ޢަލީ އިޙްޞާން ފިރާޤް
ޢާއިޝަތުގެފާނަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ލޯބިފުޅުވެވަޑައިގަންނަވާ އަނބިކަނބަލުންނެވެ. އެކަމަނާގެ މާތްކަމާއި، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެކަމަނާގެ މަޤާމުގެ މަތިވެރިކަން ހާމަވެގެންދާ ވަރަށް ގިނަ ޙަދީޘްތައް ރިވާވެގެންވެއެވެ.
ޢާއިޝަތުގެފާނުގެ މާތްކަމުގެ ތެރޭގައި އެކަމަނާއަށް ވަޙީގެ މަލާއިކަތާ ޖިބުރީލުގެފާނު ސަލާމް ވިދާޅުވުން ހިމެނެއެވެ. ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ يَا عَائِشَ، هَذَا جِبْرِيلُ يُقْرِئُكِ السَّلاَمَ ] އޭ ޢާއިޝް އެވެ. މިހުންނެވީ ޖިބުރީލުގެފާނެވެއެވެ. އެކަލޭގެފާނު ކަމަނާއަށް ސަލާމް ވިދާޅުވިއެވެ. އެހިނދު ޢާއިޝަތުގެފާނު وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ އޭ ވިދާޅުވެ ޖިބްރީލުގެފާނަށް ސަލާމުގެ ރައްދު ދެއްވިއެވެ.
{صحيح البخاري،كتاب فضائل أصحاب النبى صلى الله عليه وسلم،باب فَضْلِ عَائِشَةَ رضى الله عنها، ޙަދީޘް ނަނަބަރު3768،}
ޢާއިޝްއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢާއިޝަތުގެފާނަށް ލޯބިން ވިދާޅުވާ ނަންފުޅެކެވެ.
އަދިވެސް އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އަބޫ މޫސަލް އަޝްއަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ] އެހެން އަންހެނުންގެ މައްޗަށް ޢާއިޝަތުގެފާނު މާތްވެގެންވަނީ، އެހެން ކާތަކެތީގެ މައްޗަށް ޘަރީދު މާތްވެގެންވާ ފަދައިންނެވެ.]{صحيح البخاري كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ تَعَالَى: {وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ} إِلَى قَوْلِهِ: {وَكَانَتْ مِنَ الْقَانِتِينَ}، ޙަދީޘް3411}
ޞަޙީހުލް ބުޚާރީގެ ކިތާބުލް މަޣާޒީގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރަކު ޢަމްރު ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ޒާތުއްސަލާސިލު އޭ ކިޔުނު ހަނގުރާމައިގެ ކޮމާންޑަރަކަށް ޢައްޔަން ކުރައްވައިފައި ފޮނުއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އެ ހަނގުރާމަ ނިންމައިފައި އައިސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވީމެވެ. [ކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ ކާކު ދެކެތޯއެވެ] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޢާއިޝާދެކެއެވެ.] ދެން ތިމަން ދެންނެވީމެވެ. [ފިރިހެނުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިފުޅުވަނީ ކާކުދެކެތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޢާއިޝާގެ ބައްޕަ އަބޫބަކުރުގެފާނު ދެކެއެވެ.] ދެން ތިމަން ދެންނެވީމެވެ. [ދެން ކާކުދެކެ ތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ޢުމަރުގެފާނު ދެކެއެވެ.] {صحيح البخاري، كتاب المغازى، باب غَزْوَةُ ذَاتِ السَّلاَسِلِ وَهْيَ غَزْوَةُ لَخْمٍ وَجُذَامَ، ޙަދީޘް 4358}