ދުނިޔަވީ މިޘާލަކުން ފަށަމާ ހިނގާށެވެ! ދަރިއަކު މައިންބަފައިންގެ ބަސް ޤަބޫލުކޮށް ކިޔަމަންތެރިކަން އަދާކުރާނަމަ އެދަރިއަކު ދެކެ މައިންބަފައިން ލޯބިނުވާނެ ހެއްޔެވެ؟ އެދަރިފުޅު އެދޭ ކަންކަން ކޮށްނުދޭނެ ހެއްޔެވެ؟
ތަޤްވާވެރިވެ ރޭއަޅުކަންކޮށް ދުޢާކުރާމީހާ އާއިމެދުގައިވެސް އޮތީ ހަމަ މިގޮތެވެ. އޭނާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެއެވެ. ފަރޔުޟުނަމާދުތައްކުރެއެވެ. ސުްނަތް ނަމާދުތައް ކުރެއެވެ. ޛިކުރުކުރެއެވެ. ރޭއަޅުކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އޭނާ ހުންނަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމަށް ދުރުހެލިވެގެންނެވެ.
ދެން ނިކަން ބުނެބަލާށެވެ! އެފަދަ މީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާނެ ހެއްޔެވެ؟ އޭނާ އެދޭކަންކަން ﷲ ތަޢާލާ ހިންމަވައި ނުދެއްވަވައި ދޫކޮށްލައްވަވާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކޮށް ދުވަސްތައް ފާއިތުވަމުންދަނީއެވެ. ތިބާއަކީ ދެންމެ މިބަޔާންކުރިފަދައިން ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކު ކަމުގައި ވެވިއްޖެހެއްޔެވެ؟ އަދި ނުވެވޭނަމަ އެފަދަ އަޅަކު ކަމުގައިވުމަށް އަވަހަށް މަސައްކަތްކުރަން ފަށާށެވެ!
މީސްތަކުންނޭވެ! ތިބާދުވަސްފެށީ ފަތިސްނަމާދުންކަމަށްވެދާނެއެވެ. ފަރުޟު 5 ނަމާދާއި ރަވާތިބް ސުންނަތްތައްކުރި މީހަކަށްވެސް ވެދާނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދަންވަރު ތެދުވެ ދަމުނަމާދުގެ 2 ރަކްޢަތް ނަމަވެސް ކޮށްލައި ޛިކުރުކޮށްލައި އެމީހަކު އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކޮށްލުމުން އެމީހާގެ އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ.
ސަބަބަކަށްވަނީ ތިމާއަށް ﷲ ތަޢާލާ އާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރެވިއްޖެކަން އިޙްޞާޞްކުރެވޭތީއެވެ. ރޭއަޅުކަމުގެ ސަބަބުން ތިމާ މުޅި ދުވަހު ކުރި ހުރިހާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެކަން ޤަބޫލުކުރެވި އެކަމުގެ ހިތްހަމަޖެހުން އެމީހަކަށް ލިބިގެންދާނެތީއެވެ.
މީސްތަކުންނޭވެ! ރޭއަޅުކަންކުރުމަކީ ތަޤްވާވެރިންނަށް ނޫނީ ޤަވާޢިދުކޮށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ރޭއަޅުކަންކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. އެމީހުންނާއިމެދު ފަޚުރުވެރިވެވޮޑިގެން އެކަން މަލާއިކަތުންނަށް އަންގަވަތެވެ. މި ބަޔާންކުރި ކަންކަން ފުރިހަމަވެ، އެކަމުގެ އިޙްޞާޞްތައް އެމީހަކަށް ކުރެވެނީ މިބަޔާންކުރި ފަދަ ސަބަބުތަކަށްޓަކައެވެ. ވަﷲ އަޢްލަމް
މީސްތަކުންނޭވެ! ރޭއަޅުކަމަކީ މިހައި ގިނަ ނިޢްމަތްތައް ދެއްވަވާ އަޅުކަމެކެވެ. ފަހުދިހަ އާއި ބައްދަލުވުމުން ރޭއަޅުކަންކުރަން މަޑުނުކޮށް މިހާރުންސުރެ ރޭއަޅުކަން ކުރަމުން ގެންދާށެވެ! ރަމަޟާންމަސް ކާމިޔާބުކުރެވޭ އަޅުންގެތެރޭގައި އެމީހަކު ހިމަނުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން