ޤިޔާމަތް ދުވަހު އެންމެ ކާމިޔާބު މީހުން ކަމުގައިވާނީ މިދުޢާގައި ސާބިތުވި ބައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ޤިޔާމަތް ދުވަހު އެންމެ ކާމިޔާބު މީހުން ކަމުގައިވާނީ މިދުޢާގައި ސާބިތުވި ބައެކެވެ!

އެންމެ ގިނަ ބައަކު މަގުފުރެދިގެންދާ ސަބަބަކީ އެމީހަކަށް ﷲ ތަޢާލާއިން ނުފުދޭކަމެވެ. އިތުރު ގޮތްގޮތް ބޭނުންވާ ކަމެވެ. މިޘާލަކަށް ﷲ ތަޢާލާއިން ފުދުމާއިމެދު ވިސްނައިލަމާ ހިނގާށެވެ! އަހުރެންގެ ނަޒަރުގައި ﷲ ތަޢާލާއިން ފުދުމަކީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ފިރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. 

މިޘާލަކަށް ވައްކަންކުރުން ނަހީކުރައްވަވާފައި އޮތުމުން ކިތަންމެ ދަތިޙާލެއްގައި ދިރިއުޅެންޖެހުނަސް ވައްކަން ނުކުރުމެވެ. ފާޙިޝް ޢަމަލު ނުކުރަން އަމުރުފުޅު ކުރައްވަވާފައި އޮތުމުން ކިތަންމެ "ހިތްކިޔާ" މީހަކާއިއެކު އެފަދަ ކަމެއް ކުރަން ފުރުޞަތު ލިބުނަސް ﷲ ތަޢާލާއަށް ބިރުވެތިވެ އެފަދަ ކަމެއް ނުކުރުމެވެ. 

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ މީހަކަށްވުމަށްވުރެ ކާމިޔާބު މީހަކީ ކާކުހެއްޔެވެ؟ އެ މަތިވެރި ނަޞީބުލިބުމަށްވުރެ ބޮޑު ކާމިޔާބީއެއް ނުވެއެވެ. އެ މަތިވެރި ނަޞީބު ޙާޞިލުކުރެވެން އޮތީ މިދުޢާގައި ސާބިތުވެގެންނެވެ. 

ދެން ބަލައިލަންވީ ﷲ ތަޢާލާއިން ފުދިގެން ހުންނަ މީހާގެ ދުޢާއަށެވެ! 

حسبنا الله ونعم الوكيل 

"ތިމަންމެންނަށް ﷲ ފުދެއެވެ، އަދި ވަކީލްކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!"

(ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ) 

(އާލްޢިމްރާން: 173) 

މިދުޢާގެ މަޤްޞަދަކީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކުން ސަލާމަތްކޮށްދެއްވެވުން ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން އެދުމެވެ. އެހެން އެއްވެސް ފަރާތަކުން ވާގިނުއެދުމެވެ. ތިމާއަށް ކުރިމަތިވި ކަންތަކުން ﷲ ތަޢާލާ ތިމާ ސަލާމަތްކުރައްވަވާނެކަމުގެ ޔަޤީންކަން އެމީހެއްގެ ހިތުގައި އޮތުމެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކުރުމެވެ.

ކޮންމެ ކަމަކަށް ބޭނުންވެގެންވެސް، ކޮންމެ ކަމެއް ކުރަން ހުރަސްއެޅިގެންވެސް މިދުޢާކުރާށެވެ! ހަމައެކަނި އޮތީ އެންމެ ޝަރުޠެކެވެ. އެއީ އެކަމަކުން ސަލާމަތްވުމަށް ތިމާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށްފަހު ދުޢާކުރުމެވެ! 

އެއީ ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލައެއް ނަމަވެސް ތައުލީމު ޙާޞިލުކުރަން ހުރަސް އެޅިގެންނަމަވެސް ވަޒީފާއެއް ނުލިބިގެން ނަމަވެސް ޖުމުލަގޮތެއްގައި ކޮންމެ ކަމަކަށް އެދިގެން ނަމަވެސް އިޚްލާޞްތެރިކަމާއިއެކު މިދުޢާކުރާށެވެ! ހިންމްވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

މިދުޢާކުރެއްވެވުމުން އެބިޔަ އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތްކުރެއްވެވިކަމާއި ބޮޑެތި މުޞީބާތްތައް ކުރިމަތިވެވަޑައިގެންނެވުމުން ރަސޫލް މި ދުޢާ ކުރެއްވެވިކަން އެއީ އެނގެންހުރި ކަންކަމެވެ! ވީމާ މިއީ އެންމެ މުޖައްރިބް އެއް ދުޢާއެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެއީ އެމީހާގެ އީމާންކަމާއި ގުޅިފައިވާ މައްސަލައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން