ލޫޠުގެފާނުގެ ވާހަކަ- 6: ޢަޛާބު ފޮނުއްވުން

ކިޔުމަށް ހޭދަވާނީ 18މ 58ސ
ލޫޠުގެފާނުގެ ވާހަކަ- 6: ޢަޛާބު ފޮނުއްވުން

ޢަލީ އިޙްޞާން ފިރާޤް 

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މަލާއިކަތްބޭކަލުން ޒުވާން އިންސާނުންގެ ސިފައިގައި لوط عليه السّلام ގެ އަރިހަށް ވަޑައިގަތުމުން، އެ މަލާއިކަތްބޭކަލުންނާ އެކުގައި ނުބައިކަންތައްކޮށް، ޢައްޔާޝީ ގޮތްތަކަށް އުޅުމަށް ދިމާކުރިއެވެ. އެހިނދު، މާތް އެމީހުންގެ ލޯތައް ކަނުކުރެއްވިއެވެ. އެމީހުންގެ މައްޗަށް އެ ރޭގެ ފަތިސް ވަގުތުގައި ވަރުގަދަ ޢަޛާބު ފޮނުއްވިއެވެ. އެބައިމީހުންނަށް ދެއްވި ޢަޛާބުގެ ވާހަކަ ހޫދު ސޫރަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

"فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ﴿٨٢﴾" 

މާނައީ: "ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ." 

މަޝްހޫރު ތަފްސީރު ޢިލްމުވެރިއެއްކަމުގައިވާ މުޖާހިދު ބިން ޖަބަރު ވިދާޅުވެފައިވެއެވެ. لوط عليه السّلام ގެ ޤައުމުގެ މީސްތަކުންގެ ސަހަރާއި އެ ސަހަރާ ގުޅިފައިވާ އެހެން ރަށްތައް، ބިމު އަޑިން ފެށިގެން جبريل عليه السّلام ނެންގެވިއެވެ. އެ ރަށްތަކުގައިވާ މީހުންނާއި، ޖަނަވާރުތަކާއި، އެހެން ހުރިހައި އެއްޗަކާއެކު، جبريل عليه السّلام މައްޗަށް އުފުއްލަވައިލެއްވުމުން، ރަށްތަކުގައިވާ ހާތައް ގޮވާ އަޑާއި، ކުއްތާތަކުގެ ވައްވައްޖެހުމުގެ އަޑު، އުޑުގެ އަހުލުވެރިންނަށް އިވިގެންދިޔައެވެ. ދެން އެއަށްފަހު އެރަށްތައް ބަންޑުންޖައްސަވައިލެއްވިއެވެ.

{ رواه الطبري في تاريخه 157/1} 

ސަދޫމުގެ މީސްތަކުން ހަލާކު ކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވައި ޤުރްއާނުގެ އަޢުރާފު ސޫރަތުގެ 83 ވަނަ އާޔަތާއި 84 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

"فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ﴿٨٣﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ ﴿٨٤﴾"

މާނައީ: "ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ.އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!" 

ސަދޫމުގެ މީސްތަކުން ހަލާކު ކުރެއްވި ވާހަކަ ޙިޖުރު ސޫރަތުގެ 73 ވަނަ އާޔަތުން ފެށިގެން 77 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

"فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ ﴿٧٣﴾فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ ﴿٧٤﴾إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ ﴿٧٥﴾ وَإِنَّهَا لَبِسَبِيلٍ مُّقِيمٍ ﴿٧٦﴾إِنَّ فِي ذَٰلِكَ لَآيَةً لِّلْمُؤْمِنِينَ ﴿٧٧﴾"

މާނައީ: "ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ. ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ. ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ. ހަމަކަށަވަރުން، އެކަމުގައި مؤمن ތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ." 

މިދެންނެވި އާޔަތްތަކުން ދޭހަވާ ގޮތުގައި މާތްالله سبحانه وتعالى، ސަދޫމުގެ މީސްތަކުންނަށް ތަފާތު ވައްތަރުގެ ޢަޛާބު ދެއްވިއެވެ. އެގޮތުން އެބައިމީހުންގެ މައްޗަށް ގަދަފަދަ އަޑުފައްގަނޑެއް ފޮނުއްވުމާއި އަލިފާނުން ދޮންކުރައްވައިފައިވާ މަށީގެ ހިލައިގެ ވާރޭ ވެއްސެވުމާއި، އެރަށުގެ މަތީގައި އޮތްފުށް ދަށުން ޖައްސަވާލެއްވުން ހިމެނެއެވެ. މިކަންތައްތަކުން އެބައިމީހުންނަށް މާތްالله سبحانه وتعالى، ދެއްވި ޢަޛާބުގެ ގަދަފަދަކަން ހާމަވެގެންދެއެވެ. 

މުއުމިނުން ސަލާމަތް ކުރެއްވުން: 

މިދެންނެވި ފަދައިން ސަދޫމުގެ މީސްތަކުންނަށް ޢަޛާބު ދެއްވުމުގެ ކުރިން މާތްالله سبحانه وتعالى، لوط عليه السّلام އާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތް ކުރެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި އަންބިޔާއު ސޫރަތުގެ 74 ވަނަ 75 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

"وَلُوطًا آتَيْنَاهُ حُكْمًا وَعِلْمًا وَنَجَّيْنَاهُ مِنَ الْقَرْيَةِ الَّتِي كَانَت تَّعْمَلُ الْخَبَائِثَ ۗ إِنَّهُمْ كَانُوا قَوْمَ سَوْءٍ فَاسِقِينَ ﴿٧٤﴾ وَأَدْخَلْنَاهُ فِي رَحْمَتِنَا ۖ إِنَّهُ مِنَ الصَّالِحِينَ﴿٧٥﴾"

މާނައީ: "لوط ގެފާނަށް ތިމަންރަސްކަލާނގެ حكمة ތެރިކަމާއި، علم ދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ، ނުބައިކަމުގެ أهل ވެރި، فاسق ބަޔަކު ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް އެކަލޭގެފާނު ވެއްދެވީމެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، صالح ންގެ ތެރެއިންނެވެ." 

لوط عليه السّلام އާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރެއްވި ނަމަވެސް އެކަލޭގެފާނުގެ އަނބިކަނބަލުންވީ ހަލާކު ކުރެވުނު މީސްތަކުންގެ ތެރެއިންނެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ސޫރަތުއް ޝުޢަރާގެ 170 ވަނަ އާޔަތުން ފެށިގެން 174 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ. 

"فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ ﴿١٧٠﴾ إِلَّا عَجُوزًا فِي الْغَابِرِينَ ﴿١٧١﴾ ثُمَّ دَمَّرْنَا الْآخَرِينَ ﴿١٧٢﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ ﴿١٧٣﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿١٧٤﴾"

މާނައީ: "ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތް ކުރެއްވީމެވެ. عذاب ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ. ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) މީހުން ހަލާކުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذار ކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ! ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ." 

އިމާމު ސުހައިލީ އާ ޙަވާލާ ދެއްވައި، އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި، ލިޔުއްވައިފައިވެއެވެ. ލޫޠުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ، ވާހިލަތު (والهة) އެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 420}

ލޫޠުގެފާނުގެ އަނބިކަނބަލުން ވެވަޑައިގަތީ، އެކަލޭގެފާނުގެ ރިސާލަތަށް އިންކާރު ކުރި މީސްތަކުންގެ ތެރެއިންނެވެ. އެހެންކަމުން އެކަމަނާއަށް ޙައްޤުވީ ދެދުނިޔޭގެ ނިކަމެތިކަމާއި، ޢަޛާބެވެ. ނަމްލު ސޫރަތުގެ 57 ވަނަ އާޔަތާއި 58 ވަނަ އާޔަތުގައި، އެކަމަނާގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

"فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ قَدَّرْنَاهَا مِنَ الْغَابِرِينَ ﴿٥٧﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ ﴿٥٨﴾"

މާނައީ: "ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. عذاب ގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ!" 

ތަޙުރީމު ސޫރަތުގެ 10 ވަނަ އާޔަތުގައި، ލޫޠުގެފާނުގެ އަނބިކަނބަލުންނާއި، ނޫޙުގެފާނުގެ އަނބިކަނބަލުންގެ ވާހަކަ، ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ. 

"ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾"

މާނައީ: "نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!" 

މި ދެންނެވި އާޔަތުގައިވާ ޚިޔާނާތޭ އޮތް ބަސްފުޅާމެދު ޢަބްދު ބިން ޢައްބާސް ރަޟިޔަޢަންހު ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. "نوح عليه السّلام ގެ އަނބިކަނބަލުންނާއި لوط عليه السّلام ގެ އަނބިކަނބަލުން ޚިޔާނާތްތެރިވީ އެދެނަބީބޭކަލުންގެ ދީނީ ދަޢުވަތަށް އެދެބޭކަނބަލުން ފުރަގަސްދިނުމުންނެވެ. نوح عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނަކީ މޮޔަފުޅުވެފައިވާ ބޭކަލޭކޭ ބުނެ ރަށުތެރޭގައި އަޑުއެރުވިއެވެ. نوح عليه السّلام ގެ ރިސާލަތަށް އީމާންވި މީސްތަކުންގެ މަޢުލޫމާތު އެ ޤައުމުގެ ކާފިރުންނަށް ބަޔާންކޮށްދިނެވެ. لوط عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނުގެ އަރިހަށް މަލާއިކަތް ބޭކަލުން ރީތި ޒުވާން ފިރިހެން ބޭފުޅުންގެ ސިފައިގައި ވަޑައިގަތުމުން އެކަމުގެ ޚަބަރު ރަށުގެ މީސްތަކުންނަށް ގެންގޮސްދިނެވެ."

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދުގެ 73 ވަނަ ޞަފްޙާ} 

ކީރިތި ޤުރްއާނުގެ އާޔަތްތަކުން ޘާބިތުވާ ގޮތުގައި لوط عليه السّلام ގެ ޤައުމުގެ މީސްތަކުންގެ ތެރެއިން އެކަލޭގެފާނަށް ތަބާވީ ވަރަށް މަދުބަޔެކެވެ. އެއީވެސް އެކަލޭގެފާނުގެ ގެކޮޅުގެ އަހުލުވެރިންނެވެ. ޛާރިޔާތު ސޫރަތުގެ 35 ވަނަ އާޔަތާއި 36 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ ﴿٣٥﴾ فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ ﴿٣٦

މާނައީ: "ފަހެ، مؤمن ންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ. ފަހެ، އެރަށުގައި مسلم ންގެ އެންމެ ގެއެއްގެ أهل ވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ." 

މިވާހަކަތައް ޤަމަރު ސޫރަތުގެ 34 ވަނަ އާޔަތާއި 35 ވަނަ އާޔަތުގައި މާތްބަޔާން ކުރައްވައިފައިވަނީ، މިދަންނަވާ ޢިބާރާތުންނެވެ. 

"إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ ۖ نَّجَّيْنَاهُم بِسَحَرٍ ﴿٣٤﴾ نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِي مَن شَكَرَ ﴿٣٥﴾"

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަންރަސްކަލާނގެ އެއުރެން ސަލާމަތްކުރެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ދެއްވި نعمة އެއްގެގޮތުގައެވެ. شكر ކުރާ މީހަކަށް އެފަދައިން ތިމަންރަސްކަލާނގެ ޖަޒާދެއްވަމެވެ." 

ކުރިން ދެންނެވުނު ޛާރިޔާތު ސޫރަތުގެ 35 ވަނަ އާޔަތް ތަފްސީރު ކުރައްވަމުން مولانا سید ابو الاعلیٰ مودودی ވިދާޅުވެފައިވެއެވެ. "އެ އުއްމަތުގެ މީސްތަކުން ދިރިއުޅުނު ބިމުގައި އިސްލާމްދީނާއި އީމާންކަމުގެ ނޫރު އަލިކޮށްދޭ ހުރީ ހަމަ އެންމެ ގެއެކެވެ. އެގެކޮޅަކީ ހަމައެކަނި لوط عليه السّلام ގެ ގެކޮޅެވެ. ދެން، އެ ޤައުމުގެ އެންމެހައި މީސްތަކުން ތިބީ ފާސިޤުކަމާއި ފާޖިރުކަމުގައި ފާފަތައް ކުރުމުގައި ޣަރަޤުވެގެންނެވެ." ابو الاعلیٰ مودودی ގެ މިދެންނެވި ބަސްފުޅުވެސް لوط عليه السّلام އަށް އީމާންވެވަޑައިގަތީ ވަރަށް މަދު އަދަދެއްގެ ބައެއްކަން ދޭހަވެއެވެ.

{ސައްޔިދު އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން)

 

މިއަދު އޮންލައިން