ރަމަޟާން މަހުން ޙާޞިލުކުރަންޖެހޭ އެންމެ ބޮޑު ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ރަމަޟާން މަހުން ޙާޞިލުކުރަންޖެހޭ އެންމެ ބޮޑު ފައިދާ-

މީސްތަކުންނޭވެ! އަހުރެން މިރޭވެސް އަހުރެންގެ އަޑަށް ލެވެންހުރި ހުރިހާ ބާރެއްލށާފައި މިބުނަނީއެވެ. ކަންބޮޑުވާންވީވެސް ހިތާމަކުރަންވީވެސް ފާފައެއް ކުރެވިގެނެއް ނޫނެވެ. ތައުބާ ނުވެވުނީތީއެވެ. ތައުބާވުން ލަސްކުރެވޭތީއެވެ. 

ފާފައެއް ކުރެވުމުން ކުށް ޤަބޫލުކުރުމާއި ތައުބާވުން އަވަސްކުރުމުގެ ހުރިފައިދާގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! އާދަމްގެފާނުގެ ދެކަނބަލުންނަށް ﷲ ތަޢާލާ މަނާކުރެއްވެވީ ހަމަ އެންމެ ކަމެކެވެ. ދެކަނބަލުންނަށް ކުރެއްވެވުނީ މަނާކުރެއްވެވި ކަމެވެ. އެހިނދު ކުރެއްވެވުނު ބޮޑު ފާފަ ޤަބޫލުކުރައްވައި މިފަދައިން ދުޢާކުރެއްވެވިއެވެ. 

رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ތަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ!"

(އަލް އަޢްރާފް: 23) 

ބުނަންހެއްޔެވެ؟ ކުރެވޭ ފާފަ ތަފާތުވެދާނެއެވެ. ފާފަކުރެވޭ މިންވަރުވެސް ތަފާތުވެދާނެއެވެ. އެހެނަސް ފާފަނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ޚުދު އަހުރެންނަށްވެސް ފާފަކުރެވެއެވެ. ބުނެލަން އޮތީ ފާފަކުރެވުނަސް މާޔޫސްނުވާށެވެ! މިބަޔާންކުރި ފަދައިން ދުޢާކުރާށެވެ! އާދަންގެފާނުގެ ދެކަނބަލުންނަށް ފާފަ ފުއްސަވައިދެއްވެވި ފަދައިން ހަމަ ކޮންމެ މުސްލިމަކަށްވެސް ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

ރަމަޟާން ފެށި ނިމެންދަނީއެވެ. ރަމަޟާން މަހުން ޙާޞިލުކުރަންޖެހޭނެ އެންމެ ބޮޑު ކަމަކީ ފާފަފުއްސަވައި ދެއްވެވުމެވެ. އެކަން ޙާޞިލުކުރެވޭނީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމާއިއެކު ވީހައި ގިނައިން އެކަމަށް އެދި ދުޢާކޮށްގެންނެވެ. 

ރަމަޟާން މަހުން ޙާޞިލުކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ތިމާއަކީ ފާފަތައް ފުއްސަވައި ދެއްވަވާފައިވާ އަޅަކު ކަމުގައިވުމެވެ. އެކަން ޙާޞިލުނުކުރެވިއްޖެނަމަ އެމީހަކު ހިމެނިގެންދާނީ ގެއްލެނިވެގެންވާ އަޅުންގެ ތެރެއިންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން