ހިފާ ރޯދަ ކާމިޔާބުކޮށް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ރޯދަހިފަން އެދޭމީހާ ފަރުވާތެރިވެ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ހިފާ ރޯދަ ކާމިޔާބުކޮށް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ރޯދަހިފަން އެދޭމީހާ ފަރުވާތެރިވެ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން!

މިއަހަރުގެ ރަމަޟާން މަހުގެވެސް ފަހުދިހަ ކައިރިވަމުން އަންނީއެވެ. އެޕްރީލް މަހުގެ 11 ވަނަ ދުވަސްވެގެންދާނީ ރަމަމާން މަހުގެ 20 ވަނަ ދުވަހަށެވެ. އެދުވަހުގެ އިރުއޮއްސުމާއިއެކު ފަހުދިހައިގެ ރޭތައް ފެށުނީއެވެ. ވީމާ ދެން ބާކީ މިއޮތީ އެންމެ ހަފްތާއެއްހައި ދުވަހެވެ.

އަބަދުވެސް މިބުނަނީއެވެ! ރޯދައަކީ ހަމައެކަނި ބަނޑުން (ނުކައި ހުރެގެން) ކުރާ ކަމަކަށް ހަދައިގެން ރޯދަ ހިފިކަމަކަށް ނުވާނެއެވެ. ފުރިހަމައަށް ރޯދަ ހިފޭނީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުން ރޯދަ ހިފުމުންނެވެ. އަދި ރޯދައަށް ހުންނަ ހުރިހާ ވަޤުތުތަކުގައި ރޯދައަށް ސަމާލުކަންދީގެން ރޯދަހިފުމުންނެވެ.

އެއިގެ މާނައަކީ ރޯދައަށް ހުންނައިރު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުންވެސް ކުރަންޖެހޭނީ ރޯދައަށް ފައިދާކުރާނެ ކަންކަމެވެ. އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ވީމާ ބުރަ މަސައްކތުން ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ރޯދައަށް ހުރެ ކުރަން ވާނީ ރޯދައަށް ފައިދާ ކުރާނެ ކަންކަމެވެ. ރޯދައަށް ހުންނައިރު ރޯދައަށް ފައިދާ ނުކުރާނެ ކަންކަމާއި ދުރުހެލިވާން ޖެހޭނެ އެވެ!

ކުޅިވަރު ކުޅުމަކީ ރޯދައަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށްވާއިރު ރޯދައަށް ހުރެ ކުޅިވަރު ކުޅުން ފަދަ ކަންކަމާއި ދުރުހެލިވާންވާނެ އެވެ. ޚާއްސަކޮށް ފަހު ދިހައިގެ ދުވަސްތަކުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.

ފުޓްބޯޅަ އަދި އެނޫންވެސް އެފަދަ ކުޅިވަރުތައް ކުޅުމަކީ އެއިގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ނަމަވެސް ރަމަޟާން މަހަކީ ކުޅިވަރު ކުޅުމުގެ މޫސުމެއް ނޫނެވެ. އެހެންކަމުން ކުޅިވަރު ކުޅުން، ކުޅިވަރު މުބާރާތް ބޭއްވުން ފަދަ ކަންކަން ކުރަންވާނީ ރޯދަމަސް ނިމި ޢީދު އައުމުން ޢީދުގައެވެ.

ކަންކަން މިހެން އޮތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ފަހު ދިހައިގެ ތެރޭގައިވެސް ކުޅިވަރު ކުޅެއެވެ. މުބާރާތްތައްވެސް ބާއްވައެވެ. އެއީ ރޯދަ ހިފުމުގެ ރީޙާއި މުޅިން ޚިލާފަށް ކުރެވޭ ކަންކަމެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އެދުވަހު އޭނާ ޤުރްއާނުން މިންވަރެއް ކިޔަވައި ނަމާދުވެސް ކުރުމުން ދެން ބާކީ އޮންނަ ވަގުތުތަކުގައި ކުޅިވަރުކުޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ތެދެކެވެ. ކުޅިވަރުކުޅުމަކީ ރޯދަގެއްލޭ ކަމެއް ނޫނެވެ. ނަމަވެސް ރޯދަ ނުގެއްލުމުން އެއީ ނިމުނީކަމަށް ނުދެކޭށެވެ! ރޯދައަށް ހުންނަ ވަގުތުތަކުގައި ހުރިހާ ސަމާލުކަމެއް ދޭންވީ ރޯދަ ވީހައި ފުރިހަމަކުރުމަށެވެ. އެކަންކުރެވޭނީ ވީހައި ގިނައިން އަޅުކަންކޮށްގެންނެވެ. ކުރަންޖެހޭ މަސައްކަތްކުރުމަށްފަހު ދެން އޮތް ވަގުތުތައް އަޅުކަންކުރަން ޚާއްޞަކޮށްގެންނެވެ.

ވަގުތު ގިނަވާނަމަ އަނބިދަރިންނާއިއެކުގައި ވަގުތުހޭދަކުރާށެވެ! އަނބިމީހާ ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވެދޭށެވެ! މައިންބަފައިންނަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރާށެވެ! ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ރޯދަހިފޭނީ އެކަމަށް މަސައްކަތްކޮށްގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން