ގިނަބައަކަށް ރުޤްޔާގެ ފައިދާ ނުކުރަނީ ޝައިޠޯނުންނަށް ހިތްހުޅުވާލައިގެންހުރެ ރުޤްޔާކުރެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ގިނަބައަކަށް ރުޤްޔާގެ ފައިދާ ނުކުރަނީ ޝައިޠޯނުންނަށް ހިތްހުޅުވާލައިގެންހުރެ ރުޤްޔާކުރެވޭތީ!

"އަޅުގަނޑަށް ކުރިމަތިވެފައިވާ ކަމަކާއި ގުޅިގެން 3 މީހަކު ލައްވައި ރުޤްޔާ ކުރުވައިފީމެވެ. އަމިއްލައަށްވެސް ރިޤްޔާ ކުރަމެވެ. އެކަމަކުވެސް ނަތީޖާއެއް ނުފެނުނެވެ. އިތުރަށް ކުރެވޭނީ ކޮން ކަމެއްތޯ؟"

ސުވާލުކުރި ކިޔުންތެރިއެއްގެ ގާތުގައި އޭނާ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާ މިންވަރަށާއި ތަޤްވާވެރިވާން މަސައްކަތްކުރާ މިންވަރާއިމެދު ސުވާލުކޮށްލުމުން ބުނީ "ނަމާދުކުރަންވެސް މަސައްކަތްކުރާ ކަމަށާއި ދުވާލަކު 3 ނަމާދުވަރު ކުރާކަމަށެވެ!"

އެކުވެރިންނޭވެ! އެވަރަކުން ނުފުދޭނެއެވެ! ރުޤްޔާކޮށްދޭ މީހާއަކީ ކިތަންމެ ބޮޑުތަޤްވާވެރިއަކަށްވުމަކުން މައްސަލަ ޙައްލެއް ނުވެއެވެ. ރުޤްޔާ ކުރެވޭ މީހާވެސް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ.

މިފަދަ ޙާލުގައި ތިބި އެހެން މީހުންވެސް ތިބޭނެތީ ނަޞޭޙަތުގެ ގޮތުން ހަނދާންކޮށްލައިދެމެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ތިމާ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭއިރު ތިމާފުރިހަަމކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. އެއިގެ ތެރެއިންވެސް ފުރަތަމަ ކަމަކީ ތިމާގެ އިސްލާމް ކަމެވެ. ޝަހާދަތް ކިޔާލުމަކުން އަދި ފުރިހަމައެއް ނުވެއެވެ. ޝަހާދަތަށް ޢަމަލުކުރަންވެސް ޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށްވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާންޖެހެއެވެ.

ތިރީގައިވާ ލިޔުމަކީ އެފަދަ މީހުންނަށް އެހީތެރިވެދޭނެ ލިޔުމެކެވެ.

ރުޤްޔާކުރަންޖެހޭ ބާވަތުގެ ކަމެއް ކުރިމަތިވެގެން އަމިއްލައަށް ރުޤްޔާކުރިނަމަވެސް އަދި މީހަކު ލައްވައި ރުޤްޔާކުރިނަމަވެސް ތިމާ (ރުޤްޔާ ކުރެވޭ މީހާ) ކުރަންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

1 ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް ފުރިހަމައަށް ރައްކައުތެރިވެހުރުން. ނަމާދެއް ނުއެޅުން.

ޙަދީޘްފުޅުގައިވަނީ ކާފިރުކަމާއި މުސްލިމުންނާއި ވަކިކޮށްދޭ ކަމަކީ ނަމާދު ކަމަށެވެ. ނުވަތަ ނަމާދު އެޅުންކަމަށެވެ. މީހަކު ޤަވާއިދުން ފަރުޟު 5 ނަމާދުނުކުރާނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާއަށް އެމީހަކާއި ކައިރިވެވޭނެ މަގުފަހިކޮށްދީގެންނެވެ.

އެފަދަ މީހުންގެ މިޘާލަކީ ޝައިޠޯނާއަށް ދައުވަތުދީގެން ގޭގެ ދޮރުތައް ހުޅުވާލާފައި ހުންނަ ގެއެއްގެ މިސާލެވެ. ބޭނުން ވަރަކަށް ވަދެފައި ނުކުންނަންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ.

ފަރުޟު ފަސް ނަމާދު ޤަވާއިދުން އަދާނުކުރާ މީހާގެ ހިތަކީވެސް ހަމަ އެފަދަ އެއްޗެކެވެ. އެހިތް އެވަނީ ޝައިޠޯނާއަށްޓަކައި ހުޅުވައިލެވިފައެވެ. ވަންނާނެ އިރަކު ވަންނާނެވަރަކަށް ވަދެވަދެފައި ނުކުންނަންވީއެވެ!

ވީމާ އަމިއްލައަށް ރުޤްޔާކުރި ނަމަވެސް މީހަކު ލައްވައި ރުޤްޔާ ކުރުވިނަމަވެސް ފުރަތަމަކަމަކަށް ތިމާއަކީ ފަރުޟް 5 ނަމާދު ފުރިހަމައަށް އަދާކުރާ މީހަކު ކަމުގައިވާންޖެހޭނެއެވެ! ވީވަރަކުން ސުންނަތް ނަމާދުތައްވެސް ކޮށް ޛިކުރުކޮށް ދުޢާކުރަންޖެހެއެވެ.

ނޫންނަމަ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ނަތީޖާއެއް ހަމަ ނުފެނިދާނެއެވެ! ޑޮކްޓަރަށް ދައްކައިގެން ބޭސްކުރިނަމަވެސް އަދި ރުޤްޔާކުރިނަމަވެސް އެންމެ މުހިންމު ކަމަކީ ޝިފާއަށް އެދި ދުޢާކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން