ޢަލީ އިޙްޞާން ފިރާޤް
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ކުރެއްވި އެންމެ ފުރަތަމަ އަދި އެންމެފަހު ޙައްޖު ކަމުގައިވާ ޙައްޖަތުލް ވަދާޢުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ހަށިކޮޅުގައި ހުވަނދު ތުރުކޮށްދެއްވީ ޚުދު އުއްމުލް މުއުމިނީންގެ އަތްޕުޅުންނެވެ. އެކަމަނާ އެކަލޭގެފާނުގެ ގައިކޮޅުގައި ހުވަނދު ތުރުކޮށްދެއްވީ އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ހުވަނދަކުންނެވެ.
{ޞަޙީޙު މުސްލިމު، ކިތާބުލް ޙައްޖު، ޙަދީޘް 1189}
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މި މަތިވެރި ޙައްޖުގެ އަޅުކަމުގެ މުހިއްމު ރަސްމުތައް އިސްލާމީ އުއްމަތަށް ޙިއްޞާކޮށްދެއްވި އެއްބޭކަނބަލަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [ހައްޖަތުލް ވަދާޢުގައި މާތް ރަސޫލާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ފަރާތްޕުޅުން ޤުރްބާން ކުރެއްވީ އެންމެ ގެރިއެކެވެ.]
{ސުނަނު އަބީދާވުދު،ކިޔާބުލް މަނާސިކު، ހަދްޔުގެ ގޮތުގައި ގެރި ޤުރްބާން ކުރުމާބެހޭ ބާބު، ޙަދީޘް ނަންބަރު 1750}
ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޢާއިޝަތުގެފާނަށް މައްސަރުގެ ކަންތައް ޖެހިވަޑައިގެންނެވިއެވެ. އެކަމާ ޢާއިޝަތުގެފާނު ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެއީ އެކަމަނާއަށް ޙައްޖުގެ އަޅުކަން އަދާނުކުރެވިދާނެ ކަމަށްޓަކައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. އެހިނދު ވެގެންއުޅޭ ގޮތް އޮޅުން ފިލުއްވެވުމަށްފަހު ޙަދީޘު ކުރެއްވިއެވެ. [އެހެންމީހުން ޙައްޖުގެ މަނާސިކުތައް އަދާކުރާފަދައިން ކަމަނާވެސް އެކަންތައް ފުރިހަމަ ކުރައްވާށެވެ. ނަމަވެސް ކަޢުބާގެ އަރިހަށް ވަޑައިގެން ޠަވާފު ނުކުރައްވާށެވެ.]
{ޞަޙީޙު ބުޚާރީ، كتاب الأضاحي،باب مَنْ ذَبَحَ ضَحِيَّةَ غَيْرِهِ، ޙަދީޘް ނަންބަރު 5559}
މާތް ރަސޫލާ صلّى اللّـه عليه وسلّم، ޙައްޖަތުލް ވަދާޢުން ނިމިވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނަޞޭހަތްޕުޅު ދެއްވައި ވަޞިއްޔަކުރެއްވިއެވެ. އެކަލޭގެފާނަށްފަހު އެބޭކަނބަލުން ގެކޮޅުގައި ތިއްބެވުމަށް އެންގެވިއެވެ. އެއީ އަރަހުށި މާތްﷲ ޤުރްއާނުގައި އަންގަވައިފައިވާ ފަދައިންނެވެ. އަޙްޒާބު ސޫރަތުގެ 33 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾
މާނައީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާ އޭގެ ފަހުން ޙައްޖަކަށްވެސް ވަޑައެއްނުގަންނަވައެވެ. އެބޭކަނބަލުން ވިދާޅުވަމުން ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއެކު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވައިފައިވާ ކަމަށެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އެންގެވި ގޮތަށް ތިއްބަވާނީ ގެކޮޅުގައި ކަމަށެވެ.]
{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 38}
ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެންތިއްބެވި އަނބިއަނބިކަނބަލުން ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ވަޑައިގެންނެވިއެވެ.