ޢާއިޝަތުގެފާނުގެ ސީރަތު: މާތް ރަސޫލާ އާއި ޢާއިޝަތުގެފާނުގެ ފަރިއްކުޅުއްވުމުގެ ކަންތައް ހަމަޖެހިފައިވާ ގޮތް

ކިޔުމަށް ހޭދަވާނީ 5މ 15ސ
ޢާއިޝަތުގެފާނުގެ ސީރަތު: މާތް ރަސޫލާ އާއި ޢާއިޝަތުގެފާނުގެ ފަރިއްކުޅުއްވުމުގެ ކަންތައް ހަމަޖެހިފައިވާ ގޮތް

ޢަލީ އިޙްޞާން ފިރާޤް

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދިރިއުޅުއްވި މިދެންނެވި ޒުހުދުވެރި ދިރިއުޅުއްވުން އެކަމަނާ ދުވަހަކުވެސް ހަނދުމަފުޅެއް ނައްތަވައެއް ނުލައްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުމަށްފަހު މުސްލިމުން ޢަރަބިކަރައިގެ އެތަންމިތަން ފަތަޙަކުރިއެވެ. ބައިތުލްމާލު ވަރަށް ބޮޑަށް ތިޔާގިވެގެންދިޔައެވެ. ނަމަވެސް ޢާއިޝަތުގެފާނަށް ހަމަ އެއްޗެއް ލިބިވަޑައިގަންނަވާ އިރަށް އެއެއްޗެއް ޞަދަޤާތް ކުރައްވައެވެ. ސަލާންޖަހަން އަންނަ މުހުދާތުވެރިއަކަށް ދުވަހަކުވެސް ޢާއިޝަތުގެފާނުގެ އަރިހުން ހުސްއަތާ ދާކަށް ޖެހިފައެއްނުވެއެވެ.{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 46} 

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި ޢާއިޝަތުގެފާނު އުޅުއްވީ ވަރަށް ތަޤުވާވެރި ޒާހިދު ދިރިއުޅުއްވުމެކެވެ. ގެކޮޅުގެ އިންތިޒާމުތައް ހަމެޖެހިފައިވާ ސާދާކަމުންނާއި، ދީލަތިފުޅުކަމުގެ ބޮޑުކަމުން އުނދުނަށް އަލިފާންނުލައި ދެމަސްތިންމަސް ފާއިތުވެގެންދަނީ މަދެއްކޮށެއްނޫނެވެ. ލިބިވަޑައިގަންނަވާހާ އެއްޗެއް މުހުތާދުވެރިންނަށް ޞަދަޤާތްކުރައްވައި ހައްދަވައެވެ. 

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޢާއިލާގެ ބޭފުޅުން ޖެހިޖެހިގެން ތިންދުވަސްވަންދެން ބަނޑުފުރައި ފަރީއްކުޅުއްވައެއް ނޫޅުއްވައެވެ.] {ޞަޙީޙު މުސްލިމު، كتاب الزهد والرقائق، 2970} 

އަދިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވިއިރު ރައްފެއްގެ މަތީގައި ހުރި ހިމަގޮދަންކޮޅެއްނޫނީ، ތިމަންކަމަނާގެ ގޭގައި އިންސާނަކު މޭހޫނު ފިލުވައިލާނެ ހަމައެކައްޗެއްވެސްނެތެވެ. އެއިން ތިމަންކަމަނާ ވަރަށް ގިނަދުވަސްތަކެއް ވަންދެން ކައިއުޅުނީނެވެ. އެއްދުވަހަކު އެނަގައިގެން މިނެލައިފީމެވެ. އޭގެފަހުން ކުޑަ ދުވަސްކޮޅެއް ނުވަނީސް އެ ހުސްވެއްޖެއެވެ.

{ޞަޙީޙު ބުޚާރީ، كتاب فرض الخمس، باب نَفَقَةِ نِسَاءِ النَّبِيِّ صلى الله عليه وسلم بَعْدَ وَفَاتِهِ، ޙަދީޘް 3097}

މަސްރޫޤު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު ތިމަން،  ޢާއިޝަތުގެފާނުގެ އަރިހަށް ދިޔުމުން އެކަމަނާ އަހަރެންނަށް ކެއުކަމަށް ދަޢުވަތު ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. [ތިމަންކަމަނާ ބަނޑުފުރައި ކައިފިނަމަ ރޮވެން ފަށައެވެ.] މަސްރޫޤޫ ވިދާޅުވިއެވެ. [އަހަރެން ދަންނަވައިފީމެވެ. އެއީ ކީއްވެގެންތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ދުނިޔޭގައި އުޅުއްވައި ސުވަރުގެވަޑައިގެންނެވި ޙާލުކޮޅު ތިމަންކަމަނާ ރަނގަޅަށް ހަނދާން ހުރެއެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމާ ހަމައަށް ދުވާލު ދެ އިރު ބަނޑުފުޅު ބޮޑުވަންދެން ފަރީއެއް ނުކުޅުއްވައެވެ.]

{ތިރުމިޒީ، كتاب الزهد عن رسول الله صلى الله عليه وسلم، باب مَا جَاءَ فِي مَعِيشَةِ النَّبِيِّ صلى الله عليه وسلم وَأَهْلِهِ، ޙަދީޘް 2356} 

މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ އަނބިއަނބަލުންނަށް ނަޞޭޙަތްޕުޅު ދެއްވަމުން އެއްފަހަރަކު ވިދާޅުވެފައިވެއެވެ. [އޭ ޢާއިޝާއެވެ. ކަދުރުފަޅިއެއްގެ މިންވަރުވިޔަސް ޞަދަޤާތްކޮށްގެން ނަރަކައިން ރައްކާތެރިވޭތޯ ބަލާށެވެ.]

{އަޙްމަދު، މުސްނަދު، 24545} 

އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم މިފަދައިން ދުޢާފުޅު ކުރައްވަނިކޮށް ޢާއިޝަތުގެފާނު އަޑުއެއްސެވިއެވެ.

[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިސްކީނެއްގެ ގޮތުގައި މިއަޅާ ދިރިދުނިޔޭގައި ލަހައްޓަވާށިއެވެ. މިސްކީނެއްގެ ގޮތުގައި މިއަޅާގެ މަރުގަންނަވާށިއެވެ. ޤިޔާމަތް ދުވަހު މިސްކީނުންނާއެކު މިއަޅާ މަޙްޝަރު ކުރައްވާށިއެވެ.]

މި ދުޢާފުޅުގެ އަޑު އައްސަވައި ޢާއިޝަތުގެފާނު ދެންނެވިއެވެ. 

[އޭ މާތްﷲ ގެ ރަސޫލާއެވެ. ތިޔަ ފަދައިން ދުޢާފުޅު ކުރައްވަނީ ކީއްވެގެންތޯއެވެ؟] 

ޙަދީޘް ކުރެއްވިއެވެ. [މުއްސަދީންނަށްވުރެ ސާޅީސް އަހަރުކުރީން މިސްކީނުން ސުވަރުގެވަންނަ ހުއްޓެވެ. އޭ ޢާއިޝާއެވެ. މިސްކީނަކު އެއްޗަކަށް އެދެފިނަމަ ފުރަގަސްނުދޭށެވެ. ކަދުރުފަޅިވަރެއް ނަމަވެސްދޭށެވެ. އޭ ޢާއިޝާއެވެ. މިސްކީނުންދެކެ ލޯބިވާށެވެ. އަދި އެމީހުންނާ ގާތްކަން ބަހައްޓާށެވެ.  ޤިޔާމަތް ދުވަހު އޭރުން މާތް ގެ ގާތްކަން ލިބޭނެއެވެ.] { ابن حجر العسقلاني (ت ٨٥٢)، تخريج مشكاة المصابيح ٥‏/٣٣ • [حسن كما قال في المقدمة] • أخرجه الترمذي (٢٣٥٢)، والبيهقي (١٣٥٣٠)}

މިއަދު އޮންލައިން