މިހާރަކަށް އައިސް ސިޓީތަކުގައި ގިނަ މީހުން އުޅެނީ ފްލެޓްތަކުގައެވެ. ވީމާ ކުރިމަތިން ނުވަތަ ޖެހިގެން ހުންނަ ފްލެޓްތަކަށް ވައްދާތަކެތި ވަރަށް ފަސޭހައިން ފެންނާނެއެވެ. އަދި ލިފްޓުން އަރާއިރު އަނެކާގެ އަތުގައި ހުންނަ ތަކެތިވެސް ފެންނާނެއެވެ.
އަނެކާގެ ގެއަށް ވައްދާތަކެއްޗާއިމެދު ނުވިސްނާށެވެ. ވިސްނާނަމަ ކަންބޮޑުވެވޭނެއެވެ. އެކަންބޮޑުވުން ބަދަލުވާނީ ޙަސަދައަށެވެ. ޙަސަދައަކީ ކުރާ ހެޔޮކަން ނައްތައިލުވާ އެއްޗެކެވެ. ޙަދީޘްފުޅުގައި އޮތީ ހަސަދައަކީ އަލިފާން، ދަރުއަންދާ އުޞޫލުން އެމީހަކުކުރާ ހެޔޮކަން އަންދައިލާ އެއްޗެއް ކަމަށެވެ.
އެހެންވީމާ ރޯދަހިފަމުން އެހެން މީހަކަށް ޙަސަދަލީމާ ތިމާ ހިފާރޯދައިގެ ގެއްލިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ. އަދި އަހަރެމެންގެ ތެރެއިން ގިނަބައަކަށް ކުރެވޭ ވަރަށް ނުބައިކަމެއް ފާހަގަކޮށްލާނަމެވެ.
މިޘާލަކަށް އެކުގައި އުޅުނު ދެމީހުންނެވެ. ފުރތަމަ 2 މީހުންވެސް އުޅުނީ ވަރަށް ފަޤީރު ޙާލުގައެވެ. އެއިރު ދެމީހުންވެސް އުޅުނީ ވަރަށް ގާތް އެކުވެރިކަމުގައެވެ. ދުވަސްކޮޅަކުން އެކަކަށް ތަނަވަސްކަން ލިބުނީއެވެ. ތަނަވަސްކަން ލިބުމުން އޭނާ އަނެކާގެމަތިން ހަނދާން ނައްތައިލީއެވެ. އެކުވެރިކަން ދޫކޮށްލީއެވެ.
އެހިސާބުން އެބަބުނެވެއެވެ. "ފަޤީރުއިރު އުޅުނީ ވަރަށް އެކުވެރިކަމުގައެވެ. އޭނާއަށް ތަނަވަސްކަން ލިބުމުން މިހާރު އަހަރެން ނުވެސް ފެއެވެ."
އެގޮތަށް ކަންތައް ކޮށްފިނަމަ ދެރަވާނެއެވެ. އެހެނަސް މިބުނި ވަރުގެ ބަހެއްވެސް ނުބުނާށެވެ! އެއިގެ ބަދަލުގައި އޭނާއަށް ނިޢްމަތް ދެއްވެވުން އެދި ދިޢާކުރާށެވެ! އެދުޢާއަކީ ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވަވާ ސަބަބުކަމުގައިވެސްވެދާނެއެވެ. އިން ޝާ ﷲ
މިގޮތަށް ވިސްނާށެވެ! ގިނައިން ދެއްވަވާ މީހާއަށް ދެއްވަވަނީވެސް ﷲ އެވެ. ތިމާއަށް ދެއްވަވަނީވެސް ﷲ އެވެ. ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވަނީ ﷲ އެވެ. ހަމައެއާއިއެކު ތިމާއަށް ދެއްވަވަން އިރާދަކުރައްވަވާ މިންވަރަށް ލިބޭނެކަމުގެ ޔަޤިންކަމުގައި ހުންނާށެވެ! އެއިރުން އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ކަންބޮޑުވެ ޙަސަދަވެރިވާކަށް ނުޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން