ޢަލީ އިޙްޞާން ފިރާޤް
ސަދޫމުގެ މީސްތަކުންގެ ފާޙިޝް ޢަމަލުތައް:
لوط عليه السّلام، ނަބީކަމައިގެން ފޮނުއްވުނު ޤައުމަކީ ސަދޫމެވެ. އެ ޤައުމުގެ މީސްތަކުންނަކީ ވަރަށް ގިނަ ފާޙިޝް ކަންތައްތަކެއް ކުރަމުން ގެންދިޔަބައެކެވެ. މީގެ ކުރިން އިންސާނީ ނަސްލުގެ އެއްވެސް ބަޔަކު ނުކުރާފަދަ ފާޖިރު ޢަމަލުތަކުން ހިތްހަމަ ޖެހުން ލިބިގަތުމަކީ އެބައިމީހުން އުފަލެއް ކަމުގައި ހަދައިފައިވާ ބައެކެވެ. މާތް الله سبحانه وتعالى އަށް ޝަރީކުކުރުމުގެ ބޮޑު ފާފައިގެ އިތުރަށް އެބައިމީހުން ގެންދިޔައީ އެއްޖިންސުން ގުޅުން ހިނގުމުގެ މުޑުދާރު ޢަމަލުވެސް ކުރަމުންނެވެ.
ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން ޘާބިތުވާ ގޮތުގައި އެއްޖިންސުން ގުޅުން ހިނގުމުގެ ނުބައި ފާފަ އެންމެ ފުރަތަމަ މިބިންމައްޗަށް އުފަންކުރި ނުވަތަ ތަޢާރަފު ބަޔަކީ ސަދޫމުގެ އަހުލުވެރިންނެވެ. އެބައިމީހުން މިދެންނެވި އިންސާނީ ފިޠުރަތާ ޚިލާފު ޢަމަލު ކުރަމުން ގެންދިޔައީ ފާޅުކަން ބޮޑު ގޮތެއްގައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ޢަންކަބޫތު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
"وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٢٨﴾"
މާނައީ: "އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަކުރާ فاحش ކަންތައްތަކަކީ، عالم ތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ."
ދެވަނަ މުންކަރާތަކަށް އެބައިމިހުން ކޮށްއުޅުނުކަމަކީ، މަގުފޭރުމެވެ. މުދަލައިގެން ދަތުރުކުރަމުންދާ ޤާފިލާތަށް ލޫޓުވައި ދަތުރުވެރިންގެ ޙައްޤުތައް ނިގުޅައިގަތުމެވެ. ބައެއް ފަހަރު ޤާފިލާގައި ދަތުރު ކުރާ މީސްތަކުން އެއްވެސް ޙައްޤަކާނުލައި ޤަތުލުކޮށްހަދައެވެ. ޢަންކަބޫތު ސޫރަތުގެ 29 ވަނަ އާޔަތުގައި މިވާހަކަ ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
"أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا ائْتِنَا بِعَذَابِ اللَّـهِ إِن كُنتَ مِنَ الصَّادِقِينَ ﴿٢٩﴾"
މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (شهوانى އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) اللَّه ގެ عذاب ނިކަންގެނެސްދެއްވައި ބައްލަވާށެވެ!"
މަގުފޭރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކުށެކެވެ. ވަރަށް އަދަބު ބޮޑު ކުށެކެވެ. ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ﴿٣٣﴾"
މާނައީ: " اللَّه އާއި، އެކަލާނގެ رسول އާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ."
ފިޤުހު ޢިލްމުވެރި ވިދާޅުވާ ގޮތުގައި، މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް الله سبحانه وتعالى ބަޔާން ކުރައްވާފައިވަނީ މަގުފޭރޭ މީހުންގެ އަދަބެވެ. މި އަދަބުގެ ބޮޑުކަމަށް ވިސްނާލުމުން މަގުފޭރުމުގެ ނުބައިކަމާއި ނުރައްކާތެރިކަން ދޭހަވެއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ގޮތުގައި، ސަދޫމުގެ މީސްތަކުން ކުރިން ދެންނެވި ފާޙިޝްކަންތައްތަކުގެ އިތުރަށް، އެހެން މުޑުދާރު ޢަމަލުތައްވެސް ކުރަމުން ގެންދިޔައެވެ. އުއްމުލް މުއުމިނީން ޢާއިސަތުގެފާނު ވިދާޅުވާ ގޮތުގައި، އެބައިމީހުން އެބައިމީހުންގެ މަޖިލީސްތަކުގައި ތިބެގެން ބާރަށް ވައިބޭރު ކުރުމާއި ގަދަ އަޑުން ހީ އުޅެއެވެ. އަދި އެކަންތައްތަކުގައި އެއްބަޔަކު އަނެއްބަޔަކާއި ވާދަކޮށް އުޅެއެވެ.
އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު ޞަފްޙާ 484}
ސަދޫމުގެ މީސްތަކުންގެ މިދެންނެވިފަދަ ފާޙިޝް ޢަމަލުތަކުގައި ޙައްދުފަހަނަ އަޅައި ދިޔުމުން މާތްالله سبحانه وتعالى އިރާދަކުރެއްވީ އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށެވެ. އެބައިމީހުން ކުރަމުންގެންދާ ޢަމަލުތަކަކީ ފާޙިޝް ޢަމަލުތަކެއްކަން ބަޔާންކޮށްދެއްވުމަށެވެ. މިކަންތައްތައް ބަޔާންކޮށްދެއްވުމަށްޓަކައި އެބައިމީހުންގެ ގާތަށް ފޮނުއްވީ لوط عليه السّلام، އެވެ.