ތިބާއަކީ ﷲ ގެ ޙަޟްރަތުން އެއްވެސް ކަމަކަށް ބޭނުންވެގެން ހުންނަ މީހަކަށް ނުވެދާނެކަމުގެ ބިރު ފިލުވައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިބާއަކީ ﷲ ގެ ޙަޟްރަތުން އެއްވެސް ކަމަކަށް ބޭނުންވެގެން ހުންނަ މީހަކަށް ނުވެދާނެކަމުގެ ބިރު ފިލުވައިލާށެވެ!

އިމާމް ޝާފީގެފާނު ވިދާޅުވެފައިވެއެވެ. ތީރު ފޮނުވައިލެވިއްޖެނަމަ އަމާޒުން ކައްސައިނުލާނެ ތީރެއްވެއެވެ. އެއީ ދަމުނަމާދަށްފަހުގައި ނުވަތަ ދަމުނަމާދުގައި ކުރާ ދުޢާއެވެ. 

އަހަރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންތައްތަކަކަށް ބޭނުންވެގެން އަބަދުވެސް ހުންނަންޖެހިފައިވާ މީހެކެވެ. އެނޫން ހަމައެކަކުވެސް ނުހުންނާނެއެވެ. ކިތަންމެ ތަނަވަސްނަމަވެސް އަދި ކިތަންމެ ފަޤީރު ނަމަވެސް އެއްވެސް މީހަކު ހުންނާނީ އެމީހަކު ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަންކަން ޙާޞިލްކުރެވި ފުދިގެނެއް ނޫނެވެ. 

އެހެންވެ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދަމުނަމާދުކޮށް ދުޢާނުކުރާ މީހަކީ ޙަޤީޤަތުގައި ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ނުވަތަ ކަންކަމަށް ބޭނުންވެގެން ހުންނަ މީހެއް ނޫނެވެ. އަދި އޭނާއަކީ އޭނާގެ އަމިއްލަ ނަފްސަށްވެސް ކަމަކަށް ބޭނުންވެގެން ހުންނަ މީހެއް ނޫނެވެ.

ދަމުނަމާދުކޮށްފައި ނުވަތަ ދަމުނަމާދުގައި ދުޢާކޮށްފައި އެނބުރިލާއިރަށް އެކްމެއް ޙާޞިލްނުކުރެވިދާނެއެވެ. އެހެނަސް އެމީހަކީ ތަޤްވާވެރިއެއްނަމަ ހުންނާނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ސަބަބަކީ އޭނާއަށް ބޭނުންވާ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުމަށްފަހު އެމީހަކު ހުންނާނީ އެކަލާނގެއަށް ވަކީލްކޮށްގެންނެވެ. މާޔޫސް ނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އެމީހަކަށް އޮންނާނެއެވެ. 

ވީމާ ދަމުނަމާދުކޮށް ނުވަތަ ރޭއަޅުކަންކޮށް ދުޢާކުރާ މީހަކަށްވާން އެބަޖެހެއެވެ. ﷲ ތަޢާލާ އެފަދަ މީހަކު ނިކަމެތި ނުކުރައްވަވާނެތެވެ! މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން