ދެޢާއިލާއެއްގެ މެދުގަ މައްސަލައެއް ޖެހިފަ އޮތުމަކީ ދަރިންގެ ކައިވެންޏަށް ހުރަސްއެޅުން ހުއްދަ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 10ސ
ދެޢާއިލާއެއްގެ މެދުގަ މައްސަލައެއް ޖެހިފަ އޮތުމަކީ ދަރިންގެ ކައިވެންޏަށް ހުރަސްއެޅުން ހުއްދަ ސަބަބެއް ނޫން!

އަޅުގަނޑުގަޔާވާ ކުއްޖެއް އެބަހުއްޓެވެ. އަޅުގަނޑަކީ ލޯބީގެގޮތުން ގުޅިގެން ދުވަސްތައް ހޭދަކުރަން ބޭނުންވާމީހެއް ނޫނެއެވެ. ކައިވެނިކުރެވޭނެމަގެއް ދައްކަވައިފިއްޔާ ވީހާވެސްއަވަހަށް ކައިވެނިކުރަން އަޅުގަނޑުބޭނުމެވެ. އަޅުގަނޑ ގަޔާވާކުއްޖަކީ އަޅުގަނޑަށް އެނގިފައިވާގޮތުން އަޙްލާޤް ރަނގަޅު، ދީންވެރިކުއްޖެކެވެ. ނަމަވެސް މައްސަލައަކީ އާއިލާއެވެ. ދެފަރާތުގެއާއިލާގައި ޖެހިފައިވާ މައްސަލައެއްގެ ސަބަބުން ދެއާއިލާއިން ވެސް މިގުޅުމާއި ނުރުހުންވެދާނެކަމަށް އަޅުގަނޑަށްހީވަނީއެވެ. 

ދީނީގޮތުން އާއިލާގެ ނުރުހުމުގައި ކައިވެނި ކުރުމަކީ ކޮންކަހަލަކަމެއްތޯއެވެ. 

ތިޔަ ސުވާލުން ދެކަމެއް ފާހަގަ ކުރެވެއެވެ. އެއީ:

1.  ރަށްޓެހިވެގެން އުޅެން ބޭނުން ނުވުން

2.  މީހަކާ އިނުމަށް ޢާއިލާ އިން ހުރަސް އެޅުން 

ވީމާ، ދެނުކުތާގެ އަލީގައި ސުވާލަށް ޖަވާބު ދެވޭތޯ ބަލާނަމެވެ. وبالله التوفيق والسداد. 

ފުރަތަމަ މައްސަލަ: ރަށްޓެހިވެގެން އުޅެން ބޭނުން ނުވުން:

ރަށްޓެހިވެގެން އުޅުމަކީ އިސްލާމްދީން މަރްޙަބާ ކިޔާ ކަމެއް ނޫންކަމުން، އުޚްތާ ތިޔަގޮތުގައި ޢަޒުމް ކަނޑަ އަޅައިގެން ހުރި ކަމަށް ޓަކައި ވަރަށް ބޮޑަށް މަރްޙަބާ ކިޔަމެވެ. ނަމަވެސް، ކައިވެނި ކުރެވުމާއި ހަމައަށްވެސް، އެކަހެރިކޮށް ބައްދަލުކޮށް ނުހެދުމަށް ހަނދާންކޮށްދީ ނަޞޭޙަތްތެރިވަމެވެ. 

ދެވަނަ މައްސަލަ: ކައިވެނި ކުރުމަށް ޢާއިލާ އިން ހުރަސް އެޅުން: 

ދަންނައެވެ. އަންނަނިވި ފަދަ ޞިފަތައް ހުރި ފިރިހެނަކު ކައިވެނި ކުރަން އެދިއްޖެނަމަ އެކަމަށް ހުރަސް އެޅުމުގެ ބާރު ޢާއިލާ އަށް ލިބިގެން ނުވެއެވެ. ހުރަސް އަޅައިފިނަމަ ކޯޓަށް ގޮސްގެންވެސް ކައިވެނި ކުރެވިދާނެއެވެ.  

ކައިވެންޏަށް އިޚްތިޔާރު ކުރެވޭ ފިރިހެން ކުއްޖާގެ ކިބައިގާ ހުރުމަށް ބޭނުންވާ ޞިފަތައް ތިރީގައި މިވަނީއެވެ. 

1. ދީންވެރިކަން. ކައިވެނި ކުރެވޭ ފިރިހެނާގެ ކިބައިގާ ހުރުން އެންމެ ބޮޑަށް ބޭނުންތެރި ޞިފައަކީ ދީންވެރި ކަމެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކަށް ފުރިހަމަ އަށް ބޯލަނބާ ކިޔަމަންތެރިވާ ފަދަ މީހަކަށް ވުމެވެ. ކައިވެނި ކުރެވޭ ފިރިމީހާ އަކީ ދީންވެރިޔެއްތޯ ބަލާ ޔަގީން ކުރުމަކީ އަންހެން ކުއްޖާގެ ވަލީވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.  

އެގޮތުން ފިރިހެން ކުއްޖާ އަކީ ބަރާބަރަށް ނަމާދު ކުރާ ކުއްޖެއްތޯ ބަލަން ޖެހޭނެއެވެ. ސަބަބަކީ ﷲ ގެ ޙައްގުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ މީހަކު އަޅުތަކުންގެ ޙައްގުތަކާއި މެދުގައިވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. ސޫރަތުލް ބަގަރާގެ 221 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَلَعَبْدٌمُّؤْمِنٌخَيْرٌ‌مِّنمُّشْرِ‌كٍوَلَوْأَعْجَبَكُمْ) 

މާނައަކީ: " ތިޔަބައިމީހުން އެމީހަކާ ރުހި قبولވިޔަސް، ހަމަކަށަވަރުން مؤمنފިރިހެން އަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ."  

ސޫރަތުލް ޙުޖުރާތުގެ 13ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّأَكْرَ‌مَكُمْعِندَاللَّـهِأَتْقَاكُمْ  ) 

މާނައަކީ: " ހަމަކަށަވަރުން، اللَّهގެ حضرةގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوىވެރި މީހާއެވެ."  

ސޫރަތުއް ނޫރުގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالطَّيِّبَاتُلِلطَّيِّبِينَوَالطَّيِّبُونَلِلطَّيِّبَاتِ  ) 

މާނައަކީ: " ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ"  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَاأَتَاكُمْمَنْتَرْضَوْنَخُلُقَهُوَدِينَهُفَزَوِّجُوهُإِلَّاتَفْعَلُواتَكُنْفِتْنَةٌفِيالْأَرْضِوَفَسَادٌعَرِيضٌ)  

މާނައަކީ: "އަޚްލާގު ގޮތުންނާއި ދީނުގެ ގޮތުން ތިޔަބައިމީހުން ރުހޭ މީހަކު ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ ކައިވެނި ކޮށްދޭ ހުށި ކަމެވެ. ނޫންނަމަ ބިންމަތީގައި ފިތްނަވެރި ކަމަކާއި ބޮޑުވެގެންވާ ފަސާދަ އެއް އުފެދިދާނެއެވެ".   

2. ދީންވެރި ކަމާއި އެކު ރަގަޅު ޢާއިލާ އަކަށް ނިސްބަތްވާ މީހެއްތޯ ބެލުމަކީވެސް މުހިއްމު ކަމެކެވެ. ދީންވެރިކަމުގެ ގޮތުން ރަގަޅު ދެމީހުން ކައިވެނި ކުރުމަށް ހުށަހަޅައިފިނަމަ، އިސްކަންދިނުމުގައި ބަލާނީ ރަގަޅު ޞާލިޙް ޢާއިލާ އަކަށް ނިސްބަތްވާ މީހަކަށެވެ. ސަބަބަކީ ޞާލިޙް ޢާއިލާ އެއްނަމަ އަންހެނުންނަށާއި ލިބޭ ދަރިންނަށް ހެޔޮކޮށް ހިތާލެއް ބޮޑުވާނެއެވެ. 

3. މީގެ އިތުރުން ކައިވެނި ކުރެވޭ ފިރިމީހާ އަކީ އަނބިމީހާ ގޮވައިގެން އުޅެވޭ ވަރުގެ ޢާމްދަނީ އެއް ލިބޭ މީހެއްތޯ ބެލުމަކީ އެދެވިގެންވާ ކަމެކެވެ. މީގެ މާނައަކީ ބޮޑު ވިޔަފާރިވެރި އަކަށް ވުމެއް ނޫނެވެ. ނަމަވެސް ދެމީހުންގެ ޟަރޫރީ ޚަރަދުތައް ބެލެހެއްޓޭވަރުގެ މީހަކަށްވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ފާޠިމަތު ބިންތި ގައިސް ވަޑައިގެން ދެންނެވިއެވެ. ތިމަންނާ އާއި ކައިވެނި ކުރުމަށް ތިން ފިރިހެނަކުވަނީ ހުށަހަޅާފައެވެ. އެމީހުންނާއި މެދުގައި ކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ. 

އެހިނދު ޙަދީޘް ކުރެއްވިއެވެ. (فَأَمَّامُعَاوِيَةُفَرَجُلٌتَرِبٌلامَالَلَهُ ، وَأَمَّاأَبُوجَهْمٍفَرَجُلٌضَرَّابٌلِلنِّسَاءِ ، لَكَنْأُسَامَةُبْنُزَيْدٍ " ، فَقَالَتْبَيَدِهَاهَكَذَا : أُسَامَةُأُسَامَةُ ، فَقَالَلَهَارَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ : " طَاعَةُاللَّهِ ، وَطَاعَةُرَسُولِهِخَيْرٌلَكِ  )  

މާނައަކީ: "މުޢާވިޔާ އަކީ އަތުގައި ފައިސާ އެއް ނެތް ފަގީރެކެވެ. އަބޫޖަހުމް އަކީ އަންހެނުން ގައިގާ ތަޅާ މީހެކެވެ. އެހެންނަމަވެސް އުސާމާ ބިން ޒައިދަކީ ރަގަޅު މީހެކެވެ." އެހިނދު އެކަމަނާ އަތްޕުޅުން އިޝާރާތް ކުރައްވާ އުސާމާ އުސާމާ އޭ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ﷲ އަށް ކިޔަމަންތެރިވުމާއި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިވުން ކަމަނާ އަށް މާ އައުލާކަން ބޮޑުވެގެން ވެއެވެ." 

ކައިވެންޏަށް ހުށަހަޅާފައިވަނީ ދީންވެރި މީހަކާއި ފައިސާވެރި މީހެއް ކަމަށްވަނީނަމަ އިސްކުރަން ޖެހޭނީ ދީންވެރި މީހާ އެވެ. 

4. އަންހެނުންނަށް އޯގާތެރި މީހަކު ހޯދުމަކީވެސް މުހިއްމު ކަމެކެވެ. އަބޫޖަހުމް އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ އޭނާ އަކީ އަންހެނުންނަށް އަނިޔާކުރާ މީހެއް ކަމަށެވެ.  

5. ނުކުޅެދުންތެރިކަމާއި، ދަރިން ނުލިބޭ ފަދަ މީހަކަށްވުމާއި، އެނޫންވެސް ޢައިބު ތަކުން ސަލާމަތްވެގެންވާ މީހަކު ކަމުގައި ވުމަކީ އެދެވިގެންވާ ކަމެކެވެ.   

6. ދީނީ ޢިލްމު ލިބިގެންވަ މީހަކު ނަމަ އެފަދަ މީހަކު އިޚްތިޔާރު ކުރުން ބޮޑަށް އެދެވިގެންވެއެވެ. 

7. ކައިވެންޏަށް ހުށަހަޅާ ފިރިހެނާ އަށް ބެލުމަކީ އެދެވިގެންވާ ކަމެކެވެ. އަންހެން ކުއްޖާ ހިތްހަމަ ޖެހޭ ފަދަ މީހަކަށް ވުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް މިގޮތުން ދެމީހުން ބައްދަލުވާ ހިނދުގައި މަޙްރަމަކު ހުރުން ކޮންމެހެން ލާޒިމްވެގެން ވެއެވެ.  

8. ކައިވެންޏަށް ހުށަހަޅާ ފިރިހެނާ އާއި ބެހޭ މަޢްލޫމާތު ހޯދާ ސާފު ކުރުމަކީ ވަލީވެރިޔާގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.  

ކައިވެނި ކުރުމުގެ ކުރިން އިސްތިޚާރާ ނަމާދުކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި ޞާލިޙް ރަގަޅު ފިރިޔަކު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. والله أعلم. 

ގުޅުންހުރި އިތުރު 2 ސުވާލު: 

މީހަކާ އިނދެވަރިކޮށްފައިވާ އަންހެންކުއްޖަކާ އިންނަން އާއިލާއިން ނުގަބޫލުނަމަ ކަންކުރާނޭގޮތެއް ތަފްސީލްކޮށްބުނެދެއްވާށެވެ؟؟ 

ކައިވެނި ކުރަން އުޅޭ ކުއްޖާ އަކީ ދީނީ ގޮތުންނާއި އަޚްލާގީ ގޮތުން ރަގަޅު ކުއްޖެއްނަމަ ޢާއިލާގެ މީހުން ނުގަބޫލު ނަމަވެސް ކައިވެނި ކުރެވޭނެއެވެ. والله أعلم 

ތިމާ ކައިވެނި ކުރުމަށް ގަސްތުކުރާ ކުއްޖާޔާ  ފޯނުންވާހަކަ ދެއްކުމީ ކޮންކަހަލަ ކަމެއްތޯ އެވެ ؟

ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖަކާ ފޯނުން ވާހަކަ ދެއްކި ކަމުގައިވީނަމަވެސް ދެކެވޭ ވާހަކަ އަޑުއިވޭ ނުވަތަ އިނގޭ ހިސާބުގައި މީހަކު ހުންނަންވާނެއެވެ. ނޫންނަމަ އަންހެން ކުއްޖަކާ އެކަހެރިވެ ހުރެ ވާހަކަ ދެއްކުމުގެ ސަބަބުން ގޯސް ކަމަކަށް މަގުފަހިވުން އެކަށީގެންވާތީވެއެވެ. والله أعلم

މިއަދު އޮންލައިން