ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އެއް އައިސް މުޅި ދުނިޔެ ހުއްޓުވައިލީ ދާދި މިދާކަށް ދުވަހުއެވެ. މުޅި ދުނިޔެ ލޮކްޑައުންގެ ޙާލަތަކަށް ދާންޖެހޭނެކަން އެއީ އެއްވެސް މީހަކު ކުރިންވިސްނި ކަމެއް ނޫނެވެ. ނަމަވެސް އެކަންވެސް ވިއެވެ. ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞޯދުތައް ފުނޑިގެންދިއައެވެ. ދުނިޔެ ބަނޑަށް ޖެހުނެވެ. މަރުވާ މީހުންގެ ޢަދަދު ގިނަވެ ބިރުން ތެޅިފޮޅުނެވެ.
އެކަންކަމާއި ގުޅިގެން އިސްލާމް ދީނަށް ބޮޑެތި ނަޞްރުތަކެއްވެސް ލިބިގެންދިއައެވެ. ބަންގީގެ އަޑު އިވުނަނުދީ އެތައް ސަތޭކަ އަހަރުތަކެއް ވެގެންގޮސްފައިވާ ސަރަޙައްދުތަކުން ބަންގީގެ އަޑު ގުގުމައިލިއެވެ. އިސްލާމް ދީނުގެ ޝިއާރުތަކުން ބޮޑެތި ބިލްބޯޑުތައް ހަދައި އެމެރިކާފަދަ ޤައުމުތަކުގެ މަގުތަކުގައި ބެހެއްޓިއެވެ. މިފަދަ އެތައް ކަމެއް ހިނގިއެވެ.
ކޮންމެއަކަސް އެކަމުގެ ވަޤުތުޖެހުމުން ﷲ ތަޢާލާ ޙާލަތު ބަދަލުކޮށްދެއްވެވިއެވެ. އެހިސާބުން ކަންކަން ހަނދާން ނެތެމުން އައިސް އަނެއްކާވެސް ދުނިޔެއަށް މިވަނީ ޖާހިލުކަން ފެތުރި ޢާންމުވެފައެވެ. ކޮރޯނާއޭ ކިޔުނު އެކުޑަކުޑަ ވައިރަސްމަތިން މިހާރު ހަނދާންހުރީވެސް މަދުމީހެކެވެ. ވީމާ ބުނެލަން އޮތީ ތިއަ ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ކިޔާނެ ނަމެއް ކިޔާށެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ދެން ވެއްޓިގެންދާނީ މާފުން އަނދަވަޅަކަށް ކަމުގައިވުމަކަށް އެއްވެސް ހުރަހެއް ނެތެވެ!
ރާއްޖޭގެ އިޤްޠިޞޯދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަން ހުއްޓުމަކަށް އައެވެ. އެއާޕޯޓް ބަންދުކުރެވުނެވެ. ރިޒޯޓުތަކުގައި ދަނޑުވެރިކަން ކުރަން ފެށުނެވެ. ޙާލަތު ބަދަލުވެ އަލުން ފަތުރުވެރިކަން ފެށުމުން ޝުކުރުވެރިނުވެވުނުތަނުގައި ޣާފިލުކަން ދިއައީ ބޮޑުވެގެންނެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި މުސްލިމުންނަށް އުޅެން ދަތިވާ ޙާލަތަށް ކަންކަން މިވަނީ ގެންގޮސްފައެވެ.
މިހާރު ދިމާކޮށްލާފައިވަނީ ދަރިވަރުން އަޢުރަ ނިވާކުރަން ހުރަސް އެޅުމަށެވެ. މިހިސާބަށް ކަންކަން ދިއުމުން އެދުވަސްވަރު ކަންކަން ވެގެންދިއަ ގޮތް ކުރުގޮތަކަށް އެއިރުގެ ލިޔުމަކުން ހާމަކޮށްލާނަމެވެ. ވައިޓް ހައުސްއަށް ބުރުގާ ވަންގޮތުގެ ވާހަކައަކީ ހަނދާންކޮށްލުން މުހިންމު ވާހަކައެކެވެ.
ކޮރޯނާ އެމެރިކާއަށް ދަތުރުކުރުމާއިއެކު ވަދެގަންނަން އެންމެ އަވަސްކުރި އެއް ތަނަކީ އެންމެ ވަރަގަދައަށް ސެކިޔުރިޓީކޮށް ދޮރުތައް ތާށިކޮށްފައިވާ ޕެންޓެގަނެވެ. އެމެރިކާގެ މައި ދިފާއީ އިދާރާއެވެ. މަރުކަޒެވެ. އަމުރުތައް ނެރޭތަނެވެ.
ޕެންޓެގަން އަޅާފައިވާ 1100 އޭކަރުގެ ބިމަކީ ކޮންފެޑެރޭޓް ޖެނެރަލް ރޮބަރޓް އީ. ލީގެ އަތުން ފޭރިގެންފައިވާ ބިމެއް ނަމަވެސް އެމެރިކާއިން ބުނަމުން ގެންދަނީ ޕެންޓެގަނަކީ ދުނިޔެއަށް އެމެރިކާގެ ބާރު ދައިކައިދޭ މަރުކަޒުކަމަށެވެ. އެއީ ތެދެކެވެ. ޕެންޓެގަން ބޭނުންވުމުން ބޭނުން ބައެއްގެ ބޮލަށް އެބަ ބޮން އެޅެއެވެ.
އެބާރުގަދަ ޕެންޓެގަން ސިއްސުވައިލީ ލޮލަށް ނުފެންނަ ކުޑަކުޑަ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ކޮރޯނާ އެތަނަށް ވަދެގަނެ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑުގެ ތެރެއަށް ވައިރަސްދެމިގަތުމުންނެވެ. އެއަށްފަހު ފެނުނީ މުޅި ދުނިޔެއަށް އަމުރުނެރޭ ވައިޓް ހައުސްތެރެއަށް ހަމ އެ ކޮރޯނާ ވައިރަސްވަދެގަތްތަނެވެ.
މާރިޗްމަހު ފެނިގެންދިއައީ ވެސް ދުނިޔެ ސިއްސުވައިލި މަންޒަރެކެވެ. މިހައިތަނަށް މުސްލިމުންނަށް ފުރައްސާރަކޮށް ޖެއްސުންކޮށް ނިކަމެތިކުރުމުގެ ބަސްތައް ބުނަމުން ގެންދިއަ އެ ވައިޓްހައުސްތެރޭގައި ހަމަ އެޕޯޑިއަމްގައި އެމެރިކާ އެންމެ ބޮޑަށް ރުޅިއަންނަ މުސްލިމް ޙިޖާބް ރަސްމީ އިއްޒަތާއި ޝަރަފުގައި ޙަރަކާޔްޔެރިވާތަނެވެ.
އެޝަރަފު މުސްލިމުންނަށް ލިބިގެންދިއައީ އިކޮނޮމިކް މިނިސްޓްރީގެ ނައިބް ސަމީރާ ފަޒީލީގެ ސަބަބުންނެވެ! ބުއްދި ސަލާމަތުން ނެތް މީހުންނަށް އެމީހުންނަކީ މާބާރުގަދަ ބައެއް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް ﷲ ތައާލާ ފިޔަވައި ޙާލަތުގެ މައްޗަށް ބާރެއް ހިންގޭނެ އެއްވެސް ފަރާތެއް ނުވެއެވެ!
މިކަންކަމަކީ ވިސްނައި ފިކުރުކުރަންޖެހޭ ކަންކަމެވެ. ވިސްނައި ފިކުރުކުރުން ޢިބްރަތް ޙާޞިލުކުރެވޭނެ ކަންކަމެވެ! ރާއްޖޭގެ "ވައިޓްހައުސް" އިން ވެސް ގިނަގިނައިން ޙިޖާބް ފެންނާނެ ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރައްވާށެވެ!