ޑރ. ޢަބްދުލަމަޖީދު ޢަބްދުލްބާރީއަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި ވަނީ އިސްލާމް ދީން ޙިމާޔަތްކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރަން ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައެވެ.
ތިރީގައި އެވަނީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. ކުރައްވަވާފައިވާ އިލްތިމާސެކެވެ. މަރްޙޫމްގެ ފުރާނައަށް އެންމެ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރާ ޙާލު މި ބިސްފުޅުތައް މިގެނެސްދިނީ ރަމަޟާން މަސް ފެށިފައިވުމާއިއެކު މި ބަސްފުޅުތަކުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ބުފޭއަކުން ނަމަވެސް އިސްރާފުކުރުމަކީ ހަރާންކަމެއް!
އަގު ދައްކައިގެން ކާ ބުފޭ އަކުން ކާއިރުވެސް ތިމާއަށް ނުކެވޭ ވަރަށް ތަށްޓަށް އަޅައި ކާތެކެތި އިސްރާފްކުރުމަކީ ހަރާމް ކަމެކެވެ.
ބައެއް ރޯދަ ވީއްލުންތަކަށް ދާ މީހުން ކާތަކެތި ގިނައިން ނަގައި އިސްރާފްކުރެއެވެ. ނަމަވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި އިސްރާފްކުރުމަކީ އެކަމުގެ އަސަރު ރޯދައަށްވެސް ކޮށްފާނެ ކަމެކެވެ.
ރޯދަ ވީއްލުންތަކަށް ގިނައިން މީހުން ދަނީ ކުރިއަށް އަގު ދައްކައި ކިތަންމެ ގިނަ ކާތަކެތި ބޭނުންކުރި ނަމަވެސް އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. އެހެންކަމުން އިތުރަށް އަގު ދައްކަން ނުޖެހޭނެތީ ބައެއް މީހުން ކާތަކެތި ނެގުމުގައި ސަމާލުކަން ނުދެނީ އެވެ. ނަމަވެސް އެއީ އެގޮތަށް އިސްރާފްކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. އިސްރާފްކޮށްފިނަމަ އެކަން ވާނީ ހަރާމްކަމަކަށެވެ.
- ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ