ޢަލީ އިޙްޞާން ފިރާޤް
މިދެންނެވި މަޤްޞަދުގައި މާތްالله سبحانه وتعالى އެކަލާނގެ ޚާއްޞަ މަލާއިކަތްބޭކަލުންގެ ޖަމާޢަތެއް ދުނިޔޭގެ ބިމަށް ފޮނުއްވިއެވެ. ރީތި ޒުވާން ފިރިހެނުންތަކެއްގެ ސިފަ ޖައްސަވާފައެވެ. އެ މަލާއިކަތް ބޭކަލުން އެންމެ ފުރަތަމަ ވަޑައިގެންނެވީ إبراهيم عليه السّلام އަރިހަށެވެ. މަލާއިކަތްބޭކަލުން ވަޑައިގެން إبراهيم عليه السّلام ގެ ގެކޮޅަށް ވަޑައިގެން ސަލާމް ގޮވައިލެއްވިއެވެ. إبراهيم عليه السّلام ގެ އެބޭކަލުންގެ ސަލާމަށް ޖަވާބު ދެއްވިއެވެ. އިންސާނުންގެ ސިފައިގައި އެބޭކަލުން ވަޑައިގެންނެވުމުން إبراهيم عليه السّلام ހީފުޅު ކުރެއްވީ އެއީ އިންސާނުންގެ ބައެއް ކަމަށެވެ. ދަތުރުވެރިން ތަކެއް ކަމަށެވެ.
އެހެންކަމުން إبراهيم عليه السّلام އެކަލޭގެފާނުގެ އާދަފުޅުގެ މަތީން އެބޭކަލުންނަށް މެހެމާންދާރީ އަދާކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. إبراهيم عليه السّلام އެބޭކަލުންނަށް ފަރީއްކޮޅު ތައްޔާރު ކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. ޅަގެރިއެއް ކަތިލައްވައި އޭގެ މަސްފިއްސެވިއެވެ. އެއަށްފަހު ފަރީއްކޮޅު ދޮލަނގު ތައްޔާރު ކުރައްވައިގެން ގެންނެވިއެވެ. އޭރު إبراهيم عليه السّلام އަކަށް އެއީ މަލާއިކަތް ބޭކަލުންކަމެއް އެނގިވަޑައިގެންފައެއް ނުވެއެވެ.
إبراهيم عليه السّلام އެބޭކަލުންނަށް ފަރީއްކޮޅު އެރުވުމުންވެސް އެބޭކަލުންގެ ފަރާތްޕުޅުން ފަރީއްކޮޅަކަށް ޝައުޤުވެރިކަމެއް ނުފެނުނެވެ. މި މަންޒަރު ފެނުމުން إبراهيم عليه السّلام ގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދުނެވެ. ދެން އެބޭކަލުން ވިދާޅުވިއެވެ. "ތިމަންބޭކަލުންނަކީ މަލާއިކަތްބޭކަލުންނެވެ." ތިމަންބޭކަލުން ވަޑައިގެންނެވީ لوط عليه السّلام ގެ ޤައުމުގެ މީސްތަކުންގެ ތެރެއިން ކާފިރުން ހަލާކު ކުރެއްވުމަށްޓަކައެވެ. މިވާހަކައަށް އިޝަރާތް ކުރައްވައި ހޫދު ސޫރަތުގެ 69 ވަނަ އާޔަތާއި 70 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ ﴿٦٩﴾ فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ ﴿٧٠﴾
މާނައީ: "އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ خبر އާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި رسول ން (އެބަހީ: ملائكة ން) إبراهيم ގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. سلام އެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. سلام އެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ. ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމަޔަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު إنكار ކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ފޮނުއްވީ، لوط ގެފާނުގެ قوم އަށެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ."
ޙިޖުރު ސޫރަތުގެ 57 ވަނަ އާޔަތުން ފެށިގެން 60 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
"قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ ﴿٥٧﴾ قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ ﴿٥٨﴾ إِلَّا آلَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ ﴿٥٩﴾ إِلَّا امْرَأَتَهُ قَدَّرْنَا ۙ إِنَّهَا لَمِنَ الْغَابِرِينَ ﴿٦٠﴾"
މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكة ންނޭވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟ އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ ކުށްވެރި قوم އެއްގެ މީހުންގެ ގާތަށެވެ. لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާ ހުށީމުއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، عذاب ގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ."
لوط عليه السّلام ގެ ޤައުމު ހަލާކުރެއްވުމަށް ވަޑައިގެންނެވިކަމުގައި ބަޔާންކުރެއްވިފައިވަނީ ތިން މަލާއިކަތްބޭކަލުންނެވެ. އެއީ ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، އިސްރާފީލުގެފާނެވެ. އެބޭކަލުން ވަޑައިގެންނެވީ އިންސާނީ ލޯތަށް މަދުންނޫނީ ނުދެކޭފަދަ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 415}
މަލާއިކަތް ބޭކަލުން لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ހަލާކު ކުރައްވާނެތި ކުރައްވާނެ ކަމުގެ ޚަބަރު ދެއްވުމުން إبراهيم عليه السّلام ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންވަން ފެއްޓެވިއެވެ. މި ކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 74 ވަނަ އާޔަތުން ފެށިގެން 76 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ ﴿٧٤﴾ إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ ﴿٧٥﴾ يَا إِبْرَاهِيمُ أَعْرِضْ عَنْ هَـٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ ﴿٧٦﴾"
މާނައީ: ފަހެ، إبراهيم ގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި خبر އައިހިނދު، لوط ގެފާނުގެ قوم ގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ حضرة އަށް سؤال ދަންނަވަން ފެށްޓެވިއެވެ. ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. އޭ إبراهيم ގެފާނެވެ! ތިޔަކަންތައް (އެބަހީ: لوط ގެފާނުގެ قوم ގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ عذاب އެއް، އެއުރެންގެ ގާތަށް އަންނާނެތެވެ."
އަލްބިދާޔަތު ވައްނިހާޔަތުގައި، އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. إبراهيم عليه السّلام މަލާއިކަތް ބޭކަލުންނަށް ދެންނެވިއެވެ. "ސަދޫމުގައި ތިންސަތޭކަ މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަންތޯއެވެ؟" މަލާއިކަތް ބޭކަލުން ވިދާޅުވިއެވެ. "ނޫނެކެވެ. ހަލާކެއް ނުކުރައްވާނަމެވެ." إبراهيم عليه السّلام ދެންނެވިއެވެ.
"އެ ރަށުގައި ސާޅީސް މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަން ތޯއެވެ؟" އެބޭކަލުން ވިދާޅުވިއެވެ. "ހަލާކެއް ނުކުރައްވާނަމެއެވެ." إبراهيم عليه السّلام އެބޭކަލުންނަށް ދެންނެވިއެވެ. އެ ރަށުގައި ސާދަ މުއުމިނުން ވަނިކޮށް، ތިޔަ ބޭކަލުން އެރަށް ހަލާކުކުރައްވާނަން ތޯއެވެ؟" އެބޭކަލުން ވިދާޅުވިއެވެ. "ހަލާކެއް ނުކުރައްވާނަމެއެވެ."
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 415}
ދެން މަލާއިކަތްބޭކަލުން إبراهيم عليه السّلام ގެ އަރިހުން ނުކުމެވަޑައިގެން لوط عليه السّلام ހުންނެވި ޤައުމު ކަމުގައިވާ ސަދޫމަށް މިސްރާބު ޖެއްސެވިއެވެ. ޤަތާދާ ވިދާޅުވެފައިވެއެވެ. لوط عليه السّلام ގެ އަރިހަށް މަލާއިކަތްބޭކަލުން ވަޑައިގެންނެވި އިރު އެކަލޭގެފާނު ހުންނެވީ އެކަލޭގެފާނުގެ ބިމެއްގައި މަސައްކަތްޕުޅުކުރެއްވުމަށެވެ. އެބޭކަލުންނަކީ ދަތުރުވެރިން ތަކެއް ކަމަށް ހިއްތަވައި، އެބޭކަލުން އެރަށް ނޫން އެހެން ރަށަކަށް ވަޑައިގެންނެވުމަށް لوط عليه السّلام އިރުޝާދުދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"ތިޔަބޭކަލުން މިރަށަށް ނުވަންނާށެވެ. މި މިރަށުގެ އަހުލުވެރިންނަށްވުރެ ނުބައިކަން ބޮޑު ބަޔަކު، ތިމަންކަލޭގެފާނު ދެނެވަޑައެއް ނުގަންނަވަމެވެ."
މިހެން ވިދާޅުވުމަށްފަހު، ތަންކޮޅަކަށް ވަޑައިގެންނެވުމަށްފަހު، އަނެއްކާވެސް އެހެން ވިދާޅުވަމުން ގެންދެވިއެވެ. އެކަލޭގެފާނު، އެބޭކަލުންގެ އަރިހުގައި ހަތަރު ފަހަރު މިގޮތަށް ވިދާޅުވިއެވެ. ޙަޤީޤަތުގައި މަލާއިކަތްބޭކަލުން ތިއްބެވީ، އެކަލޭގެފާނުގެ މި ބަސްފުޅުގެ އިންތިޒާރުގައެވެ. އެހެނީ ސަދޫމުގެ މީހުންނަކީ ނުބައި ބައެއް ކަމަށް އެކަލޭގެފާނު ހަތަރު ފަހަރު ވިދާޅުވުމުގެ ކުރިން، އެމީހުން ހަލާކުނުކުރެއްވުމަށް މާތްالله سبحانه وتعالى މަލާއިކަތްބޭކަލުންނަށް ވަނީ އަމުރު ކުރައްވާފައެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 416}
لوط عليه السّلام އަށް މަލާއިކަތް ބޭކަލުން ފެނިވަޑައިގެންނެވުމުން ކަންތައްވީ ގޮތް ބަޔާން ކުރައްވާ ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 77 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَـٰذَا يَوْمٌ عَصِيبٌ ﴿٧٧﴾"
މާނައީ: އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ."
ކުރިން ބަޔާން ކުރެވުނު ރިވާޔަތުގެ އިތުރުން އެހެން ރިވާޔަތެއްވެސް އިބްނު ކަޘީރު ގެންނަވައިފައިވެއެވެ. އައްސުއްދީ ވިދާޅުވެފައިވެއެވެ. إبراهيم عليه السّلام ގެ އަރިހުން މަލާއިކަތްބޭކަލުން ނުކުމެވަޑައިގެން لوط عليه السّلام ގެ ޤައުމަށް ވަޑައިގެންނެވީ، ދުވާލުގެ މެންދުރު ވަގުތުގައެވެ. އެބޭކަލުން ސަދޫމުގެ ކޯރާ ހިސާބަށް ވަޑައިގެންނެވިތަނާ، لوط عليه السّلام ގެ ދަރިކަނބަލުން ކޯރުގެ އައްސޭރީގައި، ފެން ނެންގެވުމަށް ހުންނެވި މަންޒަރު ދެކެވަޑައިގެންނެވިއެވެ. لوط عليه السّلام ގެ ދޮށީ ދަރިކަނބަލުންގެ ނަންފުޅަކީ، ريثا އެވެ. ހަގު ދަރިކަނބަލުންގެ ނަންފުޅަކީ، دغرتا އެވެ. މަލާއިކަތް ބޭކަލުން ވިދާޅުވިއެވެ.
"އޭ އަންހެން ކުއްޖާއެވެ. މިހިސާބުގައި މީހުން ދިރިއުޅޭ ގެއެއް ހުރޭ ހެއްޔެވެ؟" އެ އެކަމަނާ ދެންނެވިއެވެ. "އާނއެކެވެ. އަޅުގަނޑު އެނބުރި އަންނަންދެން ތިޔަބޭކަލުން މިތާނގައި މަޑުކުރައްވާށެވެ! އަޅުގަނޑު އެނބުރި އައުމުގެ ކުރިން ރަށުތެރެއަށް ވެދެވަޑައިނުގަންނަވާށެވެ."
ދެން އެކަމަނާ، ބައްޕާފުޅު لوط عليه السّلام ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "ބައްޕާފުޅާއެވެ! ސަހަރުގެ ދޮރޯށި ކައިރިއަށް އައިސްތިބި ޒުވާނުންކޮޅެއް، ބައްޕާފުޅު އެބަ ހޯއްދަވައެވެ. އެއަށްވުރެ ރީތި ބަޔަކު ދުވަހަކުވެސް އަޅުގަނޑު ނުދެކެމެވެ. ޤައުމުގެ މީސްތަކުން އެޒުވާނުންތައް އަތުލައިގަނެ މުޑުދާރު ޢަމަލުތައް ކުރުމަށް ދޫކޮށް ނުލައްވައްޗެވެ."
އޭރު ސަދޫމުގެ މީހުން ވަނީ، لوط عليه السّلام އެއްވެސް މީހަކަށް މެހުމާންދާރީ އަދާކުރެއްވުން މަނާކޮށްފައެވެ. ނަމަވެސް އެކަލޭގެފާނު ވަޑައިގެން، މަލާއިކަތްބޭކަލުން ގެކޮޅަށް ގެންދެވިއެވެ. އެ ބޭކަލުން އެ ގެކޮޅުގައި ތިއްބެވިކަން، އެ ގެކޮޅުގެ އަހުލުވެރިންނަށް ނޫނީ އެހެން ބަޔަކަށް ނޭނގެއެވެ. އެބޭކަލުން އެ ގެކޮޅުގައި ތިއްބަވަނިކޮށް، لوط عليه السّلام ގެ އަނބިކަނބަލުން ގެއިން ބޭރަށް ވަޑައިގެން، ޤައުމުގެ މީހުންގެ ގާތުގައި ބުންޏެވެ. " لوط عليه السّلام ގެ އަރިހުގައި ޒުވާން ފިރިހެނުންތަކެއް އެބަތިއްބެވެ. އެފަދަ ރީތި ފިރިހެނުންތަކެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ދެން އެބައިމީހުން އައިސް ލޫޠޫގެފާނުގެ ގެކޮޅުވަށައިލިއެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 416}
މިދެންނެވި ރިވާޔަތުގައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޤުރްއާނުގެ 62 ވަނަ އާޔަތުން ފެށިގެން 72 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ ﴿٦٢﴾ قَالُوا بَلْ جِئْنَاكَ بِمَا كَانُوا فِيهِ يَمْتَرُونَ ﴿٦٣﴾ وَأَتَيْنَاكَ بِالْحَقِّ وَإِنَّا لَصَادِقُونَ ﴿٦٤﴾فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَاتَّبِعْ أَدْبَارَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَامْضُوا حَيْثُ تُؤْمَرُونَ ﴿٦٥﴾ وَقَضَيْنَا إِلَيْهِ ذَٰلِكَ الْأَمْرَ أَنَّ دَابِرَ هَـٰؤُلَاءِ مَقْطُوعٌ مُّصْبِحِينَ ﴿٦٦﴾ وَجَاءَ أَهْلُ الْمَدِينَةِ يَسْتَبْشِرُونَ ﴿٦٧﴾ قَالَ إِنَّ هَـٰؤُلَاءِ ضَيْفِي فَلَا تَفْضَحُونِ ﴿٦٨﴾وَاتَّقُوا اللَّـهَ وَلَا تُخْزُونِ ﴿٦٩﴾ قَالُوا أَوَلَمْ نَنْهَكَ عَنِ الْعَالَمِينَ﴿٧٠﴾ قَالَ هَـٰؤُلَاءِ بَنَاتِي إِن كُنتُمْ فَاعِلِينَ ﴿٧١﴾ لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ ﴿٧٢﴾"
މާނައީ: "ފަހެ، ފޮނުއްވާފައިވާ ملائكة ން لوط ގެފާނުގެ أهل ވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ. އެބޭކަލުން ދެންނެވޫއެވެ. އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމާމެދު شك ކޮށްއުޅުނު ކަންތަކާއިގެންނެވެ. އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، حق ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ ފަހެ، ކަލޭގެފާނުގެ أهل ވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ! އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެކަންތައް ނިޔާކުރައްވައި އެންގެވީމެވެ. (އެއީ) ހަމަށަވަރުން، އެއުރެންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ. (އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ حال، ރަށުގެ أهل ވެރިން އައޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނަކީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން فضيحة ނުކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ! އެއުރެން ދެންނެވޫއެވެ. (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، شرعى ހަމަތަކުން ކާވެނިވުމަށް) ތިމަންގެ އަންހެންދަރިން (އެބަހީ: قوم ގެ އަންހެންދަރިން) މިތިބީއެވެ. ކަލޭގެފާނުގެ حياة ޕުޅު ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، حيران ވެ، ދެފުށުއެޅޭ حال ގައެވެ."
ހޫދު ސޫރަތުގެ 78 ވަނަ އާޔަތުގައި، މިދެންނެވި ވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ އުޞޫލުންނެވެ.
"وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَـٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّـهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ﴿٧٨﴾"
މާނައީ: "އަދި އެކަލޭގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައޫއެވެ. ކުރިން އެއުރެންނަކީ، ނުބައި (فاحش) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: قوم ގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން شرعى ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟"
ތާރީޚު ރުސުލު ވަލްމުލޫކު އޭ ކިޔުނު ފޮތުގައި، އިމާމު އިބްނު ޖަރީރުއް ޠަބަރީ ރިވާކުރައްވައިފައިވެއެވެ. މަލާއިކަތް ބޭކަލުން، لوط عليه السّلام ގެ އަރިހަށް ވަޑައިގެންނެވި ހިނދު، ޤައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ، لوط عليه السّلام ، ވަރަށް ބޮޑަށް ފިކުރުފުޅު ބޮޑުވިއެވެ. لوط عليه السّلام ވިދާޅުވިއެވެ. "މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ." لوط عليه السّلام ގެ ގެކޮޅުގައި، ބުރުސޫރަ ރިވެތި ޒުވާން ފިރިހެން ކުދިން ތިބި ޚަބަރު ލިބުމުން، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އެ ގެކޮޅަށް އަވަސް އަވަހަށް ދިޔައެވެ. އެބައިމީހުން އެކަލޭގެފާނުގެ ގެކޮޅު ވަށައިލުމުން އެމީހުންނާ މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ.
"އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރޭގައި ހަމަހޭވެރިކަންވާ މީހަކުވެސް ނެތީ ހެއްޔެވެ؟ އަހަރެންގެ އަންހެން ދަރީންނާ ތިޔަބައިމީހުން ޝަރުޢީ ގޮތުން ކާވެނިކުރާނަމަ އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް ބިރުވެތިވާށެވެ."
لوط عليه السّلام މިހެން ވިދާޅުވުމުން، އެމީހުން ދެންނެވިއެވެ.
"ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންގެ ކިބައިން ތިމަންމެންނަށް އެއްވެސް ބޭނުމެއް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ލޫޠުގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުންނާ މެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައި ވާނަމައެވެ! ނުވަތަ ތިޔަބައިމީހުންނާ ދެކޮޅަށް ތިމަންކަލޭގެފާނަށް ބާރު ލިބިވަޑައިގެންފައިވާނަމައެވެ."
لوط عليه السّلام ގެ ހިތްޕުޅަށް ދަތިވުން މި ހިސާބަށް ވާޞިލުވި ހިނދު، މަލާއިކަތް ބޭކަލުން ވިދާޅުވިއެވެ.
"އޭ لوط عليه السّلام އެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި މަލާއިކަތްބޭކަލުންނެވެ. ކަލޭގެފާނާ ހަމައަށް އެއުރެންނަކަށް ވާޞިލެއް ނުވެވޭނެއެވެ. ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، މި ރަށުން ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، އެނބުރި ފަސްނުބަލާށެވެ! ނަމަވެސް އެކަލޭގެފާނުގެ އަނބިކަނބަލުން ސަމޫދުމުގެ މީސްތަކުނަށް ޖެހުނު ޢަޛާބުގެ އަޑު އިވުނު ހިނދު ފަސްއެނބުރި ބަލާލިއެވެ. އެހެންކަކަމުން އެކަމަނާވީ ޢަޛާބު ލިބުނު މީސްތަކުންގެ ތެރެއިންނެވެ.
{ رواه الطبري في تاريخه 154/1}
މި ވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 81 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"قَالُوا لَقَدْ عَلِمْتَ مَا لَنَا فِي بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ﴿٧٩﴾ قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ ﴿٨٠﴾ قَالُوا يَا لُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوا إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا امْرَأَتَكَ ۖ إِنَّهُ مُصِيبُهَا مَا أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ الصُّبْحُ ۚ أَلَيْسَ الصُّبْحُ بِقَرِيبٍ ﴿٨١﴾"
މާނައީ: "އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް حق އެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ! އެބޭކަލުން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެއުރެންނަކަށް واصل އެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ أهل ވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެއުރެންނަށް (އެބަހީ: އެ كافر ންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟"
މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވާ ކަމަށް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ.
" وَرَحْمَةُ اللَّهِ عَلَى لُوطٍ إِنْ كَانَ لَيَأْوِي إِلَى رُكْنٍ شَدِيدٍ إِذْ قَالَ { لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَى رُكْنٍ شَدِيدٍ } فَمَا بَعَثَ اللَّهُ مِنْ بَعْدِهِ نَبِيًّا إِلاَّ فِي ذِرْوَةٍ مِنْ قَوْمِهِ " { جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 3404}
މާނައީ: މާތް ﷲ، لوط عليه السّلام އަށް ރަޙްމަތްލައްވާށިއެވެ. އެކަލޭގެފާނު ބާރުގަދަ ފަރާތަކުން އެހީތެރިކަން ލިބުމަށް އެދިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެން މި އާޔާތް لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ ﴿٨٠﴾ (މާނައީ: ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ!) ކިޔަވައި ވިދާޅުވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. لوط عليه السّلام އަށްފަހު މާތްﷲ ފޮނުއްވެވި ހުރިހާ ނަބީބޭކަލުން ފޮނުއްވެވީ އެ ޤައުމެއްގެ އެންމެ ބާރުގަދަ ނުފޫޒުގަދަ ޚާދާނަކުންނެވެ."