ފިޤްޙުވެރިންގެ އަރިހުގައި އަންހެނަކު އަނެއް އަންހެނަކާމެދު އޮންނަ އައުރައަކީ ފޫޅާއިކަކުލާ ދެމެދެވެ. އެއީ މަންމަ، ދައްތަ، ނުވަތަ ހިލޭ އަންހެނެއްގެ ކުރިމަތީގައި ވީނަމަވެސް މެއެވެ. އެހެންކަމުން ބޭސްކުރުންފަދަ ޟަރޫރީ ހާލަތެއް މެދުވެރިވެގެންނޫނީ އެއްވެސް އަންހެނަކު އެހެން އަންހެނެއްގެ ފޫޅާއިކަކުލާ ދެމެދުގެ ތަނެއް ބަލައިގެން ނުވާނެއެވެ.
މީގެ މާނައަކީ އަންހެނަކު ފޫޅާއިކަކުލާ ދެމެދު ނިވާކޮށް އެހެން ގުނަވަންތައް ހާމައަށް ބަހައްޓައިގެން އަންހެންތަކުންގެ ކުރިމައްޗަށް ނުކުތުމެއްނޫނެވެ. ފިޤުޙުވެރިން (އަންހެނަކު އަނެއް އަންހެނެއްގެ ކުރިމަތީގައި އައުރައަކީ ފޫޅާއިކަކުލާ ދެމެދު) އޭ ބުނާ ބަހުގެ މާނައަކީ، އެއީ އަންހެނުންގެ ހެދުމުގެ ވާހަކަ އެއްނޫނެވެ. އެގޮތަކީ ހަމަ ބުއްދި ޤަބޫލުކުރާނެ ގޮތެއްނޫނެވެ. އަދި އިންސާނީ ފިތުރަތުވެސް ޤަބޫލުކުރާނޭ ގޮތެއްވެސްނުމެ ނޫންމެއެވެ.
އަދި ކިއެއްތަ އަންހެނަކު އަނެއް އަންހެނެއްގެ ކުރިމަތީގައި އަޅާ ހެދުމަކީ އަބުރުވެރި، އަންހެނާގެ ލަދުވެތިކަން ރަމްޒުކޮށްދޭ ފަދަ ހެދުމަކަށްވާން ވާނެއެވެ. އެހެންކަމުން (އަންހެނުން އަންހެނުންގެ ތެރޭގައި) މަސައްކަތު އުޅޭ ގަޑީގައި ކޮންމެހެން ފާޅުވާނެ ހިސާބުކަމުގައިވާ ބޮލާއި، ކަރު އަދި އަތާއި ފައި ފިޔަވައި އެހެން ތަންތަން ނިވާކުރަން ޖެހޭނެއެވެ.
ފިރިހެނާގެ އައުރައަކީ ފޫޅާއި ކަކުލާ ދެމެދެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް