އަހަރެންގެ ވިސްނުމުގައި ކުރާ ކޮންމެކަމެއްވެސް އަދި ކުރާކޮންމެ އަޅުކަމެއް ކުރަން ފެށުމުގެ ކުރިންވެސް އަޢޫޛް ކިޔަންވާނެ އެވެ. ބޭނުމަކީ ޝައިޠާނާގެ ވަސްވާސްތަކުންނާއި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދުމެވެ. މިވާހަކަ މިބުނެލީ ރަމަޟާން މަހަކީ މުސްލިމުން އެންމެ ގިނައިން އަޅުކަން ކުރާ މަސްކަމަށްވާތީ ކުރާ އަޅުކަމުގެ އެންމެ މަތިވެރި ސަވާބު ލިބިގަތުމަށް މަގުފަހިކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ހަނދާންކޮށްދިނުމަށެވެ.
أعوذ بالله من الشيطان الرجيم އަކީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދި ކުރަން އޮތް ދުޢާއެކެވެ. އެދުޢާ ވީހައި ގިނައިން ކިޔަންވާނެއެވެ. އަބަދުވެސް ހުންނަންވީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދިއެދިއެވެ.
ކޮންމެ އަޅުކަމެއް ކުރަން ފެށުމުގެ ކުރިންވެސް ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދެންވާނެއެވެ. ޝައިޠޯނާ އަބަދުވެސް އެހެންނަނީ އަޅުކަން ކުރިއަ ނުދިނުމަށް ފަހަތުގައި ވިއްދައިގެންނެވެ. ނަމާދުކުރަން ފަށާއިރަށްވެސް ހިތަށް ވަސްވާސްތައްދީ ނަމާދުން ބޭރުކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ!
"ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައިވިދާޅުވާނަމަ، ފަހެ ރަޙްމަތުން ބޭރުކުރައްވަވާފައިވާ ޝައިޠޯނާގެ ކިބައިން ދުރުކުރެއްވެވުން އެދި، ﷲ ގެ ރައްކައުތެރިކަމަށް އެދި ދަންނަވާށެވެ!" (އައްނަޙްލް: 98 )
މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ކަންކަން ކުރަން ފަށާބައެކެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެންއޮތީ ﷲ ތަޢާލާގe ރަޙްމަތްފުޅުން ކަމުގައިވާތީއެވެ. ވީމާ އަޢޫޛްކިޔައި ޝައިޠޯނާ ފައްސައިލުމާއި ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ އެންމެ މަތިވެރި އިސްމްފުޅުން ފެށުމަކީ 2 ކަމެކެވެ. އޮތީ 2 ކަންތައްވެސް ކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން