ބަންގި އަކީ މުދިމުގެ އަޑުން ﷲ ދެއްވަވާ ދަޢުވަތެއް! ބަންގިގޮވާއިރު މަސައްކަތްކުރުމުގަ ތިބެންޖެހުމަކީ ޖަމާޢަތް ދޫކޮށްލާ ސަބަބަކަށް ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ބަންގި އަކީ މުދިމުގެ އަޑުން ﷲ ދެއްވަވާ ދަޢުވަތެއް! ބަންގިގޮވާއިރު މަސައްކަތްކުރުމުގަ ތިބެންޖެހުމަކީ ޖަމާޢަތް ދޫކޮށްލާ ސަބަބަކަށް ނުހަދާށެވެ!

އަޅުގަނޑަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކީމެވެ. ބައެއް ފަހަރު ބަންގިގޮވާއިރުވެސް އުޅެންޖެހެނީ މަސައްކަތުގައެވެ. އެހެންކަމުން ވަޤުތުން ނަމާދުކުރަން އުނދަގޫތަކެއް ކުރިމަތިވެއެވެ. އެޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ތިރީގައިވާ ވާހަކައެވެ.

"ކިތަންމެ ބުރަކޮށް މަސައްކަތްކުރަން ހުއްޓައިވެސް ބަންގީގެ އަޑު އިވިއްޖެނަމަ މަސައްކަތް ހުއްޓައިލާށެވެ. ތާހިރުވެލާށެވެ. އަވަހަށް ގޮސް ޖަމާޢަތުގައި ބައިވެރިވެލާށެވެ. ނަމާދުކުރަން ގެއްލުނު ވަޤުތުކޮޅުގެ ބަދަލުގައި އެމީހަކަށް މާހެޔޮގޮތް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ބަންގިއަކީ ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ ދަޢުވަތެކެވެ. " ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަންނާށެވެ!" އެގޮވައިލެވެނީ މުދިމުގެ އަޑުންނަމަވެސް އެއީ އޭނާ ބުނާ ބުނުމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ދެވޭ ދަޢުވަތެކެވެ.

ބުރަކޮށް ގިނަ ވަޤުތުގައި މަސައްކަތްކުރާ މީހުން މަސައްކަތް ރާވައިލާށެވެ. ބަންގީގެ އަޑުއިވުމުން ޢިޖާބަދީ މިސްކިތަށް ދެވޭގޮތަށް މަސައްކަތްތައް ކުރިއާލައި ރާވާލައިގެން ކުރިއަށް ގެންދާނަމަ ބަންގީގެ އަޑުއިވުމުން ޢިޖާބަދޭން ފަސޭހަވާނެއެވެ. ބުރައަކަށް ނުވާނެއެވެ. އަދި އެގޮތަށް މަސައްކަތްކުރާނަމަ އެމީހަކަށް މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ" --އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ. އިތުރު ހިތްވަރެއް ލިބިލައްވާނެތެވެ. އިން ޝާ ﷲ

މިރޭގެ ދަރުސް މިފަށަނީ ކާރޫބާރޫ އެންމެ ބޮޑު ޤައުމުތަކުގެތެރޭގައި ހިމެނޭ އިންޑިއާގެ މަގުމަތިން ފެނުނު މަންޒަރަކުންނެވެ.

އިންތިހާއަށް ހޫނު ގަދަ ދުވަހެކެވެ. މީހަކު ދިއައީ ދަމާގާޑިޔަލެއް ފުރެންދެން ފިޔާ ބަސްތާތަކެއް ބަރުކޮށްގެންނެވެ. މެންދުރު ނަމާދުގެ ބަންގީގެ އަޑު އިވުމުން އޭނާ ގާޑިޔާ މަޑުކޮށް މަގުގެ އެއްފަރާތުގައި ބޭއްވިއެވެ. އަދި ކުޑަ ފެންފުޅިއެއްނަގައި ވުޟޫކޮށްލައިގެން ގާޑިޔާ ކައިރީގައި ނަމާދުކުރީއެވެ. ސަލާމް ދިނުމަށްފަހު ފުންމައިގެން ތެދުވެ ގާޑިޔާ ދަމަމުން ކުރިއަށްދާން ފެށިއެވެ.

އެއާކޮންޑިޝަން ކޮށްފައިވާ މިސްކިތްތަކުގައި ނަމާދުކުރާއިރު އެތަން ބައްލަވައިވޮޑިގެންވާ އިލާހް، އެމީހާ އެކުރި ނަމާދުވެސް ބައްލަވައިވޮޑިގެންވެއެވެ. އެފަދަ ދަތިހާލުގައިވެސް ބަންގީގެ އަޑަށް ވަގުތުން އިޖާބަ ދީ އޭނާ އެކުރި ނަމާދަށް ﷲ ތަޢާލާ ދެއްވަވާނެ "މާކްސް" ގިނަވާނެ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ!

މީސްތަކުންނޭވެ! މިހާމަކުރީ މިސާލުތަކެކެވެ. އަހަރެމެން އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ. ވާދަކުރަން މަސައްކަތް ކުރަންވީ ހެޔޮ އަމަލުކުރުމުގައެވެ. ވަގުތާއި ފުރުޞަތަކީ ހޯދީމައި ލިބޭނެ އެއްޗެކެވެ. އެއްވެސް މީހެއްގެ ފަހަތަކުން ވަގުތާއި ފުރުޞަތެއް ނުއަންނާނެއެވެ. ފަހަތުން ދާންޖެހެނީ ތިމާއަށެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރެވޭނީ ވަކި ފެންވަރެއްގެ ބައަކަށް ކަމަށެވެ. ބޮޑެތި ޢިލްމުވެރިންނަށް ކަމަށެވެ. ބޮޑެތި މަހުޖަނުންނަށް ކަމަށެވެ. އަދި ވަރަށް ގިނަ ވަގުތު ލިބޭ ބައަކަށް ކަމަށެވެ. އަދި އެފަދަ މީހުންނަކީ އެމީހުންގެ އަމިއްލަ ގޭގައި ކުދިކުދި މިސްކިތް ހަދައިގެން އަޅުކަން ކުރެވޭނެ ވަރުގެ ޖާގަ އޮންނަންޖެހޭނެ ބައެއް ކަމަށެވެ.

މިއީ ވަރަށް ބޮޑެތި ކުށް ހީކުރުންތަކެކެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވަނީ އެންމެ ދަތި ހާލުގައި ﷲ އާ ގާތް ވުމަށް މަސައްކަތް ކުރާ މީހުންނަށެވެ. އެހެންކަމުން އެއީ ވަކި ފެންވަރެއްގެ ބައަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ.

މިސާލަކަށް ތިބާއަކީ ވަރަށް ބުރަކޮށް، ވަރަށް ގިނައިރު މަސައްކަތްކުރަންޖެހޭ މީހަކަށްވެދާނެއެވެ. ބައެއް ވަގުތުތަކުގައި ހަމައެކަނި ފަރުޟު ނަމާދުގެ 4 ރަކްޢަތް ކޮށްލާނެ ވަގުތު ލިބޭ މީހަކަށްވެސް ވެދާނެއެވެ. ކަންބޮޑުނުވާށެވެ. އެފަދަ ވަގުތުތަކުގައި ހަމަ އެކަނި ފަރުޟު އަދާކޮށްލާށެވެ. ވަގުތު ލިބުމުން ސުންނަތް ކުރާށެވެ! ރަވާތިބް ސުންނަތް ޤަޟާ ވެސް ކުރެވޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން