އެއްވެސް ކަމެއްގައި އެންމެން އެއްގޮތެއް ނުވާނެއެވެ. ޢަމަލުކުރާނީ އެއްގޮތަކަށް ނޫނެވެ. މިއަދުނޫހުގެ ވަރަށް ގާތް އެކުވެރިއަކު ފޮނުއްވާފައިވާ ވާހަކަތަކާއި ގުޅިގެން ނަންގަނެލަން އޮތީ މިފަދަ މަތިވެރި ދުވަސްތަކެއްގައި އެންމެ މުހިންމީ ދެމަފިރިންގެ މެދުގައި އެކުވެރިކަމާއި ރަނގަޅު ގުޅުމެއް އޮތުން ކަމަށެވެ. ކާއެތިކޮޅުގައި ބައެއްފަހަރު ލާރަހައަކީ ހުރިހާ ކަމަކަށް ނުހަދަމާށެވެ! އެއީ ދެމަފިރިން ޒުވާބުކުރަންޖެހޭވަރުގެ ކަމަކަށް ނުހަދާށެވެ!
ކިޔުންތެރިޔާ އުޅުއްވާ ޙާލުގައި ނުވަތަ އެއަށްވުރެ ނިކަމެތި ޙާލުގައި އުޅުއްވާ ބޭބޭކަނބަލުންނަށް ދަންނަވާލަން އޮތީ ކޮންމެ ދުވަހަކު ކައްކަން ޖެހޭނީ އަނބިމީހާކަމަކަށް ކައިވެނީގެ ޚުޠުބާޢަކު ނުކިޔާ ނޫންތޯއެވެ؟ ބައެއް ދުވަސްދުވަހު ފިރިންނާއިވެސް އުނދުން ހަވާލުކޮށްލެއްވުން ރަނގަޅުވާނެއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ގިނަ ގޭގޭގައި އަބަދުވެސް އަންހެންވެރިންނަށް ތިބެންޖެހެނީ ފުޅަނގީގެ ޙާލަތުގައެވެ. ގިނަ ގޭގޭގައި އެކަނބަލުން ބަދިގޭގައި ތިބެ މަސައްކަތްކުރަން ޖެހެނީ ފުޅަނގީގެ ޙާލަތުގައި ކަމަށް ބުނަންޖެހެނީ ހަމަ އެފަދަ ޙާލަތުގައި ތިބެން އެކަނބަލުންނަށް ޖައްސާތީއެވެ.
ފުޅަނގީގެ ޙާލަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މައްޗަށް އަރައިފިނަމަ ހޯރަ ކައިލާނެތީ ދެފިޔަ އޮތް ނަމަވެސް މައްޗަށް އަރައި އުދުހެވޭކަށް ނުއޮވެއެވެ. އަޑިއަށް ހިނގައްޖެ ނަމަ މިޔަރު ކައިލާނެތީ އަޑިއަށް ދެވޭކަށްވެސް ނުއޮވެއެވެ. ސަލާމަތް އެއްވެސް ގޮތެއް ނުއޮންނާތީއެވެ.
އަންހެންވެރިންނަށް މިހާލަތު ދިމާވަނީ ކައްކާތަކެތީގެ ރަހައިންނެވެ. މިސާލަކަށް ލޮނުރަހަ، ފޮނިރަހަ، ކުޅިރަހަ ތަންކޮޅެއް ގަދަވެއްޖެ ނަމަ ސަލާމަތެއް ނުވެއެވެ. މަޑުވިނަމަވެސް ސަލާމަތެއް ނުއޮވެއެވެ. އުނދުންކައިރީގައި ގަދަހޫނުގައި ދުވާލު ހަތަރުދަމުހުރެ ކުރި މަސައްކަތުގެ ނަތީޖާއަކަށް ކެއްކި ތަކެތި މޫނު މައްޗަށް އަންނަނީ މަދަކުން ނޫނެވެ!
ކޮންމެއަކަސް މިޙާލަތުން ސަލާމަތްވުމަށްޓަކައި އެކަނބަލުންނަށް އޮތީ ރަހަބެލުމެވެ. ރަހައަށް ކިތަންމެ ކުޑަ ބަދަލެއް އައިނަމަވެސް ވަށައިގެން ހަމަލާތައް އަންނާނެތީއެވެ.
ރަހަބެލުމާއި ބެހޭގޮތުން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއފައިވަނީ ރަހަބެލުމަށް ބޭނުންވާ މިންވަރު ދުލުގައި ޖައްސައިލެވިދާނެ ކަމަށެވެ. ނަމަވެސް އެ މިންވަރުވެސް ދިރުވައިގެން ނުވާނެ ކަމަށެވެ. މާނައަކީ ކަރުން އެތެރެކޮށްގެން ނުވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ރަހަބެލުމަށްފަހު އަނގައިން ރަހަކެނޑޭވަރަށް ސާފު ފެންފޮދަކުން ކޯދޮވެ އަނގައިން ރަހަކަނޑުވަން ޖެހޭނެ ކަމަށެވެ. އެކަން ކުރަންވާނީ އެހައިވެސް ފަރުވާތެރިކަމާއިއެކުގައި ކަމަށެވެ.
ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ރަހަބެލުން ހުއްދަ ނަމަވެސް އެއީ ވަރަށް ފަރުވާތެރިކަމާއިއެކު ކުރަންޖެހޭ ކަމަކަށްވާތީ ގިނަ އަންހެނުން ރަހަބަލާނީ ވަރަށް ޖެހިލުންވެ ތިބެއެވެ. ވީމާ ހަމަ އަތަކަށް ބުރަވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވި ނަމަވެސް އެކަނބަލުންނަށް ރުޅި ބަސް ނުބުނާށެވެ! ކައްކަން އެކަނބަލުން ކުރި މަސައްކަތުގެ އަގު ވަޒަންކުރާށެވެ!"