ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ނިކަމެތިން އުފާކޮށްދޭށެވެ! އުފާވެރިކަން ލިބުން އަވަސްވާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ނިކަމެތިން އުފާކޮށްދޭށެވެ! އުފާވެރިކަން ލިބުން އަވަސްވާނެއެވެ! އިން ޝާ ﷲ

މީސްތަކުންނޭވެ! ތިމާއަށް ހިތްދަތިކަމެއް އިޙްޞާޞްކުރަންޖެހިއްޖެނަމަ ތަނަވަސް އެކުވެރިންގެ ގާތަށްގޮސް އެމީހުން އުޅޭގޮތާއި ކުރާ ކަންކަން ބެލުމުގެ ބަދަލުގައި ނިކަމެތި ފަޤީރުންގެ ގާތަށްދާށެވެ. ދޭނެ އެއްޗެއް އަތުގައި ނެތްނަމަ އެމީހުންނާއި ވާހަކަދައްކާލައިގެން، އެމީހުންނަށް ހިނިތުންވެލައިގެން ނަމަވެސް އެމީހުންނަށް ހިތްހަމަޖެހުމެއް ހޯދައިދެވޭތޯ ބަލާށެވެ! 

މިހެން ބުނުމުން ތަނަވަސް މީހުންގެ ކިބައިން ލިބޭނެ އެހީތެރިކަން މާބޮޑުވާނެ ކަމަށް ހީކުރެވިދާނެއެވެ. އެކަން އެހެންވެވެސްދާނެއެވެ. ނަމަވެސް އަހުރެން ބުނާނީ ޙަޤީޤީ ހިތްހަމަޖެހުމެއް ލިބެން އޮތީ ފަޤީރުންގެ ގާތަށް ގޮސްގެން ކަމަށެވެ. އެހެނީ އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެކަލާނގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންކަމަށްވާތީއެވެ.

އެއްވެސް ޙާލެއްގައި މިދައްކަނީ އަތުގައި ކާނެ އެއްވެސް ނެތި، ބަނޑުފުރާމަ މުއްތިނުކުރެވިގެން އުޅެންޖެހޭ ހާލަތުގެ ވާހަކައެއް ނޫނެވެ. އެޙާލަތުގައި ތަނަވަސް މީހެއްގެ އެހީތެރިކަމަށް އެދެން ދިއުމަކީ މުޅިން ތަފާތުކަމެކެވެ. ވިސްނައިލަންޖެހޭނެ ކަމަކީ އެމީހެއްގެ ކިބައިން ކަމަކަށް އެދެންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެން ކަމެވެ. 

ޢާންމު ގޮތެއްގައި ހިތްދަތިވާ ވަޤުތު ތަނަވަސް އެކުވެރިންގެ ގާތަށް ދެވެނީ މުޅިން ތަފާތު މަޤްޞަދެއްގައެވެ. އެއީ އޭނާއާއިއެކު ވަޤުތު ހޭދަކުރުމުން ހިތްހަމަޖެހުން ލިބޭތީއެވެ. ކޮފީއާއި އަގުބޮޑުކެއުން ލިބޭތީއެވެ. އެހެން ކަންކަންވެސް ފުދޭތީއެވެ. 

އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. މީހުން ކިޔައިދީފައިވާ ވާހަކަތަކަށް ބުރަވެ ހުރެ ބުނަމެވެ. ނިކަމެތިންނަށް އޯގާތެރިވުމަށްވުރެ، އެމީހުންނަށް އެހީތެރިވުމަށްވުރެ އަވަހަށް ހިތްދަތިކަން ފިލައިގެންދާ އެހެންކަމެއް ނެތެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ނޫނީ ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ ކޮންމެ ކަމެއް ކުރިމަތިވިޔަސް އަސްތަގްފާރުކުރުން ގިނަކުރަން އެއޮންނަނީ އެސަބަބަށްޓަކައެވެ. 

ވީމާ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެންމެ ނިކަމެތި ޙާލުގައި އުޅޭ އެކުވެރިންގެމަތިން ހަނދާންކުރާށެވެ. އެމީހުންނަށް ހެޔޮފޯރުކޮށްދޭށެވެ. އެމީހުންނަށް އުފާވެރިކަން ހޯދައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! މައްސަލަތައް ޙައްލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

ތަނަވަސްކަންހުރި މީހުންނަށް ބުނަމެވެ! ހިތްދަތިކަމެއް ކުރިމަތިވާ ޙާލަތުގައި ދީލަތިކަން އިތުރުކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރާށެވެ! އުފާވެރިކަން ދާދި އަވަހަށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން