ލޫޠުގެފާނުގެ ވާހަކަ- 3: ރިސާލަތު

ކިޔުމަށް ހޭދަވާނީ 10މ 55ސ
ލޫޠުގެފާނުގެ ވާހަކަ- 3: ރިސާލަތު

ޢަލީ އިޙްޞާން ފިރާޤް

ޢައްލާމާ އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާނުގައި ލިޔުއްވައިފައިވެއެވެ.  إبراهيم عليه السّلام ގެ އަރިހުގައި لوط عليه السّلام، ގިނަ ވަގުތު ހޭދަކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަށްވަނީ ދީނީ ދަޢުވަތު ކުރިއަށް ގެންދިޔުމުގެ ރޮނގުން ވަރަށް ފުރިހަމައަށް ތަޖުރިބާ ލިބިވަޑައިގެންފައެވެ. ދީނަށް ގޮވައިލެއްވުމުގައި ބޭނުން ކުރަންޖެހިވަޑައިގަންނަވާނެ އުސްލޫބުތައް އެނގިވަޑައިގެންފައެވެ.

{އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން}

لوط عليه السّلام ސަދޫމޫގެ މީސްތަކުންގެ ގާތަށް ނަބީކަމާއިގެން ވަޑައިގަތުމަށްފަހު، އެބައިމީހުންނަށް އެންމެ ފުރަތަމަ ގޮވައިލެއްވީ އެއްކައުވަންތަ އިލާހަށް އީމާންވުމަށެވެ. އެ އިލާހާއި އެހެން އެއްވެސް އެއްޗެއް ޝަރީކުނުކުރުމަށެވެ. އެއަށްފަހު، އެބައިމީހުން  ކުރަމުންގެންދިޔަ ޙަރާމްކަންތައްތަކާއި، ފާޙިޝް މުންކަރާތްތަކާއި، ހަޑިހުތުރު ޢަމަލުތަކުން އެއްކިބާވުމަށް ގޮވައިލެއްވިއެވެ. މި ވާހަކަތައް ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގެ އަޢުރާފް ސޫރަތުގެ 80 ވަނަ އާޔަތާއި 81 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވެއެވެ. 

"وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾"

މާނައީ: "އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ." 

لوط عليه السّلام ސަދޫމުގެ ޤައުމުގެ މީސްތަކުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވި ވާހަކަތަށް ޢަންކަބޫތު ސޫރަތުގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

"وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٢٨﴾ أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا ائْتِنَا بِعَذَابِ اللَّـهِ إِن كُنتَ مِنَ الصَّادِقِينَ ﴿٢٩﴾"

މާނައީ: "އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަކުރާ فاحش ކަންތައްތަކަކީ، عالم ތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (شهوانى އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) اللَّه ގެ عذاب ނިކަންގެނެސްދެއްވައި ބައްލަވާށެވެ!" 

لوط عليه السّلام ސަދޫމުގެ މީސްތަކުންނަށް އެބައިމީހުން ކުރަމުންގެންދިޔަ ނުބައި ޢަމަލުތަށް ހުއްޓާލުމަށް މިންނެއްފަށުން ނަސޭހަތްތެރިވިއެވެ. މާތްالله سبحانه وتعالى އަށް ބިރުވެތިވުމާއި އެކަލާނގެ ޙަޟްރަތަށް ތަޤުވާވެރިވުމަށް އަމުރުކުރެއްވިއެވެ. މި ވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ޝުޢަރާ ސޫރަތުގެ 160 ވަނަ އާޔަތުން ފެށިގެން 166 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ. 

"كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ ﴿١٦٠﴾ إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ ﴿١٦١﴾ إِنِّي لَكُمْ رَسُولٌ أَمِينٌ ﴿١٦٢﴾ فَاتَّقُوا اللَّـهَ وَأَطِيعُونِ ﴿١٦٣﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ ﴿١٦٤﴾ أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ ﴿١٦٥﴾وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ ﴿١٦٦﴾"

މާނައީ: لوط ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. (އެއީ) އެއުރެންގެ أخ، لوط ގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! އަދި އަހުރެން އެ رسول ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ. خلق ތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ." 

لوط عليه السّلام ރެޔާއި ދުވާލު ސަދޫމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި މަސައްކަތްޕުޅު ކުރެއްވިއެވެ. އެއްވެސް ފޫހިފުޅުކަމެއްނެތި ދީނުގެ ދަޢުވަތު ކުރިއަށް ގެންދެވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 54 ވަނަ އާޔަތާއި 55 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ. 

وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ وَأَنتُمْ تُبْصِرُونَ ﴿٥٤﴾ أَئِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ ﴿٥٥

މާނައީ: " لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެދެނެތިބި حال، فاحش عمل ތައް ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى އެދުން ފުއްދުމަށްޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ جاهل ބަޔަކީމުއެވެ."

މިއަދު އޮންލައިން