ބައްޕައިންނަށް!: ދަރިން ގޮވައިގެން ތަރާވީޙް ނަމާދަށް ނުގޮސް ތިއަތިބެނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޢަޛާބަށް ހަމަ ކެތްކޮށްލެވޭނެތީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ބައްޕައިންނަށް!: ދަރިން ގޮވައިގެން ތަރާވީޙް ނަމާދަށް ނުގޮސް ތިއަތިބެނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ  ޢަޛާބަށް ހަމަ ކެތްކޮށްލެވޭނެތީހެއްޔެވެ؟

"އަޅުގަނޑުމެންގެ 2 ފިރިހެންދަރިން އެބަތިއްބެއެވެ. 10 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖެކެވެ. 2 ކުދިންނަކީވެސް ކުރުކޮށް ތަރާވީޙް ކުރާ މިސްކިތްތަކުގައި ނަމާދުކުރެވޭނެ، އަދި ކުރަން ޝައުޤުވެރިވާވެސް ކުދިންނެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ އެކުދިން ނުގެންދެއެވެ.

2 އަންހެންކުދިން ތިބުމުން އަޅުގަނޑު ތަރާވީހްކުރަނީ 2 ކުދިން ގޮވައިގެން ގޭގައެވެ. އެއްކުއްޖަކީ މިސްކިތުގައި ގިނަ ވަޤުތު ހޭދަކުރަން އުނދަގޫކަމެއްހުންނަ ކުއްޖަކަށްވުމުން އެކުއްޖާ ނުލައި މިސްކިތަށްދާން ބޭނުންނުވާތީއެވެ.

އަޅުގަނޑުގެ ސުވާލަކީ ފިރިހެންކުދިން ތަރާވީޙަށް ނުގެންދާނަމަ ބައްޕަ ފާފަވެރިނުވާނެތޯއެވެ؟"

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ޙަޤީޤަތަކީ ދެމަފިރިން ވަކިވެ ވަކިން ދިރިއުޅުނު ނަމަވެސް ދަރިންލައްވައި ނަމާދުކުރުވުމަކީ ބައްޕަގެ ޒިންމާއެއް ކަމެވެ. އެހެންކަމުން ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

ދަރިން ލައްވައި ނަމާދުކުރުވުމަކީ މަންމަ އާއި ބައްޕަގެ ޒިންމާއެކެވެ. މައިންނަށް ކުރުވޭނެ ކަމަކީ ގޭގައި ނަމާދުކުރުވުމެވެ. މިސްކިތުގެ ޖަމާއަތަށް ގެންދިއުމަކީ ބައްޕަގެ ޒިންމާއެކެވެ. އެޒިންމާއިން އެއްވެސް ބައްޕައަކަށް ނުރެކެވޭނެއެވެ.

ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. ބައެއް ބައްޕައިން ތަރާވީޙް ނަމާދަށްދެއެވެ. ނަމަވެސް ދަރިން ނުގެންދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިސްކިތަށް ގެންދަންޖެހޭ ޢުމުރަށް އެޅުމުން ދަރިން ތަރާވީޙް ނަމާދަށް ނުގެންދާނަމަ ދަރިންނަށް އެދެވެނީ ވަރަށް ނުބައި މެސެޖެކެވެ.

ހަމައެއާއިއެކު ބައްޕައިން މިސްކިތުގެ ޖަމާއަތަށް ގޮސް ނަމާދު ނުކުރާނަމަ، ޚާއްޞަކޮށް ތަރާވީޙް ނަމާދަށް ނުދާނަމަ ވެސް އެދެވެނީ އަދި މާނުބައި މެސެޖެކެވެ. އެގަޑީގައި މިސްކިތަށް ނުގޮސް ބައްޕަ ގޭގައި އުޅޭނަމަ ނުވަތަ ގެއިން ބޭރުގައި އުޅޭކަން ދަރިންނަށް އެނގޭނަމަ އެދެވެނީ އަދި މާނުބައި މެސެޖެކެވެ. އެއީ ބައްޕަ ތަރާވީޙް ނަމާދުނުކުރާކަން ދަރިންނަށް އެނގޭނެތީއެވެ.

އަދި ކީއްހެއްޔެވެ؟ ކުޑައިރު ނުގެންގޮސް ބޮޑުވުމުން ތަރާވީޙް ނަމާދަށް ގެންދަން އުޅޭނަމަ ދަރިން ފޫކަހައެވެ! ބޮޑާހާކައެވެ. އެއީ ގޭންކުޅުން ނުވަތަ ޓީވީބެލުން ފަދަ ކަންކަމަށް ވަގުތު މަދުވާކަމަށް ޤަބޫލުކުރެވޭތީއެވެ. މިޙާލަތުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ކުޑައިރުންސުރެ ޖަމާއަތަށް ނަމާދަށް ގެންދިއުމެވެ. އެއިރުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖަމާޢަތުގައި ނަމާދުކުރުންކަމުގައި ކުދިންނަށް ޤަބޫލުކުރެވޭނެތީއެވެ.

ލޮބުވެތި ބައްޕައިންނޭވެ! ﷲ ތަޢާލާ އާއި ކުރިމަތިލާންޖެހޭނެ ޤިޔާމަތް ދުވަހު މިކަންކަމަށް ޖަވާބުދާރީވާންޖެހޭނެއެވެ. ތިބާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްވެވޭނެ ހެއްޔެވެ؟ ތިބާ ތަރުބިއްޔަތު ނުކުރުމުން ދަރިން ނަމާދުކުރަން ތަރުބިއްޔަތު ނުވެ ތިބުމުން އެކުދިންނަށް ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ތިބާ ހިތާމަ ނުކުރާނަން ހެއްޔެވެ؟

ވީމާ ކޮންމެ ބައްޕައަކުވެސް އަދި މަންމައަކުވެސް މިކަންކަމަށް ވިސްނައިލާށެވެ!

ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾

O you who have believed, protect yourselves and your families from a Fire whose fuel is people and stones, over which are [appointed] angels, harsh and severe; they do not disobey Allah in what He commands them but do what they are commanded.(6)

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި ތިއަބައިމީހުންގެ އަހްލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ! އެނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ، އެނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވަވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވަވާ ކަންތައް އެބޭކަލުން ކުރއްވަވާނެތެވެ." (އައްތަޙްރީމް: 6)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން