބައިގައި އީމާންތެރިކަން ހުރިވަރު ނުއެނގިގެން ބައެއް މީހުން ވަރަށް ގިނައިން ވާހަކަތައް ދައްކައި ކަންބޮޑުވުންވެސް ފައުޅުކޮށް ސުވާލުތައް ކުރާތީ އެފަދަ މީހުންނަށް ކޮށްލެވިދާނެ ވަރަށް ކުޑަކުޑަ އިމްތިޙާނެއް ބުނެލުމުގެ ގޮތުންނެވެ. އަމިއްލައަށް އިމްތިޙާންކޮށްލާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން