ރޯދައަށްހުރެ ރުޅިގަދަވެ ނުބައި ބަސްތައް ބުނެވޭނަމަ ޞިއްޙީ ފަރުވާ ހޯދާށެވެ! ޙައްލު ނުކުރެވޭނަމަ ރޯދައަކަށް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 59ސ
ރޯދައަށްހުރެ ރުޅިގަދަވެ ނުބައި ބަސްތައް ބުނެވޭނަމަ ޞިއްޙީ ފަރުވާ ހޯދާށެވެ! ޙައްލު ނުކުރެވޭނަމަ ރޯދައަކަށް ނުވާނެ!

ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު މުސްލިމުން ރޯދަހިފާނެއެވެ. އެކަމަށް ފަރުވާތެރިވާނެއެވެ. އެހެނަސް ތިމާ ހިފި ރޯދައިގެ ޘަވާބު ނުލިބިދާނެ ފަދަ ޢަމަލުތައް ކުރެވޭ ބައަކު އުޅެއެވެ. އެއިގެ ތެރޭގައި ރުޅިގަދަވުމުން ކުރެވޭ ކަންކަން ހިމެނެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ. 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ރޯދައަށްހުރެ ނުބައި ބަސްތައް ބުނެވުމާއި ރުޅިގަދަވުން ފަދަ ކަންކަން ކުރެވޭ ސަބަބުތަކުގެ ތެރޭގައި އެމީހާގެ ޞިއްޙީ ޙާލަތުވެސް ހިމެނެއެވެ. އެހެންކަމުން ހަކުރުބަލި، ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ހުންނަނަމަ އެފަދަ މީހުން ރޯދަމަސް އައުމުގެ ކުރިން ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދަން ވަރަށް ގިނައިން ހަނދާންކޮށް ދިނީމެވެ. 

ބައެއް މީހުން ސަމާލުކަންދީގެން ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެފަދަ ކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ނަތީޖާއަކަށް ވަނީ ބައެއް މީހުން ރޯދަ އަށް ހުންނަ ވަގުތު ތަކުގައި އެމީހަކީ އަމިއްލަ އަނބިދަރިންނަށާއި ޢާއިލާއަށް ވެސް ބޮޑު ބިރަކަށްވެފައިވުމެވެ. ވީމާ ރޯދަ މަސްކަމުގައި އުޒުރަކަށް ނުހަދައި އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދާށެވެ. 

ތިމާގެ ކިބައިގައި ހުންނަ ބައްޔެއްގެ ސަބަބުން ރުޅިގަދަވެވޭނަމަ، ނުވަތަ ރުންކުރުވެވޭނަމަ އެކަމަކުން ޝިފާހޯދަން މަސައްކަތްކުރަންވާނެއެވެ. މިއީ ތިމަންނާގެ ކިބައި ހުރި ސިފައެއް ކަމަށް ހީކޮށް ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ! މިއަދު މިކަންކަން ދެނެގަނެވޭނެ މަގުތައް މިވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. 

މިއީ ރަމަޟާން މަސް ކަމަށްވުމުން ބޭސްކާން ޖެހިދާނެތީ ޑޮކްޓަރަށް ނުދައްކައި ނުތިބޭށެވެ! ކާންޖެހޭ ބޭހެއް ކާނީއެވެ. ބޭސްކަމުންވެސް ރޯދަ ހިފޭނެއެވެ. އެގޮތްތައް މުސްލިމް ޑޮކްޓަރުންވެސް ބޭހާއި ގުޅިގެން ކިޔައިދޭނެއެވެ. ވީމާ މިބަޔާންކުރި ފަދަ ބަލިތަކުގައި ފަރުވާނުކޮށް ރޯދަހިފަން މަސައްކަތް ނުކުރާށެވެ! އެއީ އިތުރު ފާފަތަކެއް ކުރެވިދާނެ ކަމަށްޓަކައެވެ!

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ

1903 صحيح البخاري كتاب الصوم باب من لم يدع قول الزور والعمل به في الصوم 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

 “Whoever does not leave evil words and deeds while fasting, Allah does not need him to leave food and drink.”

Source: Ṣaḥīḥ al-Bukhārī 1903

Grade: Sahih (authentic) according to Al-Bukhari 

މި ހަދީޘްފުޅަކީ އައު ހަދީޘްފުޅެއް ނޫނެވެ. ހުރިހާ މުސްލިމުންވެސް ވަރަށް ފަރިތަ ޙަދީޘްފުޅެކެވެ. މިޙަދީޘްފުޅުން އެނގިގެންދަނީ ރޯދަހިފުމުގެ ނަމުގައި ކެއިން ބުއިމުން ދުރުހެލިވެގެން ހުރިނަމަވެސް ނުބައި ޢަމަލުތައް ކުރެވި ނުބައި ބަސްތައް ބުނާނަމަ އެމީހަކު ރޯދައަސް ހުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ހަމަ މި މައްސަލައިގައި އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެއްވެސް ހިމަނައިލާނަމެވެ. 

ރޯދަ ހިފުމުގެ ނަމުގައި ހަށިގަނޑަށް އަނިޔާކުރާ މީހަކަށް ވެގެން ރޯދައެއް ނުހިފޭނެ!: މުފްތީ މެންކް 

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ރުޅި ގަދަވެ ދުލުން ނުބައި ބަސްތައް ބުނާ މީހާ ރޯދައަށް ހުރުމެއް ނެތެވެ. އެފަދަ ކަންކަން ކުރާ މީހަކު ޜޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއި ހުރެ ހަށިގަނޑަށް ބުރަތައް ޖެއްސުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ކުރިން ބުނި ފަދައިން އެމީހަކީ ރޯދަވެރިއަކަށް ނުވާނެއެވެ. 

ދުލުން ނުބައި ބަސްތައް ބުނުމަކީ އެއްވެސް ދުވަހަކު ކުރުން ހުއްދަ ކަމެއް ނޫނެވެ. ކަން މިހެން އޮތް ނަމަވެސް ރޯދަވެރިޔާ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެހެނީ ރޯދަ އަށް ހުންނަ މީހާ ރުޅި ގަދަވެ ދުލުން ނުބައި ބަސްތައް ބުނާނަމަ ރޯދަ ހިފުމުގެ ބޭނުމުގައި އެމީހަކު ނުކައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޞަޙީޙް ޙަދީޘްފުޅުގައި ބަޔާންވެ އެކަން އެނގެން އޮތުމުންނެވެ. 

އެހެން މީހަކު ތިމާއަށް ނުބައި ބަސްތައް ބުނެ ރުޅި ގަދަކުރުވަން މަސައްކަތް ކުރި ނަމަވެސް، ކިތަންމެ ނިބައި ބަސްތަކެއް ބުނި ނަމަވެސް ރައްދު ދިނުމެއްވެސް ނެތެވެ. އޮތީ ތިމާ މިހުރީ ރޯދައަށް ކަމަސް ބުނުމަށްވުރެ އިތުރަށް އެއްވެސް ބަހެއް ނުބުނުމެވެ. ވީމާ ކޮންމެ ރޯދަވެރިއަކު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ދުވާލު ހަތަރުދަމު ނުކައި ނުބޮއި ހުރެގެން ހިފާ ރޯދައަކީ އެއްވެސް އަގެއް ނެތް ބޭކާރު އެއްޗަކަށް ނުހަދާށެވެ. ހިފާ ރާދައަކީ ތިމާއަށް މަންފާ ކުރާ އެއްޗަކަށް ހެދުމަށްޓަކައި މިކަންކަމަށް ޚާއްޞަ ސަމާލުކްމެއް ދޭށެވެ! ހިފާ ރޯދަ ރޯދައަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރާށެވެ! 

ރޯދަ މަހު މި ތަމްރީނުތައް ލިބިގެންފި މީހަކަށް މުޅި އުމުރުގައިވެސް އެކަމުގެ ފައިދާ ކުރާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން