ސަމާލުވާތި! މި ރަމަޟާން މަހަކީ ނަރަކައިން ސަލާމަތް ވާން ތިބާއަށް ލިބޭ އެންމެ ފަހު ފުރުޞަތު ކަމަށްވެދާނެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ސަމާލުވާތި! މި ރަމަޟާން މަހަކީ ނަރަކައިން ސަލާމަތް ވާން ތިބާއަށް ލިބޭ އެންމެ ފަހު ފުރުޞަތު ކަމަށްވެދާނެ!: ބިލާލް އައްސަދު

ރަމަޟާންމަހަށް ތައްޔާރުވާން ގިނަ ބައަކު ކުރާ ކަމަކީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. ގެދޮރު ޒީނަތްތެރިކޮށް ހިފައިގެންގުޅޭތަކެތި އައުކުރުމެވެ. ރަމަޟާން މަހާއި ބައްދަލުވުމުން ކުރާ ކަމަކީ ބޮޑު ހޭދައެއްކޮށްގެން މީރުކޮށްކެއުމެވެ. ބުނަން ޖެހެނީ މިއިން އެއްވެސް ކަމަކީ އެމީހަކު ހިފާ ރޯދައަށް އެކަމުން ފައިދާކުރާނެ ކަންކަން ނޫންކަމެވެ.  

ރަމަމާން މަސް ބައްދަލުވުމުން ފައިދާއެއް ކުރާނީ އެމީހާކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައިފިނަމައެވެ. ނަރަކައިން މިންޖު ކުރައްވަވާ އަޅުންގެތެރޭގައި ތިމާ ހިމެނިއްޖެނަމަ އެވެ. މާނައަކީ ނަރަކައަށް ވަންނަން ނުޖެހޭނެ އަޅަކު ކަމުގައި ވެވިއްޖެ ނަމައެވެ.  

މި ކިޔައިދެނީ ރަމަޟާން މަސް ފެށުނު ރެއަކު އަންހެނަކަށް ފެނުނު ހުވަފެނެއްގެ ވާހަކައެވެ. އެ ހުވަފެނުގައި މީހަކު އައިސް ބުނެއެވެ. ރަމަޟާން މަސް ލައިގަތުމުން ތިބާ ތިއަ ގެންދަނީ މީރުހައި އެއްޗެއް ކަމުންނެވެ. އުފާކުރަމުންނެވެ. އެންމެފަހަރަކުވެސް ނަރަކައިގައި މީހުން އެތިބަ ހާލާއިމެދު ވިސްނައިލިން ހެއްޔެވެ؟  

ނަރަކައިގައި އަޛާބު ލިބެމުންދާއިރު ލައިގެން ތިބެން ޖެހޭ ފޭރާމަކީ ވެސް އަލިފާނުގެ ފޭރާމެކެވެ. އެ ފޭރާމުގެ ސަބަބުން ނަރަކައިގެ ހޫނު ގަދަ އަލިފާނުގެ ހޫނުކަން އިތުރަށް ގަދަވެގެންދެއެވެ. ވާރޭ ވެހެން އުޅޭހެން ހީވެދާނެއެވެ. ވިލާތައް ފެނިދާނެއެވެ. ނަމަވެސް ވެހޭނީ އެސިޑަށްވުރެ ތޫނު އެއްޗެކެވެ.  

ނަރަކައަށް ވަނުމުން ލިބޭ އަޒާބުގެ ގަދަފަދަ ކަމުން ބަނޑުހައި ނުވާނެ ކަމަށް ހީނުކުރާށެވެ. ނަރަކައިގައި އޮންނައިރު އަބަދު އޮންނާނީ އިންތިހާއަށް ބަނޑުހައިވެފައެވެ. ފެން ބޮވައިގަނެގެން ކުޑަދޫ އެތައް ހިސާބަކަށް ބޭރަށް ނުކުމެފައެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ހައިހޫނުކަން ފިލުން ކާން ލިބޭ ޒައްޤޫމް ކެއިވަރަކަށް ގޮހޮރު ދާނީ އިރައިރައިގެންނެވެ. ބުއިމަށް ލިބޭ ދިޔާއެއްޗެތި ބުއިމަށް މޫނު ކައިރިކޮށްލުމުން މޫނުގައި ހުންނަ ހަންތައް ވިރިގެން އެއެއްޗެތީގެ ތެރެއަށް ދާނީ އެޅެމުންނެވެ.   

މިއީ އޭނާއަށް ހުވަފެނުގައި އެނގުނު ކަންކަން ނަމަވެސް މިއީ ހަމަ މިކަންކަން ހިނގަމުންދާ ގޮތެވެ. ނަރަކައި ތިބޭ ބައަކަށް ތާއަބަދު ކުރިމަތިވަމުންދާނެ ގަދަފަދަ ޢަޛާބުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. ވީމާ ހިތަށް މިކަންކަން ގެނެސް ބިރުވެތިވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!

ޒައްޤޫމެވެ ބުނީމާ އެއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟ އެއީ ނަރަކައިގައި ހުންނަ ގަހަކުން ލިބޭ އެއްޗެކެވެ. އެގަހުގެ މޫތައް ވަނީރަކައިގެ އެންމެ އަޑީގައެވެ. އެގަހަށް ލިބޭ ފެނަކީ ނަރަކައިގެ އަހުލުވެރިންގެ ގައިގެ މަސްތައް އަނދައިގެންދާއިރު ފައިބާ ކުނި ފާދިޔައެވެ. ޒައްޤޫމެއްގެ އެންމެ ތިއްކެއް ދުނިޔެއަށް ޖެހި ނަމަވެސް މުޅި ދުނިޔެ އަނދައިގެން ހިނގައިދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ޢުމުރަކީ އެނގޭނެ އެއްޗެއް ނޫނެވެ. މަރުވާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭނެއެވެ! މި ރަމަޟާން މަހަކީ ބިރުވެރިކަމުން ފުރިގެންވާ އެ ނަރަކައިން ސަލާމަތްވުމަށް ލިބޭ އެންމެ ފަހު ފުރުޞަތު ކަމަށްވެދާނެއެވެ! ވީމާ ކިތަންމެ ގިނަ މަސައްކަތްތަކެއް ކޮށްގެން ނަމަވެސް ނަރަކައިން މިންޖުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! މި ރަމަޟާން މަހު ނަރަކައިން މުއްތިކުރައްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ހިމެނުމަށް ގަދައަލައި މަސައްކަތްކުރާށެވެ.  

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން