މީހަކު އޭނާގެ އަނބިމީހާ ވަރި ކުރުމުން އެހެންމީހަކާ އެއަންހެނާ ކައިވެނި ކޮށްފިނަމަ އެއަންހެނާ ލިބޭނީ ކުރިން ކައިވެނި ކުރިމީހާއަށްތޯ؟ ފަހުން ކައިވެނިކުރި މީހާއަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
މީހަކު އޭނާގެ އަނބިމީހާ ވަރި ކުރުމުން އެހެންމީހަކާ އެއަންހެނާ ކައިވެނި ކޮށްފިނަމަ އެއަންހެނާ ލިބޭނީ ކުރިން ކައިވެނި ކުރިމީހާއަށްތޯ؟ ފަހުން ކައިވެނިކުރި މީހާއަށްތޯ؟

ދުނިޔޭގައި އުޅުނު އިރުގައި ކައިވެނި ނުކޮށްތިބި ސުވަރުގެވަންތަ އަންހެނުން، ނުވަތަ ކައިވެނިކޮށްގެން އުޅުނުކަމުގައިވީނަމަވެސް ފިރިމީހާއަކީ ސުވަރުގޭގެ އަހުލުވެރިއަކަށްނުވިމީހުން، ނުވަތަ ބާއިން (ތިންފަތް) ވަރިއަކުން ވަރިކޮށްފައިތިބި އަންހެނުން، މިފަދަމީހުންގެ ޙުކުމަކީ މާތް ﷲ ސުވަރުގޭގެ އަހްލުވެރިންގެ ތެރެއިން މީހަކާ އެމީހުން ކައިވެނިކޮށްދެއްވާނެކަމެވެ.

ސުވަރުގޭގެ ނިޢުމަތްތަކަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ، ފިރިހެނުންނާއި އަންހެނުންނަށް ޢާއްމުވެގެންވާ ނިޢުމަތް ތަކެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ނިސާ ސޫރަތުގެ 124 ވަނަ އާޔަތުގައި ބަޔާން ކުރައްވާ ވަޙީ ކުރައްވާފައިވެއެވެ. 

(وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا) 

މާނައަކީ: "އެމީހަކީ މުއުމިނަކު ކަމުގައިވެގެންހުރެ، ހެއުކަންތަކުގެ ތެރެއިން ޢަމަލުކުރާ ފިރިހެނަކު، ނުވަތަ އަންހެނަކުވިޔަސް، ފަހެ އެބައިމީހުން ސުވަރުގެއަށް ވަންނާނެއެވެ. ކުޑަކުޑަ މިންވަރަކުންވިއަސް އެބައިމީހުންނަށް އަނިޔާ ނުލިބޭނެއެވެ". 

އައްނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. 

(مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ) 

މާނައަކީ: "ފިރިހެނުންގެ ތެރެއިން ނުވަތަ އަންހެނުންގެ ތެރެއިންވެސް، އެމީހާ އީމާންވެގެންހުރެ، ހެޔޮކަމެއްކޮށްފިމީހާ އަށް އެދެވޭ ރަގަޅު ދިރިއުޅުމެއް ތިމަން ﷲ ދެއްވައި، އެފަދަ ދިރިއުޅުމެއްގައި، އެމީހާ ލަހައްޓަވާހުށީމެވެ. އަދި އެބައިމީހުން ޢަމަލުކުރަމުންދިޔަ އެންމެ ރީތި ހެޔޮގޮތަށް އެބައިމީހުންނަށް ހުރި އެބައިމީހުންގެ ދަރުމައިން، ތިމަން ﷲ އެބައިމީހުންނަށް ޖަޒާދެއްވާހުށީމެވެ". 

ޒުޚްރުފް ސޫރަތު ގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. 

(وَفِيهَا مَا تَشْتَهِيهِ الْأَنْفُسُ وَتَلَذُّ الْأَعْيُنُ وَأَنْتُمْ فِيهَا خَالِدُونَ) 

މާނައަކީ: "އަދި އެތަނުގައި (ސުވަރުގޭގައި) ހުންނަހުށީ ހިތްތައް އެދޭ އަދި ލޯތަކަށް އުފާލިބިދޭ ބާވަތްތަކެވެ. އަދި ތިޔަބައިމީހުން އެތަނުގައި ދެމިތިބޭށެވެ". 

ފުއްޞިލަތް ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. 

(وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ) 

މާނައަކީ: "އެތަނުގައި (ސުވަރުގޭގައި) ތިޔަބައިމީހުންގެ ނަފްސުތައް ދަހިވެތިވާހައި ތަކެއްޗާއި އެދޭހާ ތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައިވެއެވެ". والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން