ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ. "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް އެބަހީ: މަރު) އަތުވެއްޖައުމަށްދާންދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ!" (އަލްޙިޖްރް: 99)
ވީމާ މުސްލިމުންގެ އަމާޒަކަށް ހަދަންޖެހޭނީ ހަމައެކަނި ރަމަޟާން މަހުގައި އަޅުކަންކުރުމެއް ނޫނެވެ. ދުނިޔޭގައި ހުރި ކޮންމެ ދުވަހަކު ވެސް އަޅުކަންކުރުމެވެ.
"މަސްޖިދުއްރަމަޟާން" ކިޔާ އެއްވެސް މިސްކިތެއް ނުހުރެއެވެ. އެކަމަކު ރަމަޟާން މަސް އައުމުން މިސްކިތްތައް ފުރާލަމުއެވެ. ރަމަޟާން މަސް ދިއުމުން މިސްކިތްތައް ފަޅުކުރަމުއެވެ. މި ނުބައި އާދަ މުޅިން ދޫކޮށްލަން އެބަ ޖެހެއެވެ. ވީމާ މާޒީގައި އެގޮތަށް އެކަން ކުރެވިފައިވީ ނަމަވެސް މިއަހަރުން ފެށިގެން އެކަން އެގޮތަށް ނުކުރުމަށް އަވަހަށް ޢަޒުމް ކަނޑައަޅާށެވެ! ރަމަޟާން މަހު އެ އަޒުމުގައި މަސައްކަތްކޮށްފި ނަމަ އެކަން ކާމިޔާބުކުރެވޭނެއެވެ.
- މުފްތީ މެންކްގެ ދަރުސަކުން
މުފްތީ މެންކު ވިދާޅުވެފައިވާ މި ބަސްފުޅަކީ ހަމަ އަޅުދިވެހިރާއްޖޭގައިވެސް ފެންނަމުން އަންނަ ކަމެކެވެ. ރަމަޟާން މަސް ފެށުމާއިއެކު މިސްކިތްތައް ދަނީ ފުރި ބާރުވަމުންނެވެ. ބޭރުގައި ކުނާއަޅައިގެންވެސް ނަމާދުކުރަމުންނެވެ. ނަމަވެސް ފުރަތަމަ 10 ނިމޭއިރުވެސް ބަދަލުތައް އަންނަން ފަށައެވެ. މަހުގެ 27 ވަނަ ދުވަހާއި ހަމައިން ގިނަ ބައަކު މިސްކިތްތައް ދޫކޮށްލައެވެ.
މުފްތީ މެންކް ފާހަގަކުރައްވާފައި އެވަނީ މިފަދައިން ޢަމަލުކޮށްގެން ފުރިހަމަ މުސްލިމުން ކަމުގައި ނުވާނެ ކަމެވެ.