ޢާއިޝަތުގެފާނުގެ ސީރަތު 9: މާތް ރަސޫލާ އާއި ޢާއިޝަތުގެފާނުގެ ސާދާ ދިރިއުޅުއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޢާއިޝަތުގެފާނުގެ ސީރަތު 9: މާތް ރަސޫލާ އާއި ޢާއިޝަތުގެފާނުގެ ސާދާ ދިރިއުޅުއްވުން

ޢަލީ އިޙްޞާން ފިރާޤް

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދިރިއުޅުއްވަމުން ގެންދެވީ ނުހަނު ސާދާ ދިރިއުޅުއްވުމެވެ. އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ހައްދަވައި ދެއްވައިފައިވާ ކުދިކުދި ކޮޓަރިކޮޅުތަކުގެ ތެރެއިން ކޮޓަރިކޮޅެއްގައެވެ. އެކޮޓަރިކޮޅުތައް ބިނާކުރައްވައިފައިވަނީ، ނައްޖާރުވަންހައިގެ މީސްތަކުންގެ އަވަށުގައެވެ. މަސްޖިދުއްނަބަވިއްޔާ އިންވެގެންނެވެ. 

އެއިން ކޮޓަރިކޮޅެއްގެ ބޮޑު މިނަކީ ހަ ފޫޓެވެ. ފާރުތައް ހަދައިފައިވަނީ އުވަޖަހައިގެންނެވެ. ފުރާޅުކޮޅުތައް ހަދައިފައިވަނީ ކަދުރުރުކުގެ ފަނުންނެވެ. މީހަކު ކޮޅަށް ތެދުވެއްޖެނަމަ އެ ކޮޓަރިކޮޅުތަކުގެ ފުރާޅުގައި ބޯޖެހޭވަރުވެއެވެ. އެހާވެސް ތިރިއެވެ. ކޮޓަރިކޮޅުގެ ދޮރުކޮޅަކަށް ދަންމަވައިފައިވަނީ ފަރުދާއެކެވެ. އެކޮޓަރިކޮޅުތަކުގެ އެނދުދާންކޮޅުގައި އަޅުއްވައިފައިވަނީ ޒާތެއްގެ ތުނި ރަޖައެކެވެ. ބާލިސްކޮޅުތައް ހައްދަވައިފައި ހުންނަނީ އެތެރެއަށް ގަސްގަހުގެ ފަތްލައްވައިގެންނެވެ. ފެންއަޅުއްވަން ގެންގުޅުއްވަނީ ހަމުން ހަދައިފައިވާ ކަންވާރެވެ. 

އެއިން އެއްވެސް ގެކޮޅަކުން ދުނިޔޭގެ އެއްވެސް މާއްދީ އުފާވެރިކަމުގެ ނިޝާނެއް ފެންނާކަށް ނުހުރެއެވެ. ދުނިޔެވީ ލައްޒަތާއި އަރާމާއި އުފަލުގައި ދިރިއުޅުއްވުމަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްގޮތަކަށްވެސް ރުއްސެވި ކަމެއް ނޫނެވެ. އެކަލޭގެފާނު ދުނިޔޭގައި ދިރިއުޅުއްވަން ބޭނުންފުޅުވެވަޑައިގެންނެވީ ފަޤީރުކަމުގައެވެ. އަވަހާރަވުމަށްވެސް އެދިވަޑައިގެންނެވީ ފަޤީރު ޙާލުކޮޅުގައެވެ. ޤިޔާމަތްދުވަހު މަހުޝަރު ކުރެއްވުމަށް ލޯބިފުޅު ކުރެއްވީވެސް ފަޤީރުންނާއެކުގައެވެ.{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 45-46} 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ  އަހުލު އިޔާލުންގެ ޚަރަދުބަރަދު ބެލެހެއްޓެވުމުގެ ކަންތައްތައް ޙަވާލުކުރައްވައިފައިވަނީ، ބިލާލު ބިން ރަބާޙު ރަޟިޔަﷲ ޢަންހަށެވެ. އޭރު އެކަލޭގެފާނުގެ އާލުވެރިންނަށް ދެއްވަމުން ގެންދެވީ އަހަރެއްގެ މައްޗަށް ވަކިމިންވަރެއްގެ ގޮދަނެވެ. ބައެއް ފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެކަލޭގެފާނު އަހުލުވެރިންގެ ޚަރަދުތައް ހަމަޖެއްސެވުމަށްޓަކައި ދަރަންޏަށް ތަކެތި ނަންގަވަން ޖެހިވަޑައިގަންނަވާ ފަހަރުވެސް އާދެއެވެ.

އިސްލާމީ ވެރިކަމުގެ ބާރުގެ ދަށަށް މުޅި ޢަރަބިކަރަ އައުމުން މުސްލިމުންގެ ބައިތުލްމާލު ތިޔާގިވެގެންދިޔައެވެ. ގޮދަނާއި ފައިސާ ސުމާރެއް ނެތްހައި މިންވަރަށް ލިބެންފެށިއެވެ. ނަމަވެސް އޭގެ ތިޔާގިކަމުގެ އެއްވެސް މިންވަރެއް މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ބޭނުންފުޅެއް ނުކުރައްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ގަނޑުވަރުގައި މީހަކު މޭހޫނު ފިލުވައިލާނެ މިންވަރެއްވެސް ނެތެވެ. 

ގިނަ ރޭރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި ހުންނަނީ ބައްތިވެސް ނު ދިއްލަވައެވެ. އެއީ ބައްތި ދިއްލާނެ ތެޔޮ ފޮދެއް އެބޭފުޅުންނަށް ލިބިވަޑައިނުގަންނަވާތީއެވެ. ޢާއިޝަތުގެފާނު އެއްފަހަރު ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޒަމާނުގައި ތިމަންމެންގެ ގޭގައި ބައްތި ދިއްލައި ނުލެވޭތާ ޖައްސަޖައްސައިގެން ސާޅީސް ރޭ ހޭދަވާ ފަހަރުވެސް އާދެއެވެ.] 

އެހެންފަހަރަކު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [ޝައްކެއްނެތެވެ. އެޒަމާނުގައި ތިމަންމެންނަށް ބައްތި ދިއްލާނެ ތެޔޮ ފޮދެއް ލިބުނުނަމަ އެތަކެތި ބޭނުންކުރީހީ ކެއްކުމަށެވެ.]

މިއަދު އޮންލައިން