ދަރިންނަށް މިއަށްވުރެ ފައިދާކުރާނެ، މިއަށްވުރެ ފުރިހަމައަށް ރޯދަވީއްލާ ގެއެއް އެބަހުރިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ދަރިންނަށް މިއަށްވުރެ ފައިދާކުރާނެ، މިއަށްވުރެ ފުރިހަމައަށް ރޯދަވީއްލާ ގެއެއް އެބަހުރިތޯ؟

"އަޅުގަނޑުމެންގެ ގެއަކީ ޢާއިލާގެ ވަރަށް ގިނަ ބައަކު އެކުގައި ދިރިއުޅޭ ގެއެކެވެ. އެހެންވެ 10 އަހަރުން ދަށުގެ 12 ވަރަކަށް ކުޑަކުދިން އެބަތިއްބެވެ. ކުޑަކުދިންނަށް ވަރަށް ފައިދާހުރި ގޮތަކަށް ރޯދަ ވީއްލި ބެލެނިވެރިއަކު މިއަދުނޫހާއި ޙިއްބާކޮށްފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެއް ތަންކޮޅެއް ކުރިން ވަނީ މިއަދުނޫހުން ކިޔައިފައެވެ. ތިއަބޭފުޅުންގެ ވިސްނުންފުޅުގައި އެވާހަކަހުރިނަމަ އަލުން ގެނެސްލަދެއްވަފާނަންތޯ؟" 

ލިޔުމުގެ ސުރުޚީ އެނގޭނަމަ ހޯދަން ތަންކޮޅެއް ފަސޭހަވީހެވެ. އަޅެ ތިއަ ވިދާޅޫވަނީ ތިރީގައިވާ ލިޔުންތޯ ނިކަން ބައްލައިލަބައްލަވާށެވެ!

ރޯދަވީއްލާ ވަގުތަކީ ދުޢާ ޢިޖާބަ ކުރައްވަވާ ވަގުތެއް ކަމުގައިވުމުން އެކަން ބަޔާންކުރައްވައި ދީނީ ޢިލްމްވެރިން ދެއްވާ ދަރުސްތައް އަބަދުވެސް އައީ އަޑުއަހަމުންނެވެ. އަދި ދަރިން އެކަމަށް ޝައުޤްވެރިކުރުވައި އެ ޢާދަ އުފައްދާނެ ގޮތަކާއިމެދުވެސް އައީ ވިސްނަމުންނެވެ. 

މިދިއަ އަހަރު އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރީމެވެ. މިކިޔައިދެނީ އަޅުގަނޑޫ އެކަމަށް މަސައްކަތްކުރި ގޮތެވެ.

1 ފުރަތަމަ ކަމަކަށް އެކަން ބަޔާން ކުރައްވައި ދީނީ ޢިލްމުވެރިން ދެއްވާފައިވާ ބައެއް ދަރުސް ކުދިންނަށް އަޑު އިއްވީއެވެ. އެގޮތުން ރާއްޖޭގެ ޢިލްމުވެރިން ދިވެހިބަހުން ދެއްވާފައިވާ ދަރުސްތަކާއި ބޭރުގެ ޢިލްމުވެރިން އިނގިިރޭސިބަހުން ދެއްވާފައިވާ ދަރުސްތައް ވެސް އަޑުއިއްވީމެވެ. 

2 އެކަމުގެ މުހިންމުކަން ކުދިންނަށް ވިސްނައިދިނީމެވެ. ކޮންމެ ކުއްޖަކީވެސް ބައިވަރު ކަންތައްތަކަށް ބޭނުންވެގެން ހުންނާނެ ކުއްޖެކަން ވިސްނައިދިނީމެވެ. ވީމާ އެކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުމުން ﷲ ތަޢާލާ އެކަންކަން ހިންމަވައި ދެއްވަވާނެކަމުގެ ޔަޤީންކަން ކުދިންނަށް ދިނީމެވެ. 

3 ގޭގައި ތިބީ 6 ކުޑަކުދިންނެވެ. ކޮންމެ ދުވަހަކުވެސް އެއް ކުއްޖަކު ލައްވައި އޭނާގެ ބޭނުންތަކަށް ދުޢާކުރުވީއެވެ. އެހެން ކުދިންނަށް ވެސް އަޑުއިއްވައިގެން ދުޢާކުރުމުން އެހެންކުދިން ލައްވައި އާމީން ކިޔުއްވީއެވެ. 

4 ކޮންމެ ދުވަހަކުވެސް އެބައި ނިމުމުން އެކުއްޖަކު ސިއްރުން ދަންނަވަންހުރި ކަންކަމަށް ދުޢާކުރުވީއެވެ! 

5 މިގޮތަށް 6 ދުވަހު ހަކުދިން އިސްކުރުވައިގެން ދުޢާކުރުވިއިރު ކުދިން ތިބީ އެކަމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެފައެވެ. ބައެއް ކުދިން ފަހުން އެކުދިން ބޭނުންވާ ކަންކަން ނޯޓުކޮށްގެންވެސް ދުޢާކޮށް ހެދިއެވެ. 

6 މިއަހަރުގެ ރަމަޟާން މަސް ފެށުމާއިއެކު ކުދިން ވަނީ އެކަމަށް އަމިއްލައަށް އިސްނަގައިފައެވެ. ކޮންމެ ދުވަހަކުވެސް އެކުދިން އަމިއްލައަށް އިސްވެ އެކަންކުރެއެވެ. ރޯދަވީއްލާ ވަގުތު ކައިރިވުމުން ކާމޭޒުދޮށުގައި އަނެއްބައި ދުވަސްދުވަހު ސިޓިންގ ރޫމްގައި ތިބެގެންވެސް ދުޢާ ކުރެއެވެ. 

7 އެންމެ ޚާއްޞަކަމެއްގެ ގޮތުން ފާހަގަކޮށްލަން ބޭނުންވަނީ ކުދިންނާއިއެކު ގޭގެ ބޮޑެތި މީހުންވެސް އެކަމުގައި ބައިވެރިވާކަމެވެ. 

8 ރޯދަވީއްލާ ވަގުތު ޖެހުމުގެ 10، 15 މިނިޓްކުރިން އެންމެން އެކުގައި ތިބެ ޛިކުރުކުރަން ފަށަމުއެވެ. ދުޢާކުރަން ފަށަނީ 2،3 މިނިޓަށް ކައިރިވުމުންނެވެ. 

މިކިޔައިދިނީ އަޅުގަނޑުމެންގެ ގޭގައި މިކަން ކުރާ ގޮތެވެ. މިއަށްވުރެ ފުރިހަމައަށްވެސް ކުރެވޭނެ ގޮތްތައްވެސް ހުންނާނެއެވެ. އަދި އެއްވާހަކަ ބުނެލާނަމެވެ. ގެއިން ރޯދަ ވީއްލުމާއިއެކު ފިރިހެން ކުދިން މިސްކިތުގެ ޖަމާއަތަށް ނަމާދަށް ގެންދަމުއެވެ. އެކުއްޖެއްގެ ބައްޕަ ދާނީ ދަރިފުޅު ގޮވައިގެންނެވެ. މައިން އަނހެން ކުދިންނާއިއެކު ގޭގައި ނަމާދުކުރާނެއެވެ. 

ބޮޑު ރޯދަވީއްލުން ބާއްވަނީ މަޣްރިބް ނަމާދު ނިމިގެން މިސްކިތުންގޮސް އެންމެން އެކުގައެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން