ރަމަޟާން މަހުގެ ރަޙްމަތް ކިތަންމެ ބޮޑު ނަމަވެސް އެރަޙްމަތް ލިބުންވަނީ އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރާއަޅުންނަށެވެ. އެއީ ކަންނަތްވެ ޣާފިލުވެގެން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ރަމަޟާން މަހުގެ ރަޙްމަތް ހެޔޮ ގޮތުގައި ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ނުކޮށްފިނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހަކުކަމުގައިވުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ވިސްނައި އެކަމަށް ބިރުވެތިވާށެވެ! އެކަމަސް ބިރުވެތިވެވުމަކީވެސް ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެވެ! އެހައިމެ ބޮޑު ފުރުޞަތެއްވެސްމެއެވެ.
ރަމަޟާން މަހަކީ ރަޙްމަތުގެ މައްސަރު ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ! ރަމަޟާން މަހަށްވުރެ ﷲ ތަޢާލާގެ ރަޙްމަތް ބޮޑުވެގެންވާ މައްސަރެއް ނުވެއެވެ. އެކަލާނގެ ޙަޟްރަތުން ދީލަތިވަންތަކަން ވެސް އެންމެ ބޮޑުވެގެންދާ މައްސަރަކީވެސް ހަމަ ރަމަޟާން މަހެވެ.
އެހެންކަމާއިއެކުވެސް ހަމަ މިރަމަޟާން މަހަކީ ތިބާއަށް އެންމެ ބިރުވެރި އެންމެ ގެއްލުން ލިބޭ މައްސަރުކަމުގައިވުމުގެ ފުރުޞަތުވެސް ހަމައެބައޮތެވެ. ގިނަބައަކަށް ހަނދާން ކުރެވެނީ މިމައްސަރުގައިވާ ރަޙްމަތެވެ! ލިބިދާނެ ބޮޑު ގެއްލުމަށް ވިސްނައި ބިރުވެތިވެވެނީ ވަރަށް މަދު މީހަކަށެވެ.
މިމއްސަރުގައި އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވަވައިފި މީހަކީ ގެއްލެނިވެގެންވާ މީހަކު ކަމުގައި ލެއްވެވުވުމަށް ރަޙްމަތުގެ ނަބިއްޔާ މުޙައްމަދު ﷺ އާމީން ވިދާޅުވިކަން ހަނދާންކުރަނީ ހާދަ މަދު މީހެކެވެ. ގެއްލެނިވެގެންވާ މީހުންގެ ތެރޭގައި ތިމާ ހިމެނިދާނެ ކަމަށް ބިރުވެތިވެވެނީ ވެސް ހާދަ މަދު މީހަކަށެވެ.
ސުވާލަކީ ތިމާއަކީ ގެއްލެނިވެގެންދާނެ މީހަކުކަމުގައި ވެއްޖެނަމަ އެކަމުން ސަލާމަތްކުރާނީ ނުވަތަ ސަލާމަތް ކުރެވޭނީވެސް ކާކަށް ހެއްޔެވެ؟
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން