މިއަހަރުގެ ރަމަޟާން މަސްވެސް ފެށި، ނިމެންދަނީއެވެ! ފަހުދިހަ ފެށުމުން މަސް ނިމިގެންދާ ގޮތް ނުވެސް އެނގޭނެއެވެ. މިދިއަ އަހަރުގެ ރަމަޟާން މަސް ނިމިނުކަން ހަނދާންނެތި ތިއްބައި މިވަނީ މިއަހަރުގެ ރަމަޟާން މަސް ބައްދަލުކޮށްފައެވެ.
މީސްތަކުންނޭވެ! ދުނިޔަވީ ކަންތައްތައް އިހަށް ބަހައްޓައިލާށެވެ! ފަހަށް ބަހައްޓައިލެވެންހުރި ހުރިހާ ކަންކަން ފަސްކޮށްލާށެވެ! ވީހހައި ގިނަވަގުތެއް މިދުވަސްތަކަށް ދޭށެވެ. މާނައަކީ ރަމަޟާން މަހުން ދެން އޮތް ދުވަކޮޅުގައި ވީހައި ގިނަ ހެޔޮ ޢަމަލުކުރަން ސަމާލުކަންދޭށެވެ.
ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑުކަމަކީ ނަރަކައިގެ ބިރުވެރިކަންކަމުގައި ހިތަށް ގެނުވާށެވެ! ކޮންމެ މީހަކަށްވެސް ލިބެން ބޭނުންވާނެ އެންމެ ބޮޑު ނިޢްމަތަކީ ސުވަރުގެ ލިބުންކަންވެސް ހިތަށް އަރުވާށެވެ!
މިއަދުންފެށިގެން ވެސް ރަމަޟާން މަސް ލިބިގަންނަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންފަށާށެވެ! ފަށަމުން ބުނިފަދައިން މަސް ނިމުމުން ކިތަންމެ ވަރަކަށް ހިތާމަކުރި ނަމަވެސް ކުޜާނެ އެއްވެސް ފައިދާއެއް ނެތެވެ.
ކޮންމެ ރަމަޟާންމަހެއް ނިމުމުންވެސް އެ ރަމަޟާން މަހު ކުރެވުނު އަޅުކަން މަދުވެގެން ހިތާމަކުރަންޖެހޭ މީހުން ވަރަށް ގިނައެވެ. މަސް ނިމުމުން އެކަމާ ކިތަންމެ ވަރަކަށް ދެރަވިނަމަވެސް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ވަޤުތު އޮންނާނީ ފާއިތުވެފައެވެ.
އެފަދަ މީހުންގެ ތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދިވެސް ވަގުތު އެބައޮތެވެ. އޮތީ އިތުރަށް ހީވާގިވެލުމެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން