ދެމަފިރިއަކު 3 ފަހަރު ކައިވެނިރޫޅާލަން ނުވަތަ ވަރިކުރަން ޖެހިއްޖެނަމަ އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ދިރިއުޅުން އާރާސްތުކުރެވޭތޯ ބަލަން އޮންނަ ސަބަބާއިމެދު ބައެއް މީހުން ސުވާލުއުފައްދައެވެ.
އަދި ކައިވެނިކުރުމާއި ވަރިކުރުމާއި ގުޅިގެން އިސްލާމް ދީނުގައި ހުރި ޙުކުމްތަކަށް ބައެއް މީހުން ފާޑުކިޔައެވެ. ސުވާލުކުރެއެވެ! ހަޖޫވެސް ޖަހައެވެ! އެންމެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރާ އެއް ކަމަކީ 3 ފަހަރު ވަރިކުރުމަށްފަހު އަންހެން މީހާއަށް އިތުރު ފިރިހެނެކާއި ކައިވެނިނުކޮށް 4 ވަނަ ފަހަރު ކުރީގެ ފިރިމީހާ އާއި ކައިވެނި ނުކުރެވޭތީއެވެ.
އިސްލާމް ދީނަކީ ވަރިކުރަންޖެހިއްޖެނަމަ އެކަންކުރުން މަނާކުރާ ދީނެއް ނޫނެވެ. އަދި ވަރިކުރިނަމަވެސް އަލުން ކައިވެނިކުރަން ނުވަތަ ރުޖޫޢަކުރަން ހިތްވަރުދޭ ދީނެކެވެ. ނަމަވެސް 3 ވަނަ ފަހަރަށް ވަރިކުރަން ޖެހިއްޖެނަމަ އެ އަންގައިދެނީ ދެމީހުންގެ މެދުގައި މައްސަލައެއް އުޅޭކަމެވެ.
ވީމާ އެހެން ފިރިހެނަކާއި ކައިވެނިކުރަން ދީނުގައި އެއޮތީ ކައިވެނި ކުރެވޭ މީހާއަކީ ކުރީގެ ފިރިމީހާއަށްވުރެ ތިބާއަށް ރަނގަޅު މީހަކުތޯ ބެލުމަށެވެ. ރަނގަޅުވެއްޖެނަމަ އުފަލުގައި އޭނާ އާއިއެކު ދިރިއުޅެންވީއެވެ. ރަނގަޅު ނޫން ކަމުގައި ވެއްޖެނަމަ އޭނާގެ ގާތުން ވަރިވެ ފުރަތަމަ ފިރިމީހާ އާއި އަލުން ކައިވެނިކުރަންވީއެވެ.
މިކަމުގެ ޙިކުމަތަކީ މިތަޖުރިބާއިން ދެމީހުންނަށްވެސް ފިލާވަޅުތަކެއް ލިބިގެންދާނެކަމެވެ. ކުރިން ޖެހުނު މައްސަލަތައް ޙައްލުކޮށް އެފަދަ މައްސަލަތައް ނުޖެހޭނެ ގޮތަށް އުޅެން ދަސްވާނެ ކަމެވެ. އަދި މައްސަލަ ޖެހުނު ނަމަވެސް ވަރިނުވެ އުޅެން ދަސްވާނެ ކަމެވެ.
ވީމާ އިސްލާމް ދީނުގައި އޮތް ކޮންމެ ކަމަކީ ވެސް މީސްތަކުންގެ ފައިދާއަށް އޮތް ކަމެކެވެ. މީސްތަކުންނަށް އެކަމަކުން ފައިދާކުރާނެ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން